ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް އެގޮތުގައި ދެމެހެއްޓުމަށް އެއްބާރުލުންދޭނެކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ކޯވިޑް-19 ގެ މި ޙާލަތުގައި ސުލްހަވެރި އެއްވުންތައް ބޭއްވުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ބަލައިގަންނަކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ ދާޚިލީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ރޫހާ އެއްގޮތަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމަށެވެ. މި ބަޔާނުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައްދީފައިވީނަމަވެސް، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި، 30 އަށް ވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިރުޝާދުދެއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ކުރިމަތިވި ގިނަ ގޮންޖެހުންތަކަކާއެކުވެސް ކަމާގުޅުންހުރި އިދާރާތަކާއި، އާއްމު ރައްޔިތުން ގުޅިގެން ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ކުރަމުންދަނީ ކާމިޔާބު މަސައްކަތްތަކެއްކަމަށް ދިވެހި ސަރުކާރުން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް މި މަސައްކަތް މިގޮތުގައި ކުރުން މުހިއްމުކަން ފާހަގަކުރައްވާ، އަސާސީ ހައްޤުތައް ހޯދުމަށް ވަކާލާތުކުރުމަށާއި އެކަންކަން ކަށަވަރުކުރުމަށް ގޮވާލާ ބާއްވާ ހަރަކާތްތަކަކީވެސް އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކަކަށް ހެއްދެވުމަށް އެފަދަ ހަރަކާތްތައް އިންތިޒާމްކުރާ ފަރާތްތަކަށް ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
މި ބަޔާނުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ފާޅުކުރާ ކަންބޮޑުވުންތަކާއި ޝަކުވާތަކަށްވެސް ދިވެހި ސަރުކާރުން މަރުހަބާކިޔާ، އެކަންކަން ބަލައިގަންނަކަމަށް ވިދާޅުވެފައިވެއެވެ. ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުންތަކަށްވެސް ހައްލުނުކުރެވި އޮތް ސީރިއަސް މައްސަލަތަކެއްކަމަށާއި، މިކަން ހައްލުކުރުމަށް އިސްލާހީ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަންވެސް ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހައްޤުތައް ހޯދުމަށްކަމަށްބުނެ ބައެއް ފަރާތްތަކުން ބޭއްވި އެއްވުންތައް ހަމަނުޖެހުންތަކަކަށް ބަދަލުވިކަން ފާހަގަކުރައްވާ، އެއީ ސަރުކާރުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެކަމަށް ނޫންކަމަށް ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެފަދަ ޢަމަލުތައް ހިންގުމަށް ސަރުކާރުން އެއްވެސް ވަރަކަށް ހިތްވަރު ނުދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޤައުމުގެ އިޖްތިމާޢީ މައްސަލަތަކާއި، މުޖުތަމަޢުގެ ތެރޭގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގައި އަމިއްލަ ޖަމިއްޔާތަކުން އަދާކުރާ ދައުރަކީވެސް މުހިއްމު ދައުރެއްކަން ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެފަރާތްތަކުން ކުރާ މަސައްކަތްތައް ސަރުކާރުން ބަލައިގަންނަކަމަށާއި، އެހެންނަމަވެސް އިސްލާހީ ބަދަލުތަކަށް މަސައްކަތްކުރުމުގައި ޖަމިއްޔާ ޖަމާއަތްތަކުންވެސް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޙްތިރާމުކުރުމަަށް ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ބައެއް ކުރިއެރުންތައްވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އަބުރު ކަތިލުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުން ބާތިލުކުރުމާ، ރާއްޖޭގައި ބިދޭސީ ނޫސްވެރިންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އޮތް އޮތުން އުވާލުމާއި، އިންސާނީ ހައްގުތަކާ ގުޅުން ހުރި ބައިނަލްއަޤްވާމީ މުއާހަދާތައް ތަސްދީގު ކުރުމާއި، ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ގެނެވޭ އިސްލާހީ ބަދަލުތަކާ، ހެޔޮ ވެރިކަމާއި، އިންސާނީ ހައްޤުތަކާއި ގުޅުން ހުރި ކަންކަމަށް ދިވެހި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާނެ ކަމަށާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރުމުގައި ސަރުކާރުން އިޚްލާސްތެރިކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.