ވިޔަފާރި

އޭސް ޓްރެވަލްސްއިން ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޗާޓަރ ފްލައިޓެއް ދަތުރެއް ބާއްވަނީ


ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޗާޓަރު ފްލައިޓް ދަތުރެއް ކުރުމަށްވެސް އޭސް ޓްރެވަލްސްއިން ނިންމައިފިއެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މެލޭޝިއާގެ ކުއާލަލަމްޕޫރަަށް އަދި ކުއާލަލަމްޕޫރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްކަމަށް އޭސް ޓްރެވަލްސްއިން މައުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އޭސް ޓްރެވަލްސްގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ މި ދަތުރުގައި ރާއްޖެއިން މެލޭޝިއާއަށް ދާން ބޭނުންވެފައިވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މެލޭޝިއާގައި ތިބި ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ރާއްޖެއަށް އާދެވޭނެކަމަށް ފިރާޤު ވިދާޅުވިއެވެ.

އޭސް ޓްރެވަލްސްއިން މިހާރު ވަނީ ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ކުރިއަށް އޮތް ހަފްތާތެރޭގައި މި ދަތުރު ބާއްވާނެ ތާރީޙެއް އިޢުލާން ކުރާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ފިރާޤު ފާހަގަކުރެއްވި ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ދަނީ ނަންނޯޓުކުރަމުންނެވެ. ޗާޓަރު ދަތުރުގައި ބޭނުންކުރުމަށް ވިސްނާފައި ވަނީ އޭތްރީ ޓުވެންޓީގެ މަރުކާގެ ބޯޓެއްކަމަށާއި މިއީ 170 މީހުންގެ ޖާގައިގެ ބޯޓެއްކަމަށްވެސް ފިރާޤު ވިދާޅުވިއެވެ.