ޚަބަރު

އިދިކޮޅު ކޯލިޝަން ބާއްވަން އުޅުނު "ފެެއިލްވެއްޖެ" ޖަލްސާ ފަސްކޮށްފި


އިދިކޮޅު ކޯލިޝަނުން ބާއްވަން ތައްޔާރުވަމުންދިޔަ "ފެއިލްވެއްޖެ" ޖަލްސާ ފަސްކޮށްފިއެވެ. މި ޖަލްސާ ބާއްވަން ހަމަޖައްސާފައި އޮތީ ހުކުރުދުވަހުގެ ރެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ ޖަލްސާ ފަސްކުރީ ޖަލްސާ ބާއްވަން އެދި ފޮނުވި ސިޓީއަށް ޖަވާބު ނުލިބުމުންކަމަށެވެ. ޖަލްސާ ބޭއްވުމަށް އެދި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ސިޓީއަކުން ހުއްދައަށް އެދިފައިވާނެކަމަށްވެސް ސުޖާއު ވިދާޅުވިއެވެ. ނަމަވެސް މީގެ ތެރެއިން އެންމެ އިދާރާއެއް ފިޔަވައި އެހެން އެއްވެސް އިދާރާއަކުން ޖަވާބެއް ލިބިފައި ނުވާކަމަށާއި ޖަލްސާ ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން މިހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާއްމު ތަންތަނަށް އެއްނުވުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ މީހުންގެ އަދަދު އިތުރުވަމުންދާކަމާއި ބަލިޖެހޭ މީހުންގެ ކޮންޓެކްޓުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ އެއް ސަބަބަކީ ފުރަބަންދަށް ލުއި ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި، ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުން ދިއުންކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.