ޚަބަރު

"އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަތުމަށް މަޖިލީހަށް ކުއްލި މައްސަލައެއް


"އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ބެލުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރުގެ ޤަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް ރާއްޖޭގައި އޮތުމަކީ ޤާނޫނު އަސާސީގެ އަސްލާއި ޚިލާފު ކަމަކަށް ވާތީ، "އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ބަލަންޖެހިފައި ވާކަމަށެވެ.

"ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުޤީޤީ ރިޕޯޓުތަކުންވެސް "އަޑީ ދަޢުލަތުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް ވަނީ ވަޒަންކުރެވިފަ. އަދި މިހާރުވެސް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެންބަރުންނަށް މި ދަންނަވާ "އަޑީ ދަޢުލަތުން" ދަނީ ލާދީނީ ފިކުރުގެ ބައެއްކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރުދެމުން. ޙުދު އަޅުގަނޑަށްވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުން." ޖާބިރުގެ ޤަރާރުގައިވެއެވެ.

އަދިރި ދައުލަތުގެ ނުރައްކާތެރިކަން ރާއްޖެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި މަޖިލީޙުގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީގެ މަރުގެ ކަންކަން ހިނގައިދިޔަގޮތްވެސް ބެލިފައިނުވާކަމީ ކަންބޮޑުވާކަމެއް ކަަމަށް ޖާބިރު ވިދާޅުވިއެވެ. ރާއްޖޭގައި މިއަދު ހިނގަމުންދާ ކަންކަމާއި، ކަންކަން ވަމުންދާގޮތުން އަދިރި ދައުލަތެއްގެ ސިފަވަރަށްބޮޑަށް ފެނި އެކަމުގެ ނުރައްކާތެރިކަން އޮތްމިންވަރު ހާމަވާކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރުގެ ޤަރާރަށް ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވިދާޅުވީ "އަދިރި ދައުލަތައް"ވުރެ ބޮޑަށް ރާއްޖޭގައި ދީނާއި ޚިލާފްކަންކަން ހިންގުމަށް މަސައްކަތް ކުރާތަން ފެންނަމުންދާކަމަށެވެ. އެކަން ކުރުމަށް އެންމެބޮޑަށް ހިއްވަރު ދެއްވަމުންދަނީ ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށް މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގައި ސަރުކާރުގެ އިސްވެރިންގެ ބޮލުގައި ދޮގުބަދުނާމު އަޅުވާކަމީ ހިތާމަކުރާކަމެއްކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ލާދީނީއޭ ކިޔައިގެން ދައްކާ ކޮންމެ ވާހަކައަކީ ހަރުކަށި ފިކުރުތައް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.