ޚަބަރު

އިދިކޮޅު ކޯލިޝަނުން ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީ މުޒާހަރާކޮށްފި


އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރިމަތީގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާގައި ދާދިފަހުން ހުޅުމާލޭ ސަފާރީއެއްގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން މީޑިއާތަކަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ. އެއްވި މީހުންވަނީ މިޑިޔާއަށް ނުފޫޒު ނުފޯރުވުމަށާއި، މީޑިޔާގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާ ޝުއޫރުފާޅުކޮށްފައެވެ.

މިއެއްވުމުގައި ބައިވެރިންވަނީ ބްރޯޑްކާސްޓިން ކޮމިޝަން މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި މީޑިޔާތަކުގެ މެދުގައި ހަމަހަމަ ފުރުސަތު ފަހިކޮށް، ވަކި މީޑިޔާތަކަށް ފިޔަވަޅު އެޅުމުގެ ވިސްނުން ނުގެންގުޅުމަށް ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަންގެ މިމުޒާހަރާގައި، އެދެކޯލިޝަންގެ އިސްބައެއް ބޭފުޅުންނާއި، އެކްޓިވިސްޓުން ބައިވެރިވެފައިވެއެވެ. ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރުޞަތު ތަނަވަސްވެފައި ވީނަމަވެސް، ޞައްޙަ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހު ނޫނީ މަޢުލޫމާތު ނުފެތުރުމަށް އެންމެހާ ނޫސްވެރިންނަށް ގޮވާލާފައެވެ.

މިއެއްވުމުގެ ބައިވެރިންދަނީ މާލޭގެ މަގުތަކުގައިވެސް މުޒާހަރާކުރަމުންނެވެ.