އައިއޯއައިޖީ

ޒުވާން މެޑަލިސްޓް ރަފާ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރެއިން ވަރަށް ގިނަ ކަންކަން ފާހަގަކުރެވިގެން ދިޔައެވެ. ވަރަށް ގިނަ ތަޖުރިބާތަކާއި ފިލާވަޅުތައް ލިބިގެންދިޔައެވެ. ހަމައެހެންމެ ކާމިޔާބީތައްވެސް ލިބިގެންދިޔައެވެ. މީގެތެރެއިން ފާހަގަކުރެވޭ އެއްކަމަކީ ޒުވާން މެޑަލިސްޓެވެ. އެންމެ 12 އަހަރުގައި މިފަދަ ބޮޑު ގޭމްސްއެއްގައި ވާދަކޮށް މެޑަލް ހޯދުމެވެ.އެއީ އިސްކަންދަރު ސްކޫލް ގްރޭޑް 7 ގައި ކިޔަވަމުން އަންނަ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާއަށް މެޑަލް ލިބުނީ ޓޭބަލް ޓެނިސް އަންހެން ޓީމްގައި ހިމެނުމުންނެވެ. މެޗެއް ނުކުޅުނު ނަމަވެސް އަންހެން ޓީމްގައި ހިމެނުމުން އެޓީމް ހޯދި ލޯ މެޑަލް ކަރުގައި އަޅުވާލުމުގެ ފުރުޞަތު ޅަ ކުޅުންތެރިޔާއަށްވެސް ލިބުނެވެ.މެޗެއް ނުކުޅެ މެޑަލް އެޅުވުމުން އެކަން ފާހަގަކުރީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލުއުފައްދަފާނެއެވެ. ޖަވާބު ސާފެވެ. ޅަ އުމުރުގައި އެންމެ ސީނިއަރ ކުޅުންތެރިންނާއެކު ރަފާ ގޭމްސްއަށް ދިޔަގޮތަށް ބަލާލަމާ ހިނގާށެވެ. ޅަ އުމުރުގައި ރަފާ ޓީމުން ޖާގަ ހޯދީ ސިލެކްޝަން ކުޅެގެންނެވެ. ސީނިއަރ ޓީމްގައި ހިމެނޭ ސީނިއަރ ކުޅުންތެރިންވެސް ބަލިކޮށްގެންނެވެ. އެއްވަނަ ކުޅުންތެރިޔާ މުއީނާ ފިޔަވައި ދެން ތިބި ކުޅުންތެރިން ސިލެކްޝަންގެ ފުރަތަމަ ބުރުގައި ރަފާ އަތްދަށުވިއެވެ. އޭގެ ތެރޭގައި ޖުމާނާއި ނިމާލްއާއި ޝިއުރާގެ އިތުރުން މަރިޔަމް ޒިޔުނީ ހިމެނެއެވެ. ކަން ދިމާކުރި ގޮތުން މުއީނާ އޭރު ރާއްޖެއިން ބޭރުގައި ތަމްރީން ހޯދަމުން ދިއުމުން މުއީނާއާއި ވާދަކުރުމުގެ ފުރުޞަތެއް ރަފާއަކަށް ނުލިބުނެވެ.އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލޯ މެޑަލް ހޯދި ޓީޓީ ޓީމްގައި ހިމެނި ޓީމް އިވެންޓްގައި މެޗެއް ކުޅުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް ރަފާ ވަނީ ސިންގަލްސް ބައިގައި ވާދަކޮށްފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުވެސްކޮށްފައެވެ. މަޑަގަސްކަރަ ކުޅުންތެރިޔަކާއި ވާދަކޮށް ހަތަރެއް ތިނަކުން ކުރި ހޯދިއެވެ. ރަފާ ބަލިވީ ރީޔޫނިއަން ކުޅުންތެރިއަކާއި މޮރިޝަޝް ކުޅުންތެރިއެއް އަތުންނެވެ.ޅަ އުމުރުގައި ބޮޑު ގޭމްސްއެއްގައި ވާދަކޮށް މެޑަލް އަޅުވާލަން ލިބުނު ފުރުޞަތަކީ ރަފާގެ ކުރިމަގަށް ލިބުނު ބޮޑު ހިތްވަރެކެވެ. ބޮޑު އުފަލެކެވެ." ވަރަށް އުފާވި. އެހާ ބޮޑު މުބާރާތެއްގައި މެޑަލް ލިބުނީމަ. " ރަފާ ބުންޏެވެ. މެޑަލްގެ އިތުރުން ރަފާއޮތް އޮތް ހިތްހަމަޖެހުންވެސް ކުޑައެއް ނޫނެވެ. " އެހެން ލެވެލްގެ މީހުންނާއެކު ކުޅެލަން ލިބުނީމަ އެކްސްޕީރިއަންސް ލިބޭ. ކުއެރުން ހޯދޭނެ. ވަރަށް ހިތްހަމަ ޖެހޭ، އުފާވޭ ސީނިއަރ ޓީމާއެކު ކުޅެވޭތީ." އެންމެ ބާރަ އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.ރަފާގެ ޓޭބަލް ޓެނިސް ކެރިއަރ ފެށިފައިވަނީ ރާއްޖެއަކުން ނޫނެވެ. އޭނާގެ ކެރިއަރ ފެށީ އިނގިރޭސި ވިލާތުންނެވެ. ރަފާގެ އާއިލާ ޔޫކޭގައި އުޅުމަށްފަހު ރާއްޖެ އައީ 2011 ވަނަ އަހަރުއެވެ. އޭގެ ކުރީ ހަތަރު އަހަރު ރަފާ ހުރީ މައިންބަފައިންނާއެކު ޔޫކޭގައެވެ. ރަފާ ޓީޓީ ކުޅެން ފެށީ ޔޫކޭގައި އުޅުނު އިރު ބައްޕަ އަބުދުﷲ ނާޒިމް އިބްރާހީމް ކުޅޭތަން ފެނި ޝައުޤުވެރިކަން އުފެދިގެންނެވެ. ރަފާގެ ބައްޕައަކީ ކުރީގެ ކުޅުންތެރިއެކެވެ. މިހާރުވެސް މަޖަލަށް ކުޅެން ގޮސްހަދާ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރެކެވެ." އޭރު ބައްޕަ ކުޅެންދާތީ އަޅުގަނޑު ދިޔައީ ބަލާލަން. ގޮސްފަ އަޅުގަނޑުވެސް ކުޅެން ފެށީ." ރަފާގެ ޓީޓީ ކެރިއަރުގެ ފެށުމަކީ މިއީއެވެ.އޭގެ ފަހުން އެތަނުގެ ސްކޫލަކަށް ބަރާބަރަށް ކުޅެން ގޮސް މުބާރާތްތަކުގައިވެސް ވާދަކުރެއެވެ. ދެ ފަހަރެއްގެ މަތީން ގޯލްޑް މެޑަލްވެސް ހޯދިއެވެ. އަދި އެނބުރި ޤައުމަށް އައިސް ދާދި އަވަހަށް ސީނިއަރ ޓީމުން ފުރުޞަތު ހޯދާ ރަފާ އެދަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުންނެވެ. ދެން އަންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެއްގައި ޓީމްގެ އެންމެ މުޙިއްމު ކުޅުންތެރިޔާއަށް ރަފާވުމަކީވެސް ދުރުކަމެއްނޫނެވެ. " އަޞްލު މިތަނަށް މިދެވުނީ ވަރަށް ހެލްޕާއެއްކޮށް މަންމައާއި ބައްޕަގެ. ކުރިއަށް އޮތް ތަނުގައި މުބާރާތްތައް ކުޅެގެން އެކްޕީރިއަންސް ލިބޭތޯ ބަލާނީ." ރަފާގެ ވާހަކައަކީ މިއީއެވެ.ޒުވާން ކުޅުންތެރިޔާގެ ހުނަރު ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ މުއީނާ މުޙައްމަދު ސިފަކުރަނީ މިހެންނެވެ." ކޮންޓިނިއުސް ކޮއްފިއްޔާމް ޝީކޭން، ރާއްޖެއަށް ރީތިނަމެއް ހޯދައިދެވޭނެ. ޑިސިޕްލީނާއެއްކޮށް ހިފެހެއްޓިއްޖިއްޔާމް." ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެންމެ ކާމިޔާބު ކުޅުންތެރިޔާ މުއީނާ ބުންޏެވެ.