ޚަބަރު

ސީއެސްސީގެ 3 މެމްބަރެއް އިސްތިއުފާ ދެއްވިއިރު 1 މެމްބަރަކު ވަކިކޮށްފި


ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރެއް ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާ ތަޅުމަށް ފޮނުވާފައިވަނިކޮށް 3 މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަކިކުރަން ހުށަހެޅުނު މެމްބަރު މަޤާމުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި މިއަދު ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މިހާރު ސިވިލް ސަރވިސް ކޮމިޝަންގައި ހުންނެވީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި އާމިރާ އެކަންޏެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.