ވިޔަފާރި

އެއަރޕޯޓުގެ އެރައިވަލް ކެޕޭސިޓީ 308 ފަސިންޖަރުންނަށް ދަށްކޮށްފި


ކޯވިޑް-19އާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލްގައި އެއްފަހަރާ ޚިދުމަތްދޭނީ 308 ފަސިންޖަރުންނަށްކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލްގެ އެރަވައިލް ކެޕޭސިޓީ ދަށްކޮށްފައިވާއިރު، މީގެކުރިން ވެލާނާ އިންޓަރނޭޝަނަލްގެ އެއަރޕޯޓުގެ އަރައިވަލް ކެޕޭސިޓީއަކީ ގާތްގަނޑަކަށް 750 ފަސިންޖަރުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރުމުގެ ގޮތުން ފުރާ މީހުން ނުވަތަ ޑިޕަރޗަރ ޓަރމިނަލްގައިވެސް މިހާރު އެއްފަހަރާ ޙިދުމަތްދޭނީ އެންމެ ގިނަވެގެން 420 ފަސިންޖަރުންނަށް ކަމަށެވެ.

"އަރައިވަލް އަދި ޑިޕާރޗަރގައި މިވަނީ ކެޕޭސިޓީ ދަށް ކޮށްފައި، ތަފާތުތަކެއް އެބަ އުޅޭ، ކުރިން 1200 މީހުންނަށް ޑިޕަރޗަރ ޓަރމިނަލްގައި އެއްފަހަރާ ޙިދުމަތްދެވޭ މިހާރު އެކަމަކު ޙިދުމަތް ދެވޭނީ އެއްފަހަރާއި 420 މީހުންނަށް" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ 5 މިނެޓުން ނުވަތަ 10 މިނެޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓު ޖެއްސި ނަމަވެސް މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓު ޖެއްސޭނީ ކޮންމެ 20 މިނެޓަކުން ކަމަށެވެ.

"ކޯވިޑް-19އާ ގުޅިގެން ސޯޝަލް ޑިސްޓެންސިންއާ ޕްރޮސެސް އިތުރުވީމަ މިހާރު 20 ވަރަކަށް މިނެޓު ވާނެ ކަމަށް މި ބަލަނީ،" ހަސަން ވިދާޅުވިއެވެ.

ހަސަން ފާހަގަކުރެއްވި ގޮތުގައި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އަރައިވަލް ޓަރމިނަލްގެ އެތެރޭގެ ފަރުމާކުރުމަށްވެސް މިހާރުވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއާ އެކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އުއްމީދުކުރާކަަމަށް ހަސަން ވިދާޅުވިއެވެ.

110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވާލާފައިވާއިރު، 212 މީހުން ރާއްޖެއަށްވަނީ އެތެރެވެފައިވެއެވެ. އަދި 348 މީހުން ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.