މިމަހުގެ އެއްވަނަދުވަހަކީ ރާއްޖޭގެ ތަރީޚުގައި ތަޢުލީމީ ދާއިރާއިން ވަރަށްވެސް ތަފާތު ތަޖުރިބާއެއް ކުރި ދުވަހެކެވެ. ކޯވިޑް-19ގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން 3 މަހަށްވުރެ ގިނަ ދުވަހަށް މެދުކެނޑިފައި އޮތުމަށްފަހު، ސްކޫލުތަކަށް އަލުން ދަރިވަރުންދާ ފެށި ބޮޑެތި ބަދަލުތަކާއިއެކުއެވެ. މާސްކް އަޅައިގެން ދަރިވަރުން ކިޔަވަން ދާއިރު ސްކޫލްތައް ވަނި އެކުދިންނަށް ރައްކާތެރި ތަންތަނަށް ހެދުމަށް ބައެއް ބަދަލުތައް ގެނެސްފައެވެ.
ކޯވިޑްގެ ފަހުން ސްކޫލްތަކަށް ދަރިވަރުން ނުކުތީ މުޅި އަައު އާދަތަކެއް ހިފައިގެންނެވެ. އަދި މި އާދަތަކީ އެކުދިންގެ ދިރިއުޅުމުގައި އަބަދުގެ އަބަދަށް ހަރުލަންޖެހޭ އާދައަކަށް ހެދުމަކީ ސްކޫލްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ކުދިން ގަޔާވާ ގޮތަށް މި އާދަތައް ކިޔާދީ ކުދިންގެ ގައިގައި ހަރުލެއްވުމަށް އެކި ސްކޫލްތަކުން ކުރަނީ އެކި މަސައްކަތެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ނ. ޅޮހީ ސްކޫލުންވެސް ދަރިވަރުންނަށް މަރުޚަބާކީ މިދެންނެވި ގޮތުގެ މަތީންނެވެ. ކްލާސްރޫމްތަކުގެ ޑެސްކްތައް ދުރުދުރުގައި ބަހައްޓާ، ސްކޫލުގެ ގޯތިތެރޭގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމަށް މާކުތައް ވަނީ ކުރަހާފައެވެ. ސްކޫލުން ވެފައިވާ ތައްޔާރީތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާށް ދޫކޮށްލުމުން އެންމެ ގިނަ ބަޔަކު އަޅައިގަތީ، ދަރިވަރުންނާއި މުވައްޒަފުން އަތްދޮވުމަށް ހާދާފައިވާ ސިންކުތަކެވެ. ޅޮހީ ސްކޫލުގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ސިންކުތައް ފަރުމާކޮށް ހަދާފައިވަނީ ދިވެހިވަންތަ އަދި ތިމާވެށްޓާވެސް ރައްޓެހިގޮތަކަށް ލަކުޑި ބޭނުންކޮށްގެންނެވެ.
މި ޚިޔާލު އުފެދުނުގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޅޮހީ ސްކޫލުގެ ޕްރިންސިޕަލް ޢަލީ ޒާޙިރު ވިދާޅުވީ، އެ ސްކޫލުގެ މައިގަނޑު ވިސްނުމަކަށްވީ މިހާރުގެ ޚާލަތަށް ބަލައި، ވީހާވެސް ޚަރަދުކުޑަގޮތަކަށް އެކަން ކުރުން ކަމަށެވެ. އަދި ލަކުޑިން ސިންކުތައް ހެދުމުގެ ޚިޔާލަކީ ސްކޫލުގެ އިދާރީ މުވައްޒަފުންގެ ޚިޔާލެއްކަމަށާއި، އެ މަސައްކަތްކޮށްފައިވަނީވެސް އެމުވައްޒަފުން އަމިއްލައަށްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް މަސްދުވަހުގެ މަސައްކަތުން އިދާރީ މުވައްޒަފުން ވަނީ އެ ސްކޫލުގެ 4 ސަރަޙައްދެއްގައި އަތްދޮވުމަށް ޚާއްސަ ސްޓޭޝަން ހަދާފައެވެ.
ޢަލީ ޒާޙިރު ވިދާޅުވީ، ސިންކުތަކުގެ ޑިޒައިންތައް ފައިނަލްކުރީ އިންޓަނެޓް މެދުވެރިކޮށް އެފަދަ މަސައްކަތްތައް މީހުންކޮށްފައިވާގޮތް ބަލާ، ސްކޫލުގެ މާޙައުލާވެސް ގުޅޭނެހެންކަމަށެވެ. އަދި އެކަމަށް ބޭނުންކޮށްފައިވާ ލަކުޑިތަކަކީ މީގެ އެތައް އަހަރެއްކުރިން ސްކޫލުގެ ގޯތިތެރެ ބޮޑުކުރުމަށް ގަސްކެނޑުމުގެ ތެރެއިން އެއްކޮށްފައިހުރި ލަކުޑިތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ސިންކުތަކަކީ އައުޓްޑޯގައި ބަހައްޓަންޖެހޭ އެއްޗަކަށްވީމަ ފަސޭހައިން ސާފުކޮށް ގިނަ ދުވަހު ގެންގުޅެވޭނެ ޑިޒައިންނަކަށް ހެދޭތޯ އަޅުގަނޑުމެން ބެލީ. އަނެއްކާ ބޭނުންކޮށްފައި އެހުރީވެސް ކޮންމެ ކޮންމެތާކުން އެހާ ފަސޭހައިން ލިބޭނެ ލަކުޑިއެއްވެސް ނޫން. ވަރަށް އުނދަގޫވާނެ އެ ސައިޒުގެ ލަކުޑި ހޯދަންވެސް. ފަން ހަރުނުލާގޮތަށް މެރިން ވަރުނީސްވެސް ލާފައި ހުންނާނީ" ޒާޙިރު ވިދާޅުވިއެވެ.
ޅޮހީ ސްކޫލުގެ މި މަސައްކަތް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީވެސް ފާހަގަކޮށް ޓުވީޓް ކުރައްވާފައިވެއެވެ.
ސިންކުތައް ހެދުމުގެ އިތުރުން، ސްކޫލުގެ ފާޚަނާ ބަރި ހުންނަ ސަރަޙައްދަށް ދާން އުކާލާފައި ހުރި ސިމެންތި ބްލޮކްސް ބޭނުންކޮށްގެން އެ ސްކޫލުގެ މުވައްޒަފުން ވަނީ ޕޭވްމަންޓް ވޯކްވޭއެއް ސްކޫލުތައް ބަންދުކުރި މުއްދަތުގެ ތެރޭގައި ހަދާފައެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމަށް ޚާއްސަކޮށްގެން ޅޮހީ ސްކޫލުގެ ގޯތިތެރޭގައި ވަނީ "ނާސްތާ މާލަން" މި ނަމުގައި ޚާއްސަ ސަރަޙައްދެއްވެސް ހަދާފައެވެ. މިދިޔަ އަހަރުގެ ބޮޑު ޗުއްޓީގައި މި މަސައްކަތް ސްކޫލުގެ މުވައްޒަފުން ކޮށްފައިވަނީ އުކާލާފައިވާ ސާމާނާއި، ރިސޯޓުތަކާއި ވިޔަފާރިވެރިންގެ އެހީގައި ސާމާނު ހޯދައިގެންނެވެ. އެގޮތުން ބަދިގެއަކާއި، ކުދިންނަށް ހިޔަލުގައި ތިބެގެން ނާސްތާކުރެވޭނެ ހަޓްތަކެއް ވަނީ ހަދާފައެވެ.
ޅޮހީ ސްކޫލުގެ ގޯތިތެރެއިން ފެންނަ މިފަދަ ކޮންމެ މަސައްކަތަކީ ސްކޫލުގެ އިދާރީ މުވައްޒަފުން ތަންދެކެވާ ލޯތްބާއި ކުލުނުދައްކުވައިދޭ ހުނަރުވެރި މަސައްކަތްތަކެއްކަން ސްކޫލުގެ ޕްރިންސިޕަލް ޢަލީ ޒާޙިރު ފާހަގަކުރައްވާފައިވެއެވެ. އަދި އެ ސްކޫލުގެ އަބަދުވެސް ވިސްނުމަކީ ދަރިވަރުންނަށް ހިތްފަސޭހަކަމާއެކު ކިޔެވޭނެފަދަ ފެހިކަންގަދަ ހިތްގައިމު މާހައުލަކަށް ސްކޫލު ހެދުންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ ނ. ޅޮހީ ސްކޫލުގައި މިވަގުތު 160 ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. ނިއު ނޯމަލްގައި އެ ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 3 ގަޑިއަކަށް ކްލާސްތައް ބަހާލައިގެންނެވެ.