ގިނަ މީހުންނަކީ އަގުހެޔޮކޮށް، ރަނގަޅު ފެންވަރުގެ ތަކެތި ގަތުމަށް ބޭނުންވާ މީހުންނެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް ކޮލިޓީ ރަނގަޅު އެއްޗެތީގެ އަގު އުޅެނީ އަތްފޯރާ ފަށަކު ނޫނެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އަގު ބޮޑެތި ބުރޭންޑުތަކުގެ ތަކެއްޗަކީ ކޮލިޓީވެސް އެންމެ ރަނގަޅު ތަކެތިކަމަށެވެ. އަދި އާދައިގެ ބުރޭންޑުތަކުގެ ތަކެތި އަވަހަށް ހަލާކުވާކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
ނަމަވެސް އާއްމުންގެ މި ވިސްނުން ބަދަލުކުރުމަށް ވިޔަފާރި ބްރޭންޑްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ޗައިނާގެ ލޯ ކޮސްޓް ރީޓެއިލް ޗެއިން، މިނީސޯއަކީވެސް އަގު ހެޔޮކޮށް ތަކެތި ވިއްކުމުގައި އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ކުންފުންޏެކެވެ.
މިނީސޯގެ ފިހާރަތަކުން ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު ހެޔޮ އަގެއްގައި ލިބެން ހުރެއެވެ. މިތަކެތީގެ ޑިޒައިން ކުރުމާއި ކޮލިޓީވެސް ހިތްޤާއިމެވެ.
މިނީސޯއަކީ ޖަޕާންގެ ޑިޒައިނަރަކާއި ޗައިނާގެ ވިޔަފާރިވެރިޔަކާއި ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ޗައިނާގެ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވީ ނަމަވެސް މިނީސޯ މަޝްރޫހުވެފައި ވަނީ ޖަޕާންގެ ބުރޭންޑެއްގެ ގޮތުގައެވެ.
2011 ވަނަ އަހަރުގެ ތެރޭގައި ކުންފުނި ވުޖޫދަށް އައުމަށްފަހު މިނީސޯގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ޗައިނާގައެވެ.
ފާއިތުވީ 7 އަހަރު ދުވެހުގެތެރޭ މިނީސޯއިން ވަނީ އެކުންފުނީގެ ވިޔަފާރި ފުޅާކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ފިހާރަތައް ހުޅުވާފައެވެ. ވިޔަފާރި ފުޅާކުރަމުން ފުރަތަމަ އައިސްފައިވަނީ އޭޝިއާގެ ޤައުމުތަކުގައެވެ. އޭޝިއާގެ ޤައުމުތަކުން މިނީސޯއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
ވިއެޓްނާމްގައި މިނީސޯގެ ފިހާރެއް ހުޅުވި ދުވަހު، އެއްގަޑިއިރު ތެރޭގައި 10000 ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ. އުތުރު ކޮރެއާގައި ހުޅުވި އިންޓަރނޭޝަނަލް ބުރޭންޑުގެ ހަމައެކަނި ފިހާރައަކީ މިނީސޯއެވެ. އެހެން ނަމަވެސް ފަހުންވަނީ މި ފިހާރައިގެ ނަން 'އިވޮލޯޝަން'އަށް ރީބްރޭންޑު ކޮށްފައެވެ. ތައިލޭންޑަކީ މިނީސޯއިން އެންމެ ގިނަ އަދަދެއްގެ ފިހާރަ ހިންގާ އެއް ޤައުމެވެ. އެގޮތުން އެ ޤައުމުގެ އެކި ހިސާބުތަކުގެ މިނީސޯގެ 52 އައުޓުލެޓު ހުރެއެވެ.
މިނީސޯއިން ދަނީ އޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކަށްވެސް އެކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިނީސޯގެ ފިހާރައެއް އެމެރިކާގައި ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ޔޫރަޕާއި އެފްރިކާގައިވެސް އެކުންފުނިން ދަނީ ގިނަ އަދަދެއްގެ ފިހާރަތައް ހިންގަމުންނެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މިނީސޯގެ ފިހާރައެއް މިވަނީ ހުޅުވާފައެވެ. އިއްޔެ ހުޅުވި މިނީސޯ ފިހާރަ ހުންނާނީ ކަލާފާން ސްކޫލްގެ މައި ގޭޓު ކުރިމަތީގައެވެ. ފިހާރައިގައި ތަކެތި އަތުރާފައި ހުންނަނީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިންގާ މިނީސޯ ފިހާރަތަކާއި އެއްގޮތަށެވެ.
މާލޭގައި ހުޅުވާފައިވާ މިނިސޯގެ ފިހާރައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ސޮނީ ސްޕޯޓްސްގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުﷲ ވިދާޅުވީ މި ފިހާރައިން މިނިސޯގެ އެހެން ފިހާރަތަކުންވެސް ލިބެން ހުންނަ ތަކެތި ލިބެން ހުންނާނެކަމަށެވެ.
9 އަހަރު ދުވަހުގެ ތެރޭގައި މިނީސޯއިން ވަނީ ދުނިޔޭގެ 79 ޤައުމެއްގައި 3500 ފިހާރަ ހުޅުވާފައެވެ. މިދިޔަ އަހަރު ނިމުނު އިރު އެކުންފުނީގެ އާމްދަނީ ވަނީ 2.4 ބިލިއަން ޑޮލަރަށް އަރާފައެވެ. 2015 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 769.9 މިލިއަން ޑޮލަރެވެ.