ޚަބަރު

ތިން މީހުން ތިބި ދޯންޏެއް ފަރަށް އަރައިގެން ހަރަކާތްތެރިވަނީ


ތިން މީހުންނާއެކު ބ.އަތޮޅުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރި "ނޫމަސް" ދޯނި ތިލަފުށި އުތުރު ނެރުކައިރިއަށް ފަރަށް އެރުމާއި ގުޅިން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 5:46 ގައި މިހާދިސާގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގާޑް ސްކޮޑުގެ ޑައިވަރުން ހަރަކާތްތެރިވަމުންދާކަމަށެވެ. މިދޯނީގައި ތިބީ ދިވެއްސަކާއި ބިދޭސީ 2 މީހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ މިދުވަަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ހާދިސާތަކުގައި އުޅަދުފަހަރަށް ބޮޑެތި ގެއްލުވެ ބޭނުންނުކުރެވޭ ހިސާބަށްވެސް ދާކަން ފާހަގަކޮށްފައިވެއެވެ. މިދުވަސް ވަރު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.