ޚަބަރު

ފާއިތުވި 2 އަހަރު ޖިންސީކުށުގެ ސާބިތުވެފައިވަނީ އެންމެ 5 މައްސަލަ


ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރިޕޯޓްކުރެވުނު 300 އަށްވުގެ ގިނަ ޖިންސީ ކުށްތަކުގެ ތެރެއިން ކޯޓުން ސާބިތު ކުރެވިފައިވަނީ އެންމެ 5 މައްސަލަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ހެކި ހޯދުމަށް ހުރި ހުރަސްތައް ނައްތާލުންކަމަށެވެ.

މިހާރު ޤާނޫނު އޮތްގޮތުން ޖިންސީ ކުށްތަކުގައި އެކަށީގެންވާ ހެކި ހޯދުމަކީ ފަސޭހަކަމަކަށް ނުވާއިރު، ހެކި ހޯދާނެ ގޮތާއި، ސާމްޕަލް ނެގުންފަދަ ކަންކަމަށް އިސްލާހު ގެނައުމަށް ޤާނޫނަށް ހުށަހަޅާފައިވާނެކަމަށެވެ. ޕީއެސްއެމްގެ "ބާބު 3" ޕްރޮގުރާމް" ގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވާ ޖިންސީ ކުށުގެ މައްސަލަތަކަށް ބަލާއިރު، އޭގެ ތެރެއިން ދައުވާކުރަން ފޮނުވާ ސާބިތު ވެފައިވަނީ ވަރަށް މަދު މައްސަލަތަކެއް ކަމަށެވެ.

2018 - 2020 އަށް ރިޕޯޓްކުރެވުނު މައްސަލަތަކާއި، ދައުވާކޮށް، ސާބިރު ކުރެވުނު މައްސަލަތައް:


- 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނީ 195 ޖިންސީ ޝަކުވާ، މީގެ ތެރެއިން ދައުވާ ކޮށްފައިވަނީ 44 މައްސަލައެއްގައި، 136 ޝަކުވާއަށް ހެކި ނުލިބި ދައުވާ ނުކުރެވޭ.
- 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނީ 159 ޖިންސީ ޝަކުވާ، މީގެ ތެރެއިން ދައުވާ ކޮށްފައިވަނީ 24 މައްސަލައެއްގައި، 135 ޝަކުވާއަށް ހެކި ނުލިބި ދައުވާ ނުކުރެވޭ.
- 2018 - 2020 އަށް ޕީޖީ އޮފީހުން ވަނީ 23 މައްސަލައެއްގައި ދައުވާކޮށްފަ. އޭގެ ތެރެއިން ސާބިތު ވެފައިވަނީ އެންމެ 5 މައްސަލަ

ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް މިފަދަ ގޮތަކަށް ހުރި އިރު، މިދުވަސްވަރު ޖިންސީ ކުށުގެ އެތައް މައްސަލައެއް ފެންމަތިވެ ރިޕޯޓްކުރެވެމުންދާކަމީ މިކަންކަމަށް ހައްލު ލިބެންޖެހޭކަމެއްކަމަށް ހިސާން ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރެވޭ ނިސްބަތާއި އަޅާބަލާއިރު، ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ކުރެވޭ މިންވަރު މަދުކަމީވެސް ކަންބޮޑުވުމެއްކަމަށާއި، ޖެންޑަރ މިނިސްޓްރީއަށް މިފަދަ މައްސަލަތައް ރިޕޯޓްކުރުމުގެ އެންމެބޮޑު ބޭނުމަކީ ސައިކޮލޮޖިކަލީ މީހާއަށް އަންނަ ބަދަލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ހިސާން ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުންދާ ޖިންސީ ކުށުގެ ޤާނޫނަށް އަމަލުކުރާތާ 6 އަހަރު ވެފައިވާއިރު، ދިމާވެފައިވާ އެންމެބޮޑު މައްސަލަޔަކީ ޖިންސީ މައްސަލަތަކުގައި ޝިކާރައަކަށްވާ މީހުންނަށް އިންސާފު ނުލިބުންކަމަށެވެ. މިކަން ދިމާވެފައިވަނީ މިހާރު ޤާނޫނުގައި ހުރި މައްސަލަތަކަކުންކަމަށާއި، އަދި ހުށަހެޅިފައިވާ އިސްލާހުތަކާއެކު މިފަދަ މައްސަލަތައް ސާބިތުކުރަން ބޭނުންވާ ހެކި ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ހިމަނާފައިވާނެކަމަށް ހިސާން ވިދާޅުވިއެވެ.

ޤާނޫނަށް ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ޖިންސީ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރަކަށް ވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަކީ ލާޒިމްކަމަކަށް ވާއިރު އެގޮތަށް ނެގޭ ސާމްޕަލް ވާންޖެހޭނީ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކޮށް ނެގޭ ސާމްޕަލްތައްކެއްގެ މައްޗަށް ކުރެވޭ ތަޙުލީލެއްކަމަށް ބުނެފައިވެއެވެ.

އަދި ޤާނޫނަށް ގެންނަ އިސްލާހުތަކާއެކީ ސަރުކާރުގެ ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމް ސަރުކާރުގެ ފަރާތުން ހަމަޖައްސަން ޖެހެއެވެ. މިފަދަ ކަންކަމުގައި ކިޓްތަކުގެ ބޭނުންކުރާނީ ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.