ޚަބަރު

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށް އެކުލަވާލި ޤަވާއިދަށް ޤާނޫނީ ބާރުދީފި


ޢާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގައި "ކުޑަކުދިންގެ އަދުލުގެ ޤަވާއިދު" ހިމަނާ މިޤަވާއިދަށް ޤާނޫނީ ބާރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ޢާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނުގައި "ކުޑަކުދިންގެ އަދުލުގެ ޤަވާއިދު" ހިމެނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ޤަވާއިދު ކޮމިޓީން މިމަސައްކަތް ކުރައްވާފައިވާ ގޮތާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، މިޤަވާއިދަކީ ޤާނޫނީ ބާރެއްނެތް ޤަވާއިދަކަށް ވުމުން މި ޤަވާއިދު އާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނުގައި ހިމެނުމަށް ޖުވެނައިލް ކޯޓުން އެދިވަޑައިގެންފައިވާކަމަށެވެ.

މިމައްސަލަޔަކީ ޤާނޫނީ ގޮތުން އެއް ޤާނޫނު އަނެއް ޤާނޫނާއި ތަޢާރަޒުވާ މައްސަލަތަކެއް ހުރި ޤަވާއިދަކަށްވުމުން މިކަމާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށް އެބޭފުޅުންގެ މަޝްވަރާވެސް ކޮމިޓީން މިމަސައްކަތް ނިންމުމުގެ ކުރިން ހޯދާފައިވާކަމަށް އާމިރު ވިދާޅުވިއެވެ. އާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނުތަކުގެ މުއްދައްތު މިއަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް އިތުުރުކޮށްފައިވާއިރު، މި ޤާނޫނުގެ ދަށުން ބާރުލިބިފައިވާ ހުރިހާ ޤަވާއިދުތަކަށް ހައްލުލިބޭނެހެން ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެކަމުގެ ޔަގީންކަން ބަންޑާރަ ނައިބް ދެއްވާފައިވާކަމަށް އާމިރު ވިދާޅުވިއެވެ.

ޢާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނުގައި "ކުޑަކުދިންގެ އަދުލުގެ ޤަވާއިދު" ހިމެނުމުން މިހާރު ކޯޓުތަކުގައި ހުރި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އާމިރު ވިދާޅުވިއެވެ. މިމައްސަލައަށް ހައްލުގެނެސް އާންމު ޤާނޫނުތަކާއި ބެހޭ ޤާނޫނުގެ ދަށުން މި ޤަވާއިދު ހިމެނުމާއެކީ ކުޑަކުދިންގެ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޤާނޫނުގައި ހުރި ގިނަ މައްސަލަތަކަށް ޝަރުއީ މަރުހަލާގައި ހައްލުހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ކުޑަކުދިންގެ ހައްގުތަކަށް ހިމާޔަތްކޮށް، އެކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އެންމެ ފުރަތަމަ ޤާނޫނެއް އެކުލަވާލެވިފައިވަނީ 1991ވަނަ އަހަރުއެވެ. ޢާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނުގައި "ކުޑަކުދިންގެ އަދުލުގެ ޤަވާއިދު" އަށް ޤާނޫނީ ބާރު ދީފައިވަނީ 2008 ވަނަ އަހަރުއެވެ. އަދި މިހާރު އަމަލުކުރަމުންދަނީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ގޮތުގައި 2019 ވަނަ އަހަރު އެކުލަވާލަވާލި ޤާނޫނަށެވެ. މިޤާނޫނުގައި މިޤަވާއިދުގައި ހިމެނޭ ކަންކަން ނުހިމެނުމުން، ޝަރީއަތުގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ބެލުމުގައި ދަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންނެވެ. ނަމަވެސް ޢާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނުގައި "ކުޑަކުދިންގެ އަދުލުގެ ޤަވާއިދު" މިއަދު ހިމެނުމުން މިމައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.