ބީއެމްއެލްއިން މާލޭގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ބަދަލުތަކެއް ގެނެސްފިއެވެ.
ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުން ވަނީ އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ބީއެމްއެލް އޭޓީއެމް ސެންޓަރގައި ޑޮލަރު އޭޓީއެމްތައް ހުންނަ ސަރަޙައްދު ބަދަލުކޮށްފައެވެ. އެގޮތުން ކުރިން ރުފިޔާ ނަގަން ޙާއްސަ ކޮށްފައިވާ އޭޓީއެމްތައް މިހާރު ޙާއްސަކޮށްފައި ވަނީ ހަމައެކަނި ޑޮލަރު ނެގުމަށެވެ.
މިބަދަލާއެކު ޑޮލަރު އޭޓީއެމްތައް ކައިރީ ކިއު ހަދާ ފަރާތްތަކަށް އިތުރު ޖާގަ އޭޓީއެމް ސެންޓަރުން ލިބިގެންދާނެއެވެ. ޑޮލަރު އޭޓީއެމްތައް ކުރިން ހުންނަ ސަރަޙައްދަކީ ޖާގަ ކުޑަ ތަނަކަށްވުމުން، ބައެއް ވަގުތުތަކުގައި އޭޓީއެމްތައް ކައިރީ ހަދާ ކިއުތައް މަގުމައްޗާ ހަމައަށް ދިގުވެގެންވެސް ދެއެވެ.
ކުރިން ޑޮލަރު ނަގަމުންދިޔަ އޭޓީއެމްތައް ދިވެހި ރުފިޔާ ނަގާ އޭޓީއެމްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާތީ އެ އޭޓީއެމް ސެންޓަރއިން ދިވެހި ރުފިޔާ ނެގޭނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
ބީއެމްއެލުން ދާދިފަހުން ވަނީ މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއްވެސް ހުޅުވައިފައެވެ. މ.ސްޓަރ ކްލައުޑް (ކުރީގެ ސްޓަރ ސިނަމާ) އިމާރާތުގައި ހުޅުވާފައިވާ އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މިތަނުން 24 ގަޑިއިރު ޙިދުމަތް ލިބެން ހުންނާނެއެވެ.
މި ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް އެކުލެވިގެންވާ 3 އޭޓީއެމް ހިމެނެއެވެ. އަދި މި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ.
ބީއެމްއެލްއިން މިހާރުވެސް އަންނަނީ 56 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް ސެންޓަރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ޙިދުމަތްދެމުންނެވެ.