ޚަބަރު

އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ 20،000 ބިދޭސީން މިއަހަރު ފޮނުވާލުން - ފައްޔާޒު


އަމާޒަކީ މިއަހަރު ޤަވާއިދާ ޚިލާފަށް އުޅޭ 20،000 ވުރެ ގިނަ ބިދޭސީން ފޮނުވާލުން ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލައިގަ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ ތަޅުމަށް ވަޑައިގެން މެމްބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށެވެ. ނަމަވެސް މިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. މިކަމަކީ ދުވަސްވީ ބޮޑު މައްސަލައަކަށްވާއިރު، މިމަސައްކަތުގައި ދެކޮޅަށް މަސައްކަތް ކުރައްވާ މީހުންވެސް މަދު ނޫންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން މިހާރުވާނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާބެހޭ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފައިކަމަށާއި، މިޤަވާއިދުގައި އެމީހުން ލައްވާ ކުރެވޭނެ މަސައްކަތްތަކާއި، ދެވޭނެކަމަށް ކަނޑައަޅާ އުޖޫރަތަކާއި، އެފަދަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ހުރި މައްސަލަތަކުގެ ތެރެއިން ޚާއްސަކޮށް، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. މިމަސައްކަތް ކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ގަވާއިދުތަކާއި، ގައުމުތަކާއިމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަންޖެހޭކަމަށެވެ. ރާއްޖޭގައި އެންމެ ގިނައަދަދަކަށް ގަވާއިދާއި ޚިލާފަށް އުޅެމުންދަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށްވާއިރު، އެމީހުން ފޮނުވާލުމުގައި ބަންގްލަދޭޝްގެ އެމްބަސީއާއި، ދިވެހިސަރުކަރާއި މަޝްވަރާކުރެވި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ފޮނުވާލާފައިވާކަމަށެވެ.

"ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުން މިއަދު 4000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިއްޖެ. މިކަމުގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރު މިކަން ވިޔަ ނުދޭންވެސް ބަޔަކު އެބަ މަސައްކަތްކުރޭ. ޤަވާއިދާއި ޚިލާށް އުޅޭ 20،000 ބިދޭސީން، އެމީހުންގެ ރުހުމާއިއެކު މިއަހަރު ފޮނުވާލުމަކީ އަޅުގަނޑުގެ އަމާޒު" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާލަތާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ނާޖައިޒް ގޮތުގައި ބިދޭސީން ލައްވާވެސް ކަންކަން ކުރުވަމުންދާކަމަށެވެ. އެގޮތުން ސަރުކާރާއި ދެކޮޅަށް ބިދޭސީން ލައްވާ މުޒާހަރާ ކުރުވުމާއި، ގޯސް އަމަލުތައް ހިންގުމަށް ހިތްވަރު ދެމުންދާކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން މުސާރަނުދެވި، ގޮންޖެހުން ކުރިމަތިވި މީހުންގެ ތެރޭގައި ދިވެހިންވެސް މަދުނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމަކީ ދުރާލާއި ވަކި ބަޔަކު އަޑީގައި ތިބެގެން ހިންގާކަމަކަށްވާއިރު، ބިދޭސީން މިހާ ގިނަ އަދަދަކަށް ރާއްޖެއަށް ގެނެސް މިމައްސަލަ ކުރިމަތިކުރުވީވެސް މިކަންކަން ރާވައި ހިންގަމުންދާ މީހުންކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. ސަރުކާރަށް މިކަމުގައި ގިނަ ކަންކަން ހާސިލް ކުރެވޭނީ މަޖިލީހުގެ ފުރިހަމަ އެއްބާރުލުންވެސް ލިބިގެންކަމަށް ފައްޔާޒް ވިދާޅުވިއެވެ.