ޚަބަރު

ހިޔާ މަޝްރޫޢު"ގެ މިހާތަނަށް ނުގުޅޭ ފަރާތްތަކުގެ ނަންތައް އާއްމުކޮށް ގުޅަން އެދެފި


ހިޔާ މަޝްރޫޢު" ގެ ދަށުން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މިހާތަނަށް ނުގުޅޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފިއެވެ. މި ލިސްޓް އާއްމުކޮށްފައިވަނީ ގެޒެޓްގައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރައްވާފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި، މިއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކުރައްވައެވެ.

ގެޒްޓެގައި އާއްމުކޮށްފައިވާ ލިސްޓުން އެންމެ ގިނަ އަދަދަކަށް މީހުންނަށް ނުގުޅި ވަނީ H8 ކެޓަގަރީންނެވެ. މި ކެޓަގަރީން ނުގުޅޭ 289 މީހަކު ވަނީ ފާހަގަކޮށްފައެވެ. ދެން އެންމެ ގިނަ މީހުންނަށް ނުގުޅިވަނީ H6 ކެޓަގަރީންނެވެ. މި ކެޓަގަރީން 141 މީހަކާ ވަނީ ދީފައިވާ ނަމްބަރާއި ނުގުޅިއެވެ. H10 ކެޓަގަރީން 10 މީހުންނާއި ގުޅިފައިނުވާއިރު H4 ،H5 މި ކެޓަގަރީން ކޮންމެ ކެޓަގަރީއަކުންވެސް މިހާތަނަށް ނުގުޅި އޮތީ އެންމެ މީހަކާއެވެ.

މި ލިސްޓްތަކުގައިވާ ފަރާތްތަކުން މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ 15:00 ގެކުރިން https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދިވަޑައިގަންނަވައެވެ.