ޚަބަރު

ސީއެސްސީގެ 4 މެމްބަރަކު ވަކިކުރުން މާދަމާ


ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ފާޠިމަތު އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މާދަމާގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް ހުށަހަޅައި ބަހުސްއަށްފަހު ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.

އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ކޮމިޓީން ވަކި ކުރުމަށް މީގެކުރިންވެސް ވަނީ ކޮމިޓީން ނިންމާފައެވެ. އާމިރާގެ މައްސަލައިގަ ކޮމިޓީން ވަނީ ލިޔުމުން ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމާ އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ކޮމިޓީންވަނީ އާމިރާއަށް ތުހުމަތުކުރެވުނު ކަންތައްތަކާއި ގުޅިގެން މައްސަލަތައް ސާފުކޮށް އާމިރާ ވަކިކުރަންޖެހޭ ސަބައެއް ނެތްކަމަށް ނިންމާފައެވެ. އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. މިމައްސަލައިގަ ނެގި ވޯޓުގައި އާމިރާ ކޮމިޝަނުން ވަކިކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ 5 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.