ޚަބަރު

ތެލެސީމިއާ ސެންޓަރަށް ދިމާވެފައިވާ ދަތިތައް ނާއިބް ރައީސް އޮޅުންފިލުއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ތެލެސީމިއާ ސެންޓަރަށް ނާއިބް ރައީސް މިއަދު ކުރެއްވި މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭގޮތް ބައްލަވާލައްވައި އެ ސެންޓަރުން ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނާއިބް ރައީސާއި ޙިއްޞާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކާއި ބައްދަލުކުރައްވައި، ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތުވެސް ސާފު ކުރައްވާފައެވެ.

މި ޒިޔާރަތުގައި ނާއިބް ރައީސް ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގެ ފަރާތުން އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި ނާއިބް ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.