ރިޕޯޓް

ދިޔާ ހަކުރު - ރުކާއި ފަރުތަކާއި ގުޅިފައިވާ މުއްސަނދި އުފެއްދުމެއް


ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ގުޅިފައިވާ އެންމެ މުހިއްމު އެއް ދިރުމަކީ ދިވެހި ރުކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ދިވެހި ރުކަކީ ދިވެހިންގެ ޤައުމީ ގަހެވެ. ދިވެހިންގެ އާއްމު ދިރިއުޅުމުގެ ކޮންމެކަމަކާ ގުޅިފައިވާ ގަހެވެ. އާއްމުކޮށް ތެތް ހޫނު ޤައުމުތަކުގައި ހެދޭ ރުކަކީ އޭގެ މުލުން ފެށިގެން ގަހުގެ ފަތަށް ދަންދެން ބޭނުން ކޮށްގެން ބޭނުންތެރި އެތައް ކަމެއް ކުރެވޭ ފައިދާހުރި ގަހެކެވެ. އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުމުގައި މިއީ ވަރަށްވެސް މުހިއްމު ދައުރެއް އަދާކުރި އަދި އެހާމެ ބޭނުންތެރި ގަހެކެވެ. އެންމެ ކުރީއްސުރެ ކެއިންބުއިމާއި ގެދޮރު ބިނާކުރުމުގައި ދިވެހިން ރުކުގެ ބޭނުންކުރާކަން ތާރީޚީ ލިޔުންތަކުންވެސް އަދި ކާބަފައިންގެ ވާހަކަތަކުންވެސް އެނގެންއެބައޮތެވެ.

ރުކުގެ އެކި ބައިތައް ތަފާތު ބޭނުންތަކުގައި ދިވެހީން ބޭނުންކުރާއިރު، ރުކުރަލާއި އެއިން ތައްޔާރުކުރާ ދިޔާ ހަކުރަކީ ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ އެއްޗެކެވެ. ރުކުރަލަކީ ރުކުގެ ޚާއްޞަ ވައްތަރެއްގެ ކުރިގަނޑުން އުފެދޭ އެއްޗެކެވެ. ރުކުރާ ނެގުމަށްޓަކައި ރާރުކުގެ މާގަނޑުގައި ރާބަންޖެއް ފަދަ އެއްޗެއް އައްސަން ޖެހެއެވެ. އެއީ އުފެދޭ ރާ އެބަނދީގެ ތެރޭގައި ޖަމާވެފައި ބެހެއްޓުމަށް ޓަކައެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާގެ ޤައުމުތަކުގައިވެސް ރުކުރަލައަކީ ވަރަށް އާންމު ބުއިމެކެވެ. ރުކުރާ ރަނގަޅީ ތާޒާ ކަންމަތީ ހުއްޓާ ބުއިމެވެ. މިއީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ.

ދިޔާ ހަކުރަކީ ރުކުރާ ކައްކަމުންގޮސް ރަލުގައި ހުންނަ ހަކުރު އޮލަވެގެން އުފެދޭ އެއްޗެކެވެ. މިހަކުރު ހިމެނެނީ މޮލައިސަސްގެ ތެރޭގައެވެ.

ދިޔާ ހަކުރަކީ އާދައިގެ ހަކުރު ނުވަތަ ދޯބުރާލި ހަކުރުގެ ބަދަލުގައި ފޮނިކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. އަދި މިއީ ރޮއްޓާއި ނުވަތަ ގަބުޅިއާއެކު ކާން ވަރަށް މީރު އެއްޗެކެވެ. ރާއްޖޭގައި އެންމެ އިހު ޒަމާނުއްސުރެ ކައިބޮއި އުޅުމުގައި ބޭނުންކުރި ތަކެތީގެ ތެރޭގައި ހިމެނޭ ދިޔާ ހަކުރު ނުވަތަ ދިވެހި ހަކުރަކީ އޭރު ރާއްޖޭގެ ކޮންމެ ގެޔަކުންވެސް ފަސޭހަކަމާއިއެކު ލިބެން ހުންނަ އެއްޗެކެވެ.

ތެދެކެވެ. ދިޔާހަކުރަކީ ރުކުރާ ކައްކައިގެން އުފައްދާ އެއްޗެކެވެ. އެހެންނަމަވެސް ދިޔާހަކުރާއި، ރާއްޖޭގެ ރަށްތައް ވަށައިގެންވާ ފަރުތަކާއި ގުޅުމެއްވެޔޭ ބުނުމުން ޤަބޫލުކުރަން ފަހަރުގައި އުނދަގޫވެދާނެއެވެ. މި މަސައްކަތް ކުރާ ބަޔަކަށް މިއީ އައު ވާހަކައަކަށް ނުވަތަ މަޢުލޫމާތަކަށް ނުވެދާނެއެވެ. ނަމަވެސް މިކަން ނޭނގޭ ބަޔަކުވެސް ތިބެދާނެކަމަށްބަލާ އެކަމާގުޅޭ މަޢުލޫމާތުކޮޅެއް ހިއްސާކޮށްލާނަމެވެ. ދިޔާ ހަކުރު ކެއްކުމަށް ފުށްޓަރުން ހޮވާ އަކިރި ބޭނުންކުރެއެވެ.

ދިޔާހަކުރު އުފެއްދުމަށް ރުކުރާ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރަނީ މުރަކައިގެ އާއިލާއެއްކަމަށްވާ ޕޮސިލަޕޯރިޑީއަށް ނިސްބަތްވާ ޕޮސިލަޕޯރާއެވެ. މި ވައްތަރުގެ މުރަކައަށް ދިވެހިން "ރާގާ" ނުވަތަ "ރާ މުރަކަ" އޭވެސް ކިޔާ އުޅެއެވެ. މިއީ ގޮފި ގޮތްޕަށް ފެތުރިފައި އަދި ގޮށްގޮށަށް ހުންނަ މުރަކައެކެވެ. މި ބާވަތުގެ މުރަކަ އާއްމުކޮށް ހެދެނީ ފަރުތަކުގެ މަތީގައާއި، އުރަފަށުގައެވެ. އިންޑިއާ އަދި ޕެސިފިކް ކަނޑުން ރާ މުރަކައިގެ 10 ވައްތަރެއް ފެނިފައިވާއިރު، ރާއްޖެއިން މީގެ 6 ވައްތަރެއް ފެނިފައިވެއެވެ. ރުކުރާ ކެއްކުމަށް ފުށްޓަރު ފަރާތުން ހޮވަނީ މި ވައްތަރުގެ މުރަކައިން ހެދިފައިވާ އަކިރިކަމަށްވާތީ، "ރާގާ" މި ނަން ވަނީ ދެވިފައެވެ. މިގޮތަށް ހޮވާ އަކިރި ކޮޅުތަކުގައި 2-1 އިންޗި ހުންނައިރު، 4 ވަރަކަށް މަސް ވަންދެން މި އަކިރި ކޮޅުތައް ބޭނުންކޮށް އުޅެއެވެ.

ދިޔާ ހަކުރު ހަދަނީ ރާކައްކާއިރު، މި އަކިރި ކޮޅުތައް އަޅައިގެން ރުކުރާ ވަރުކުރަމުންނެވެ. މި އަކިރީގެ ސަބަބުން ރުކު ރަލުގެ ހިތިކަން މަޑުވާކަމަށް ރާވެރިން ބުނެއުޅެއެވެ. އެއްއިރެއްގައި މިއީ ދިވެހިން ކެއިންބުއިމަށް އެންމެ ގިނައިން ކޮށް އުޅުނު މަސައްކަތެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ މި މަސައްކަތް ކުރާ މީހުން މަދުވިޔަސް، ރާކެއްކުމުގައި އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަކިރި ބޭނުންކުރެއެވެ.

ކޮންމެއަކަަސް ދިޔާ ހަކުރަކީ ދިވެހިންގެ ކެއިންބުއިމުގައި ޒަމާންވީ ބައިވެރިއެކެވެ. "ރޯދިކުރެއްވި އެއްޗަކާއި ދިވެހި ހަކުރު" މިއީ ބޯދާ ޒަމާނުއްސުރެ ބުނެއުޅޭ މަޖާޒީ ބުނުމެކެވެ. މިއީ ދިވެހި ހަކުރަކީ، ނޫނީ ދިވެހި ރުކު ކުރިން ބާލާ ރާފޮދު މަޅުކޮއްގެން ހިލާހަކުރުކޮޅާއި، ކާށިފޮއްޗަކީ އަބަދުވެސް ދިވެހިންގެ އަތްފޯރާފަށުގައި ﷲ ލައްވާ މިންވަރު ކުރައްވާފައިވާ ތަނަވަސް ނިޢުމަތަކަށްވީތީ ބުނެއުޅޭ ބަހެކެވެ. މި ބުނުމުންވެސް ދިވެހިންނާއި، ދިޔާ ހަކުރާ އޮތް ގުޅުން ކިތަންމެހާވެސް ސާފެވެ.

ރާއެރުން އަދި ރާކައްކައިގެން ދިޔާ ހަކުރު އުފެއްދުންފަދަ ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދޭ ހިތްގައިމު މަސައްކަތްތަކަށް ނަޒަރު ހިންގާލުމުން، ތިމާވެއްޓާއި ހުރި ގުޅުން، ވަކިން ޚާއްސަކޮށް ކަނޑުތަކާއި ފަރުތަކާއި ހުރި ގުޅުން އަންގައިދެއެވެ. މިފަދަ މަސައްކަތްތައް ދެމިއޮންނާނީވެސް އަހަރުމެންގެ ވަށައިގެންވާ މާހައުލާއި، ތިމާވެށީގެ ދިރުންތަކަށްދޭ އަހައްމިއްޔަތުކަން އިސްކޮށްގެންނެވެ.