ކޯވިޑް-19

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓަން އަދިވެސް ގިނަ ބަޔަކު ބޭނުންވޭ: ސަރވޭ


ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރާ ނިސްބަތް އިތުރުކުރަން އަދިވެސް ގިނަ ބަޔަކު ބެނުންވާކަމަށް "ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19" މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސަރވޭއިން ދައްކައިފިއެވެ.

މި ސަރވޭއަކީ ކޯވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ. އެޗް.ޕީ.އޭ.އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ މި ސަރވޭގެ ދެވަނަ ބުރުގައި 2517 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 2638 މީހެއްގެ ފަރާތުން ސަރވޭއަށް ބޭނުންވާ ފުރިހަމަ ބައިވެރިވުން ލިބިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. އެޗް.ޕީ.އޭއިން ވަނީ މި ސަރވޭގެ ދެވަނަ ބުރުން އެއްކުރެވުނު މަަޢުލޫމާތުތަކުގެ ތަފާސް ހިސާބުތައް ހިމެނޭހެން ފުރަތަމަ ރިލީޒް އާއްމުކޮށްފައެވެ.

ސަރވޭގެ ދެވަނަ ބުރުގެ ފުރަތަމަ ރިލީޒްގައި އެޗް.ޕީ.އޭއިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ކަންކަން ރާއްޖޭގައި ކުރިއަށްދާގޮތާއި ގުޅޭގޮތުން ސަރވޭގެ ބައިވެރިންދެކޭގޮތް ހާމަކޮށްފައެވެ.

އެގޮތުން ސަރވޭގައި ބައިވެރިވި 67 އިންސައްތަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭން ފެންނަކަމަށް ބުނެފައި ވެއެވެ. މީގެ ތެރެއިން 50 އިންސައްތަ މީހުން އެކިއެކި މަރުހަލާތަކަށް ބަހާލައިގެން ގައިޑްލައިންތަކާއެކު ފުރަބަންދަށް ލުއިތަކެއްދޭން ފެންނަކަމަށް ބުނެފައިވާއިރު، 15 އިންސައްތަ މީހުން ބުނަނީ ގައިޑްލައިންތަކާއެކު މިހާރު އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލުމަށެވެ. އަދި ގައިޑްލައިންތަކަކާއި ނުލާ ލުއިދޭން 2 އިންސައްތަ މީހުން ބޭނުންވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ނުފެންނަކަމަށް 33 އިންސައްތަ މީހުން ވަނީ ބުނެފައެވެ.

މި ދިރާސާގައި ބައިވެރިވި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ކޯވިޑް-19 އަށް ވަނީ ޓެސްޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 3 އިންސައްތަ މީހުންގެ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާއިރު، 85 އިންސައްތަ މީހުން ވަނީ ބައްޔަށް ނެގެޓިވްވެފައެވެ. އަދި 12 އިންސައްތަ މީހުންގެ ސާމްޕަލްގެ ނަތީޖާ އަދިވެސް ނުލިބޭކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭއިރު ކޯވިޑް-19 މިހާރު ޓެސްޓްކުރާ ނިސްބަތް އިތުރުކުރަންޖެހޭކަމަށް 55 އިންސައްތަ މީހުން ވަނީ ބުނެފައެވެ. 51 އިންސައްތަ މީހުން ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރޭތޯ ބެލުމަށް މޮނިޓަރ ކުރަންޖެހޭކަމަށް ބުނެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާގުޅޭގޮތުން އާއިލާތައް ބާރުވެރިކުރުވަންޖެހޭކަމަށް 45 އިންސައްތަ މީހުން ބުނެއެވެ. އަދި ކޯވިޑް-19 އާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ހާމަކުރަންޖެހޭކަމަށް ސަރވޭގައި ބައިވެރިވި 34 އިންސައްތަ މީހުން ވަނީ ބުނެފައެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 69 އިންސައްތަ މީހުން އަތް ދޮވުމަށް ސަމާލުކަންދޭކަމަށް ބުނެފައިވާއިރު، 67 އިންސައްތަ މީހުން ފޭސް މާސްކް އަޅާކަމަށް ބުނެފައިވެއެވެ. އަދި 57 އިންސައްތަ މީހުން އިޖްތިމާޢީ ގައިދުރުކަމަށް ސަމާލުކަންދޭކަމަށްވެސް ވަނީ ބުނެފައެވެ.

"ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19" މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ މި ސަރވޭއަކީ އެޗް.ޕީ.އޭއާއި އެމް.އެން.ޔޫ ގުޅިގެން ކުރިއަށްގެންދާ ޢިލްމީ ދިރާސާއެކެވެ. މި ދިރާސާއަކީ ސިއްހީ ދިރާސާކުރާ ޤައުމީ ކައުންސިލުން ފާސްކޮށްފައިވާ ދިރާސާއެކެވެ. ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަޢުލޫމާތު އެޗް.ޕީ.އޭއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޯވިޑް-19ގެ އަލާމާތްތައް ދެނެގަންނަން އެނގޭ މިންވަރާއި، ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހޯދާ ގޮތްތަކާއި، އާބާދީގެ އެކި އުމުރުފުރާތަކުގެ މެދުގައި ސިއްހީ ކަންބޮޑުވުން އޮތް މިންވަރާއި، ގެވެށިއަނިޔާގެ ކަންބޮޑުވުން އޮތް މިންވަރާއި، މާލީ ފުދުންތެރިކަމާގުޅުން ހުރި ތަފާތު މަޢުލޫމާތުތައް ސަރވޭގެ ފުރަތަމަ ބުރުގައި ވަނީ ހާމަކޮށްފައެވެ.