މުނިފޫހިފިލުވުން

"ދަ ކިސިންގް ބޫތު-2" 24ގައި ނެޓްފިލިކްސަށް


މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމް "ނެޓްފިލްކްސް"ގެ އޮރިޖިނަލް ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ "ދަ ކިސިންގް ބޫތު-2" އެކެވެ.

މިއީ 2018 ވަނަ އަހަރު ރިލީޒްކުރި ޓީން ރޮމޭންޓިކް ކޮމެޑީ ފިލްމް "ދަ ކިސިންގް ބޫތު"ގެ ސީކުއަލްއެކެވެ. ފިލްމުގެ އޮފިޝަލް ޓްރެއިލަރ ނެޓްފިލްކްސްއިން މިހާރު އާއްމުކޮށްފައިވާއިރު، ޓްރެއިލަރ ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ. މި ފިލްމް ނެޓްފިލްކްސްއަށް އަންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ފިލްމުގެ ދެވަނަ ބައި ޑައިރެކްޓްކޮށްފައިވަނީ ފުރަތަމަ ބައިވެސް ޑައިރެކްޓްކޮށްފައިވާ ވިންސް މާރސެލޯއެވެ.

ޒުވާން ކުދިންތަކެއްގެ މެދުގައި ހިނގާ ލޯބީގެ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ މެއިން ކެރެކްޓަރ އެލް އެވެންސްގެ ރޯލުން ފެނިގެންދަނީ ޖޯއީ ކިންގްއެވެ. އަދި އޭނާގެ އެންމެ ގާތްރަހުމަތްތެރިޔާ ލީ ފްލީންގެ ރޯލުން ޖޯލް ކޯޓްނީ ފެނިގެންދާއިރު ލީގެ ބޭބެ އަދި އެލްގެ ލޯބިވެރިޔާ ނޯއަ ފްލީންގެ ރޯލު ކުޅެފައިވަނީ ޖޭކޮބް އެލޯރޑީއެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި އެލްއަށް އޭނާގެ އެންމެ ގާތްރަހުމަތްތެރިޔާގެ ބޭބެދެކެ ލޯބިވެވިގެން ހިނގާ ތަފާތު ކަންކައްތަކެއް ދައްކުވައިދީފައިވާއިރު، ދެވަނަ ބައިގައި ފެނިގެންދާނީ އެ ދެމީހުންގެ ދެމެދު "ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕް" ވޯކްއައުޓް ނުކޮށްގެން ހިނގާ ތަފާތު ކަންތައްތަކެކެވެ. ދެވަނަ ބައިން ފިލްމުގެ މެއިން ކާސްޓަށް އިތުރު 2 ތަރިއަކު ވަނީ އިތުރުކޮށްފައެވެ. އެއީ މެސޭ ރިޗާރޑްސަން ސެލާސްއާއި ޓޭލާރ ޕެރޭޒްއެވެ.

"ދަ ކިސިންގް ބޫތު"އަށް ކްރްޓީކުންގެ ފަރާތުން މާ އެދެވޭ ރިވިއުތަކެއް ލިބިފައިނުވި ނަމަވެސް މި ފިލްމްވެފައިވަނީ ޒުވާނުންގެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފިލްމަކަށެވެ. އެގޮތުން މިއީ ނެޓްފިލްކްސް އިން މިހާތަނަށް އެންމެ ގިނައިން މީހުން ބެލި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ކޮންމެއަކަސް މި ފިލްމުގެ ދެވަނަ ބައިގެ އޮފިޝަލް ޓްރެއިލަރއާއެކު ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުވެފައިވާއިރު، ރޮމް-ކޮމް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫނެވެ.