ޚަބަރު

ސީއެސްސީން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ ހުސްވެފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ 4 މަޤާމަށް މިއަދުނެ ފެށިގެން ހުޅުވާލާފައިވާކަމަށެވެ. ސިވިލްސާވިސް ކޮމިޝަންގެ 4 މެމްބަރަކު މަޤާމުން ހުސްވެފައިވަނީ 4 މެމްބަރުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވަނިކޮށް 3 މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވައި، އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް ވޯޓްނަގައި ފާސްކޮށްފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި އިއްޔެ ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މިހާރު ސިވިލް ސަރވިސް ކޮމިޝަންގައި ހުންނެވީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަން ކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.