ޚަބަރު

ކޯވިޑް-19 : އައިޖީއެމްއެޗް އިން 11 މީހުން ޕޮޒިޓިވް، 27 މީހުން އައިސޮލޭޓްކޮށްފި


ސަރުކަރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އިން 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު އެމެޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ.އަލީ ނަޒީމް ވިދާޅުވީ، އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުންދިޔަ އިންޑނޭޝިއާ މީހާކު މަރުވިއިރު އޭނަގެ ޓެސްޓް ހެދުމުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މިއާއެކު އޭނާއާއި ކޮންޓެކްޓްވީ މީހުން ދެނެގަނެ އެމީހުންނާއި، އައިސީޔޫގައި ތިބި ހުރިހާ ބަލިމީހުން ޓެސްޓްކޮށްފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ. ހޮސްޕިޓަލުގެ ތެރެއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ގިނަ ކަންތައްތަކެއް ބަލައި، ހޮސޕިޓަލުގެ ޚިދުމަތްތަކަށާއި، އުސޫލްތަކަށް ބަދަލުތަކެއް ގެންނަން ފަށާފައިވަކަން ނަޒީމް ފާހަގަކުރެއްވިއެވެ. ކޮންޓެކްޓް ޓްރޭސިން ވަރަށް ގިނަ ޢަދަދަކަށް ހެދިފައިވާކަމަށާއި، މިހާތަނަށް އެ ހޮސްޕިޓަލުން 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރ ނަޒީމް ވިދާޅުވިއެވެ.

އޭގެތެރޭގައި ހިމެނެނީ މަރުވި އިންޑޮނޭޝިއާ މީހާގެ އިތުރުން ހޮސްޕިޓަލުގެ 4 ސްޓާފުންނާއި، މިހާރު ފަރުވާދެމުން އަންނަ 4 ބަލިމީހުންނާއި، ބަލިމީހުންގެ އާއިލާގެ 2 މީހުންނެވެ. ޑޮކްޓަރ ނަޒީމް ވިދާޅުވީ، ހޮސްޕިޓަކުގައި ފަރުވާދެމުން އަންނަނިކޮށް ޕޮޒިޓިވްވި އެންމެންނަކީވެސް އައިސީޔޫއިން ވޯޑަށް ބަދަލުކުރި ބައެއްކަމާއި އެމީހުންނަށް މިހާރު ފަރުވާދެމުން އަނަނީ ދަރުމަވަންތަ ހޮސްޕިޓަކުގައިކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އަދި އަނެއް ދެމީހުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ އެހޮސްޕިޓަލުގެ 27 މުވައްޒަފަކު އައިސޮލޭޓްކޮށްފައިވާކަމަށެވެ. ޑޮކްޓަރ ވަނީ އެ ހޮސްޕިޓަލުން ޕޮޒިޓިވްވި ހުރިހާ ސްޓާފުންގެ ހާލު ރަނގަޅުކަން ފާހަގަކުރައްވާފައެވެ.

"މިހާރު އުސޫލްތަކަށް މިވަނީ ބަދަލުތަކެއް ގެނެސްފަ. ހުރިހާ އެޑްމިޝަންތައް މިހާރު ޓެސްޓް ކުރަމުންދާނީ. އެއީ މިހާރު ތިބި ޕޭޝަންޓުންނާއި އެޑްމިޓް ކުރާ ޕޭޝަންޓުންގެ ރައްކާތެރިކަމަށްޓަކައި. އެންމެންގެ ރައްކާތެރިކަމަށްޓަކައި މިއުސޫލަށް މިބަދަލުގެނައީ. އިތުރަށް ޕްރޮޓޮކޯލް ރަނގަޅުކުރެވޭނެ ގޮތް ޑޮކްޓަރުންނާއި ނަރުހުންނައި ގުޅިގެން ކޮލިޓީ އެޝުއަރެންސްއިން ބަލުމުންދަނީ." ޑޮކްޓަރ ނަޒީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗަކީ ދުވާލެއްގެ މައްޗަށް ފަސްހާހަށްވުރެ ގިނަ މީހުން ފަރުވާހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ހަމައެކަނި އެމެޖެންސީ ޚިދުމަތްތައް ދެމުން އައިސް ފުރަބަންދަށް ދިން ލުއިތަކާއެކު އޯޕީޑީގެ ޚިދުމަތާއި އެނޫންވެސް ބައެއް ޚިދުމަތްތައް ވަނީ ފަށާފައެވެ. ޑޮކްޓަރ ނަޒީމް ވިދާޅުވީ ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ހޮސްޕިޓަލުގެ އުސޫލުތަކަށް ބަދަލުގެނެސްފައިވާކަމަށާއި، އެގޮތުން އެމެޖެންސީ ސާރޖަރީތައް ފިޔަވާ އެހެން ސާރޖަރީތައް މަޑުޖައްސާލާފައިވާކަމަށެވެ.
ޑޮކްޓަރ ވަނީ ބަލީގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ޒިޔާރަތްނުކުރައްވާ ކްލިނިކްތަކަށް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ހޮޕިޓަލުތަކުގައި ފަރުވާދެމުން އަންނަނީ 11 މީހަކަށެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށާއި، އެއީ ޓްރީޓޮޕް ހޮސްޕިޓަލުން ދަރުމަވަންތައަށް ބަދަލުކުރި މީހެއްކަމަށްވެސް ޑޮކްޓަރ ނަޒީމް ވިދާޅުވިއެވެ.