ޚަބަރު

ގެއްލުނުތާ 24 ގަޑިއިރަށްވުރެ ގިނައިރުވީ ޒުވާނާ އަދިވެސް ނުފެނޭ


މާލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި ރަންތަރި ދޯނީގައި ހުއްޓައި ގެއްލުނު ޢުމުރުން 27 އަހަރުގެ ޒުވާނާ ހޯދުމަށް ޑައިވްކޮށް ގެންނާއި ކަނޑުގެ ސާރފޭސް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ދޭ ޖަހާކަށްހާއިރު ގެއްލިގެން ރިޕޯޓުކުރި އދ މާންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހް ހޯދުމުގެ މަސައްކަތް އާއްމު ރައްޔިތުންނާއި އެކު ހުއްޓުމެއް ނެތި ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އެރަށުގެ ދޯނި ފަހަރު ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާއި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގެއްލުނު ޒުވާނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.