ޚަބަރު

ކޯވިޑް-19 : ސްކޫލްތަކުގައި ބަލި ފެތުރިފައެއް ނުވޭ - ޑރ.ނަޒްލާ


ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ކޯވިޑް-19 ފެތުރެމުން ނުދާކަމުގެ ޔަޤީންކަން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ދެއްވައިފިއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، އެއްވެސް ސްކޫލެއްގައި ކޯވިޑް-19 ފެތުރެމުން ނުދާކަމަށާއި، ސްކޫލްތަކަށް ނިސްބަތްވާ އެއްވެސް ކްލަސްޓާސްއެއްވެސް ނެތްކަމަށެވެ.

ބައެއް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަރިވަރުން ކޯވިޑް-19އަށް ޕޮޒިޓިވްވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން ހުރިކަން ފަހަގަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ، މިހާތަނަށް އެންމެ ކުއްޖަކު ފިޔަވައި ހުރހާ އެންމެނަކީވެސް ސްކޫލުން ބޭރު ކޭސްތަކެއްކަމަށެވެ.

އެހެންކަމުން އެ ކޭސްތަކާ ގުޅުންހުރި ކޮންޓެކްޓްސް ނުވަތަ ސީދާ ދިމާވެފައިވާ މީހުންގެ ޢަދަދު ވަރަށް މަދުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސްކޫލްތަކުގައި ބަލި ފެތުރެމުންދާކަމުގެ ބިރުވެރިކަންނެތްކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

"އެއްވެސް ސްކޫލެއްގެ ތެރޭގައި އެއްވެސް ކްލަސްޓައެއް ނެތް. އެކަަކަށްވުރެ ގިނަ މީހުން ފާހަގަވެފައިހުރި ތަންތަނުގައިވެސް ހުރީ ތަފާތު އެކި ކަންކަމާ ގުޅުންހުރި ކޭސްތަކެއް. އެކަކު އަނެކަކާ ކޮންޓެކްޓެއް ސްކޫލްތަކުގައިނެތް. އެއްވެސް ސްކޫލެއްގައި ކްލަސްޓައެއް ގެގޮތުގައި ފެތުރިގެން ނުދޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވަނީ ސްކޫލްތަކުގައި ބަލި ފެތުރިގެން ނުދަނީ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވުމުންކަމަށް ވިދާޅުވެފައެވެ. ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ޕޮޒިޓިވް ކޭސްތަކާ ގުޅުންހުރި ކޮންޓެކްޓްސް ސްކޫލްތަކުގައި ނެތްކަމަށް ވިދާޅުވިއެވެ. މިއީ ސްކޫލްތަކުގެ
މުވައްޒަފުންނާއި ދަރިވަރުންގެ ފަރާތުން ލިބޭ އެއްބާރުލުންކަމަށްވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.