ޚަބަރު

ބަންޑުން ޖަހާލި ޑިންގީއެއް ފެންމައްޗަށް ނަގައި އެހީތެރިކަން ފޯރުކޮށްދީފި


އައްޑު އަތޮޅުގެ އުތުރުން 16 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "ބެސްޓް ލައިން" ބޯޓުގައި ކަފުޖަހާފައި އޮތް 22 ފޫޓު ޑިންގީއެއް މޫސުން ގޯސްވެ އަޑިއަށް ދިއުމާއި ގުޅިގެން އެންއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މައުލޫމާތު ރޭ މެންދަމު 1:16ގައި ލިބުމާއިއެކު އެމްއެންޑީއެފް ސައުތު އޭރިޔާ ކޯސްޓްގާޑް ސްކޮޑުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފިއެވެ. މިހާދިސާގައި ބަންޑު ޖަހާލި ޑިންގީ އެމްއެންޑީއެފް ސައުތު އޭރިޔާ ކޯސްޓްގާޑް ސްކޮޑުގެ އެހީތެރިކަމާއިއެކު ފެންމައްޗަށް ނަގައި ބޯޓުގައި ކަފުޖަހައިދީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މިބޯޓް މިހާރު ދަތުރުކުރަމުންދަނީ އައްޑޫ ސިޓީއަށްކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގައި ތަފާތުއެކި ހާދިސާތައް ހިނގަމުންދާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.