ޚަބަރު

ނަޖީބް އިސްތިއުފާދެއްވާފައި ވަނިކޮށް ވަކިކުރުމުގެ މައްސަލަ ދެން ނުބެލޭނެ - ހިސާން


ގާޟީ ހަސަން ނަޖީބް މަޤާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް އޭނާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޖޭއެސްސީގެ ރައީސްކަން ކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ގާޟީ ހަސަން ނަޖީބް މަޤާމުން އިސްތިއުފާ ދެއްވަފައިވަނިކޮށް އޭނާ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސްކަން ކުރައްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ގާޟީ އިސްތިއުފާގެ ސިޓީ ހުށަހެޅި ދުވަހުން ފެށިގެން އޭނާ ހުންނާނީ މަޤާމުން ވަކިވެފައިކަމަށެވެ. ދެން އެއިޖުރާތު ނިމިފައިވަނިކޮށް އެކަން އަލުން ނަގައި އޭނާ ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމަށް ހިސާން ވިދާޅުވިއެވެ.

މިމައްސަލައިގަ ވާހަކަ ދައްކަވަމުން ޖޭއެސްސީގަވެސް ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ރައީސް ވިދާޅުވީ މިމައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައިވަނިކޮށް ރޭދަންވަރު ނަޖީބް އިސްތިއުފާ ދެއްވުމުން މިކަމުގައި އަމަލުކުރައްވާނެ ގޮތަކާއިމެދު ސުވާލު އުފެދުނުކަމަށެވެ. ނަމަވެސް ޖޭއެސްސީން މަޖިލީހުގައި އެދިފައިވަނީ އޭނާ މަގާމުން ވަކިކުރުމަށް ކަމަށްވުމުން އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. މިމައްސަލަ ބެލުމަށް ޖޭއެސްސީން 6 ދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިމައްސަލައިގަ ބަހުސްކުރުމަށް ހުޅުވާލި 30 މިނިޓްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޝަރަފްވެރިކަމާއެކު މަޤާމުން ވަކިވެ އިސްތިއުފާދެއްވާ ބޭފުޅުންނަށް ދޭން ކަނޑައަޅާފައިވާ އިނާޔަތް މިހާބޮޑު އިލްޒާމްތަކަކާއެކު ވަކިކުރަން ނިންމާފައިވާ ގާޟީއަކަށް ދިނުމަކީ ބަލައި ގަނެވޭނެކަމެއްނޫކަމަށެވެ. އޭނާ ވަނީ އެގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

މަޖިލީހުގެ ރައީސް ވަނީ މިމައްސަލައިގެ ބަހުސް ނިމުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިމައްސަލަ ފޮނުވާފައެވެ. ޤާޟީ ޙަސަން ނަޖީބާއި ގުޅޭގޮތުން ޖޭއެސްސީން ބެލިބެލުމުން ސިޔާސީ ކަންކަމުގައި ޤާޟީ އަމަލީ ގޮތުން ބައިވެރިވެފައިވާކަމާއި ޤާނޫނާ ޚިލާފަށް އަމުރު ނެރެފައިވާކަން ކޮމިޝަނަށް ސާބިތުވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އެގޮތުން އޭނާ ވަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ.ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި އެކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ޤާޟީ ޙަސަން ނަޖީބު ބައިވެރިވިކަމާއި، އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން ނަޖީބު ބައިވެރިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވާ ނެރުނު ބަޔާނެއްގައި ވަނީ މަޤާމުން އިސްތިއުފާދެއްވީ މި ދަނޑިވަޅު ޝަރުއީ ނިޒާމުގެ ތެރޭގައި ފަނޑިޔާރުންނަށް، މުސްތަޤިއްލުކަމާއި މިނިވަންކަމާއެކު ޙުކުމް ކުރުމުގެ މާޙައުލުނެތި ގެއްލި ގޮސްފިކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އަދި ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ބަދަލު ހިފުމުގެ ޖޯޝާއި ފޯރީގައި އޮތް މަޖިލީހަކަށް ވުމުން އެމަޖިލީހުން އިންސާފު ލިބިދާނެކަމަށް ޤަބޫލުނުކުރެވޭތީކަމަށްވެސް ޤާޟީ ޙަސަން ނަޖީބުގެ ބަޔާނުގައިވެއެވެ.