ޚަބަރު

ރެޒިޑެންޓެންސީ ވިސާ ދިނުމަށް ޤާނޫނަށް އިސްލާހެއް ހުށަނާޅަން - މަޖިލީހުގެ ރައީސް


ރާއްޖޭގައި ދިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް އިސްލާހު ހުށަހަޅާފައިނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުން ކޮމިޓީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައި ނުގަނަވާކަމަށެވެ. ކޮމިޓީން ބިލް ނިންމާ ތަޅުމަށް ފޮނުވުމުން އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ ބިލުގެ ބަހުސްގައި ދެކެވުނު ވާހަކަތަކާއި، އާންމުން ހުށަހެޅި ބައެއްކަންކަން ނެތުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މައުލޫމާތެއް އޮޅިފައި އޮވެގެން ނުވާނެ. އުސޫލު އޮންނަ ގޮތަކުން އަޅުގަނޑަކަށް ކޮމިޓީތަކަކަށް އިސްލާހެއް ހުށަހެއް ނޭޅޭ. އަޅުގަނޑެއް ކޮމިޓީއަށް އިސްލާހެއް ހުށަހެއް ނާޅަން. އަޅުގަނޑު ކޮމިޓީއަށް އިސްލާހެއް ހުށަހެޅިކަމަށް ވިދާޅުވީ، އަޅުގަނޑަކަށް ނުވިސްނޭ، އަޅުގަނޑު ހިތުން ކޮމިޓީގެ މުޤައްރިރު އެގޮތަށް އެމައުލޫމާތު ދެއްވީ. އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ އިއްޒަތްތެރި މެމްބަރުންނަށްވެސް ދަންނަވަން އަދި އިދާރީ މޭޒުންވެސް އަދި ތިބޭފުޅުން އެހެން ގޮތްގޮތުން ބެއްލެވީމަވެސް ވަރަށްބޮޑަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އިމިގްރޭޝަން ޤާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީިހުން ގޮތެއް ނިންމާދިނުމަށް މަޖިލީހުގެ ރައީސް ނަޝީދަށް މިދިޔަ ހަފުތާގައި ކޮމިޓީގެ ރިޕޯޓު ފޮނުވި ނަމަވެސް އެ މަނިކުފާނު ވަނީ ރެޒިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމަނާދިނުމަށް އެދިވަޑައިގެން އެ ރިޕޯޓު އަނބުރާ ފޮނުވާލައްވާފައެވެ. އަދި ރިޕޯޓްގައި މަޖިލިސް ތަޅުމުގައި ކުރި ބަހުސްތަކާއި، ހުށަހެޅުނު އިސްލާހުތައް ހިމެނިފައިނުވާ ކަމަށް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮމިޓީގެ މަސައްކަތް ނިންމާފައި ވަނިކޮށް، ނަޝީދު އެދިވަޑައިގަތީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނުމަށެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ލިބޭނެގޮތަކަށް އިމިގްރޭޝަންގެ ޤާނޫނަށް ހުށަހެޅި އިސްލާހާއެކު ފާޑުކިއުންތައް އަމާޒުވުމުން ރައީސް ނަޝީދު ވަނީ އެ ކަމާ ގުޅޭ ގޮތުން މަޒުމޫނެއް ލިއުއްވައި އެމްޑީޕީގެ ވެބްސައިޓްގައިވެސް ޝާއިއުކުރައްވާފައެވެ. އެ މަޒުމޫނުގައި އެމަނިކުފާނު ލިއުއްވާފައިވާ ގޮތުގައި، ރާއްޖޭގައި ލިއެކިއުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވާނީ ރާއްޖެއިން އެ މީހުންނަށް ގޮތްތަކެއް ހޯދައިދީ ހުއްދަތަކެއް ދޫކޮށްގެންކަމަށެވެ.