ޚަބަރު

ބަނދަރުގައި ބޭރުތޮއްޓެއް ލައިގެންވެސް އުދައެރުުގެ މައްސަލައަށް ހައްލެއް ބޭނުންވޭ


ތިނަދޫއަށް އާދަޔާއި ޚިލާފަށް އުދައަރައި، ރަށުގެ ރައްޔިތުންނާއި، ރަށުން ޚިދުމަތް ހޯދަމުންދާ އެތައް ރައްޔިތުންތަކަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފެވެ. ސަނީފް ހުށަހެޅުއްވި މިމައްސަލައިގަ ބަހުސްކުރުމަށް ފާސްވެފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.

ސަނީފް ހުށަހެޅުއްވި މިމައްސަލައިގަ ބުނެފައިވަނީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚާއްސަކޮށް ހުޅަނގުމޫސުގައި ރަށްރަށް އުދައަރައި ގެއްލުންވަމުންދާކަމަށެވެ. ނަމަވެސް މިފަހަރު ރަށްރަށަށް އަރަމުންދާ އުދައިގެ ސަބަބުން ތިނަދޫއަށް ވަރަށްބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު އާދަޔާއި ޚިލާފަށް ރަށަށް އުދައަރައި ރަށުގައި ދިރިއުޅެމުންދާ އެތައްހާސް ރައްޔިތުންނަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ.

ތިނަދޫއަކީ ކޮންމެ ދުވަހަކުވެސް މަދުވެގެން 1500 އަށްވުރެގިނަ މީހުން ޚިދުމަތް ހޯދުމަށް އަންނަ ރަށަކަށްވާއިރު، ފެރީގައި ދަތުރުކުރާ މީހުންވެސް މަދުނޫންކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން މި ޚިދުމަތް ހޯދާ މީހުންނަށްވެސް ރަށަށް އަރާފޭބުމުގައި ބޮޑެތި ތަކްލީފްތަކެއް ކުރމަތިވެފައިވާކަމަށް ސަނީފް ވިދާޅުވިއެވެ.

"ރާއްޖޭގެ އެންމެބޮޑު އަތޮޅު އެންމެ އާބާދީ ބޮޑު ރަށަށް އުދައެރުމުގެ ސަބަބުން ރަށާއި، އަތޮޅުން ޚިދުމަތް ހޯދާ އެތައް ރައްޔިތުންނަށް އެކަމުގެ ގެއްލުން ދަނީ ލިބެމުން. މިފަހަރު އުދައެރުމުގައި މީގެކުރިން ނާރާ ވަރަށް ވަނީ އަރާފަ. 800 ފޫޓަށް ވަނީ ލޮނުގަނޑު އަރާފަ. ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށް، ރަށުގެ މިސްކިތް، އިމާރާތްތައް، ހިފާގެންގުޅޭތަކެތި، ކެމްޕަހަށް މިކަމުގެ ނޭދެވޭ އަސަރުވަނީ ކޮށްފަ. މިކަމުގެ ސަބަބުން އޮޑިދޯނިފަހަރަށް، ގެއްލުންވެ މަހަށްނުފުރި، މަރާމާތުކުރަން ދުވަސް ނެގުމުން އިޤްތިޞާދީ ގެއްލުންވެސް ބޮޑު. މިކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ 12000 މީހުންނަށް ގެއްލުންވުމުގެ އިތުރުން އެކި ބޭނުންތަކުގައި ޚިދުމަތްހޯދާ 1500 އެއްހާ މީހުންނަށް ދަތި އުނދަގޫކަންތައްތަކެއް ދަނީ ކުރިމަތިވަމުން" ސަނީފް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ގުޅިގެން ތިނަދުއަށް އާދަޔާއި ޚިލާފަށް އުދައެރުމުގެ ސަބަބުން ވަމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ލިބެންޖެހޭކަމަށް ސަނީފް ވިދާޅުވިއެވެ. އެހައްލަކީ ރަށުގައި އަލުން ބޭރުތޮއްޓެއް ލުންކަމަށްވާނަމަ އެކަންވެސް އަވަސްގޮތަކަށް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ސަނީފްވަނީ ގޮވާލާފައެވެ.

މިމައްސަލައިގަ ވާހަކަ ދެއްކެވި މެމްބަރުންވަނީ މޫސުމީ ވިއްސާރަތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އުދައެރުންފަދަ މައްސަލަތަކަށް ހައްލެއް ބޭނުންކާމަށް ވިދާޅުވެފައެވެ. މިކަމުގެ އަސަރު ކުރަނީ ވަކިރަށަކަށް އެކަނި ނޫންކަމަށާއި، މިކަމުގެ އަސަރު މުޅި ރާއްޖެއަށް ވަރަށްބޮޑަށް ކުރަމުންދާކަމަށް މެމްބަރުން ވިދާޅުވިއެވެ. ނަމަވެސް މިފަހަރު ތިނަދޫއަށް އުދައަރައި ކުރިމަތިވަމުންދާ ގެއްލުންތަކަށް އަވަސް ހައްލުތަކެއް ހޯދަންޖެހިފައިވާކަމަށް މެމްބަރުން ވިދާޅުވެފައިވެއެވެ.

ރޮކެޓް ސައިންސް

ބޭރު ތޮށި ލާނެ ލާރި ބަޖެޓުގަ ނެތިއްޔާ ސިޓީ ހޮޓަލެއް ހަދަން އެތަން (އިރުމަތީ ފަރާތު ފަރުން ފެށިގެނަ ފަޅުގަ ކޮނެފަ އިން ހިސާބަށް ) ބަޔަކަށް ދީ އެ ޕްރޮޖެކްޓްގެ ތެރެއިން އެތާގަ ބޭރު ތޮށިލާބަލަ. ކަލޯ މެންނަށް ނުވަންޏާ އެތާގަ ސިޓީ ހޮޓާ ހަދާނެ ބަޔަކުވެސް ހޯދަދީފާނަން

ބިގަރު ކައުންސިލް

އަދިވެސް ބާވެފަ އޮތް ކެރޭނެއް ގަނެވޭތޯ ބަލާ