ޚަބަރު

ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް އެކްސެސްލިބޭ 60 މީހުން، ބިދޭސީންވެސް އޭގެ ތެރޭގައި ހިމެނޭ


ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި ހަރުދަނާ އުސޫލެއް ޤާއިމްކުރުމަށް އިމިގްރޭޝަނުން ޤާއިމްކޮށްފައިވާ ބިދޭސީންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ނުވަތަ ޕައިސިސް ސިސްޓަމަށް ހުއްދަ އޮނަން އަދަދަށްވުރެ އިތުރަށް ބައެއް މީހުންނަށް އެކްސެސް ދީފައިވަކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭބިދޭސީންގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ބިދޭސީންގެ މައްސަލަޔަކީ ނިމިދިޔަ ކޮންމެ ސަރުކާރަކަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިކަން ހައްލުކުރުމަށް ސަރުކާރުތަކުން ކުރެވިދިޔަ މަސައްކަތަށް އެކަށިގެންވާ ކުރިއެރުމެއް ލިބިފައި ނުވަނީ މިކަން ހައްލުކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ.

ނިމިދިޔަ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ބަދަލުގައި ކޮށްފައިވަނީ ބިދޭސީން އެތެރެވެން އޮތް ގޮތަކަށް އެތެރެކޮށް ވަކި ބަޔަކު މުއްސަދި ވުމަށްކަމަށެވެ. ޤަވާއިދާއި ޚިލާފަށް އެތެރެވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި، އިމިގްރޭޝަން ތެރެއިން މިކަންކަން ހަރުދަނާ ގޮތެއްގައި ކުރުމަށް ޤާއިމްކޮށްފައިވާ ޕައިސިސްޓަމަކީ 2 މީހުންނަށް އެކްސެސް ވެވޭގޮތަށް ޤާއިމްކުރެވިފައިވާ ސިސްޓަމެއްކަމަށެވެ. ނަމަވެސް މިއަދު އެސިސްޓަމަށް 60 މީހަކު އެކްސެސްވާއިރު، އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭކަމީ ކަންބޮޑުވާކަމެއްކަމުގައި ހަލީމް ވިދާޅުވިއެވެ.

ހަލީމް ހުށަހެޅި މިމައްސަލާގައި ދައުލަތުގެ އިދާރާތަކަށް ވަނީ ޤަވާއިދާއި ޚިލާފަށް އެތައް ހާސް ބދޭސީން އެތެރެވެފައިވާގޮތް ބަލައި އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި މިއަދު ބިދޭސީން ގައުމުގެ ސަލާމާތީ ބާރުތަކާއި ކުރިމަތިލައި، ޤައުމުގެ ސަމާލަތަށް ނުރައްކާ ވާހިސާބަށް ގޮސްފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ބިދޭސީންގެ މައްސަލަޔަކީ ރާއްޖޭގައި ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފައެވެ. ޚާއްސަކޮށް ވިޔަފާރި ކުރާ ފަރާތްތަކުން ކޮންމެވެސް މީހެއްގެ ނަމުގައި ބޭރު މީހުން ރާއްޖެ އެތެރެކޮށް އުޅެވޭނެ ފުރުސަތު ފަހިކުރަނީ ކަމަށެވެ. މިގޮތަށް މީހުން އެތެރެވާއިރު ބެލޭނެ ޤާނޫނީ ރަނގަޅު ނިޒާމެއް އޮނިގަޑެއްވެސް ނެތްކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ޤަވާއިދާއި ޚިލާފަށް ގެނެވޭ މީހުންނަށް މުސާރަނުދީ ދިމާވާ މައްސަލަތައް ބެލޭނެ އިންތިޒާމުތަކެއް ނެތްކަމަށްވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މެމްބަރުން ވިދާޅުވީ، މިމައްސަލައަކީ މިއަދު ޤައުމީ ބޮޑު މައްސަލައަކަށް ވާއިރު މިކަން ހައްލުކުރުމުގައި ކަމާއިބެހޭ އިދަރާތަކާއި ވުޒާރާތަކަށް ހުރި ގޮންޖެހުންތައް ބަލައި މިކަމަށް އަވަސް ހައްލެއް ގެނައުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށެވެ. އަދި ސަރުކާރުން ޤަވާއިދާއި ޚިލާފަށް އުޅޭބިދޭސީން ހޯދައި އެމީހުން ފޮނުވާލުމަށް ކުރާ މަސައްކަތާއި، މީހުން ގެނެވޭނެ ގޮތްތަކަށް ގެންނަ ބަދަލުތަކަކީ މިކަމަށް ރަނގަޅު ހައްލެއް އަންނާނެ ކަންތައްތަކެއްކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

AHMED ZAHID

މައްސަލަ ހައްލުނުވެގެން އުޅެނީ ނިޒާމް ނެތިގެނެއް ނޫން. މަސައްކަތްތައް ކުރަން ތިބި މީހުންގެ އިޚްލާސްތެރިކަމެއް ނެތިގެން.