ޚަބަރު

ރެޒިޑެންސީ އިސްލާހުގެ ހަގީގީގަތް ހޯދުމަށް ކަމަށްބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި


އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހުށަހަޅުއްވާފައިވާ އިސްލާހުގެ ހަގީގީ ބޭނުމަކީ ކޮބައިކަން ސާފުކުރެއްވުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމިޓީތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މަޖިލީޙުގެ ޤަވާއިދު ބުނާގޮތުން އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާކަމަށެވެ. އަދި އެފަދަ އެއްވެސް އިސްލާހެއްވެސް ހުށަހަޅުއްވާފައި ނުވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ. ބަހުސް ކުރެވޭނީ 18 މެމްބަރުންގެ ވޯޓާއެކުގައިކަމަށްވުމުން، މިމައްސަލަވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ނަޝީދުގެ ކުއްލި މައްސަލައިގަ ބުނެފައިވަނީ އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހުށަހަޅުއްވާފައިވާ އިސްލާހުގެ ހަގީގީ ބޭނުމަކީ މިވަގުތު ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ޤައުމަކަށް ނިސްބަތްވާ 25،000 ބިދޭސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތަށް މަގުފަހި ކުރުން ކަމަށާއި، މިކަމުގައި އެންމެ ފުރިހަމަ މައުލޫމާތު އެނގިހުރި ފަރާތަކުން އަރުވާފައިވާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުންކަމަށެވެ. އަދި މިކަން ތަރުތީބު ކުރެވިގެން ދަނީ ވަކި ހިސާބަކުން އެމީހުންނަށް ދިވެހިރާއްޖޭގެ ރައްޔިތުކަން ދިނުމަށްކަމަށާއި، އޭގެ ކުރިން ދާއިމަށް ތިބެން ފެށުމާއެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އަދި އެމީހުން ބޭނުންވާ ދީނަށް އުޅުމަށް ފައްޅި އެޅުމާއި، އެމީހުންގެ ދަރީން ސްކޫލަށް ދާއިރު އެމީހުންގެ ދީނީ ތައުލީމު ލިބޭނެ ގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށާއި، އަދި މިކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްޤުތަކުގެ ނަމުގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވިދާޅުވުމަކީ މިކަމަށް ބާރު ލިބިދޭ އިތުރު ހެއްކެއްކަން މިމައްސަލައިގަ އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"25,000 މީހުންނަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދައި ވަކި ހިސާބަކުން ރައްޔިތުކަން ދީފިނަމަ ރާއްޖޭގައި ކުރިއަށް ބާއްވާ އިންތިޚާބުތަކަށް ވަރަށް ބޮޑަށް އެހެން ޤައުމަކަށް ނުފޫޒު ފޯރުވޭނެ. މިއަދަދު ބޭނުންކޮށްގެން ދިވެހިންގެ މަދުބައެއްގެ ވޯޓްކޮޅަކާއެކީ އިންތިޚާބެއް ކާމިޔާބު ކުރެވޭނެ. ދިވެހިރާއްޖެ މިވަގުތުވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަން އަޅުގަނޑު މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުން. މިގޮތުން އަވަށްޓެރި ޤައުމެއްގެ ޖާސޫސީ އިދާރާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގެ އެންމެ ދެކުނުގައާއި ހައްދުންމަތީގައާއި، މާލޭގައި ހަތިޔާރާއި އެކު މިހާރުވެސް ހަރަކާތްތެރިވަމުން ދިއުމަކީ އެކަށީގެންވާ ކަމެއް." ނަޝީދުގެ ހުށަހެޅުއްވި މައްސަލައިގަވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލް ދިރާސާ ކުރަމުން ދަނިކޮށް އަދި ބިލް ދިރާސާކޮށް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން އެމަނިކުފާނަށް އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި އެ ގޮތަށް އަމަލު ކޮށްފައި ވެސް ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކޮމިޓީއަށް ފޮނުއްވީ މަޖިލީހަށް ލިބުނު ޚިޔާލުތަކުގެ ނޯޓުތައް ކަމަށްވެސް ވިދާޅުވިއެވެ.