ޚަބަރު

ރަށްރަށުގެ ކުޅިވަރު މަރުކަޒުތައް ކައުންސިލްތަކުން ބެލެހެއްޓުމުގައި ގޮންޖެހުންބޮޑު


އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމްކޮށްފައިވާ ކުޅިވަރު މަރުކަޒުތަކާއި، ދަނޑުތައް ބެލެހެއްޓުމުގައި ބަޖެޓް ނެތުމުގެ ސަބަބުން ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކާއެކު ރަށްރަށުގެ ކުޅިވަރުގެ ބިންތަކާއި، ދަނޑުތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވަނީ ކައުންސިލްތަކަށް ކަމަށެވެ.

ޤާނޫނުން ލިބިގެންވާ ބާރުގެ ދަށުން ކައުންސިލްތަކަށް ކުޅިވަރާއި ގުޅުންހުރި ބިންތަކާއި، އިމާރާތްތައް ބަދަލުވެ މިއަދާއި ހަމަޔަށް ކައުންސިލްތަކުގައި މިކަމަށް ޚަރަދުކުރާނެ ފައިސާއެއް ނެތުމުން ކައުންސިލްތަކަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި މިފައިސާ ހިމެނުމަށް ލޯކަލްގަވަރމަންޓް އޮތޯރިޓީގައި އެދިފައިވާނެކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ކުޅިވަރުގެ ތަންތަން ވަނީ ބަދަލުކޮށްފަ. ކައުންސިލްތަކަށް ބަޖެޓް ނެތުމުން އެންމެ އެކަށޭނަގޮތަކަށް ދަނޑުތަކާއި ކުޅިވަރު ބިންތައް ނުބެލެހެއްޓޭ. ބައެއް ތަންތަން ގުދަންތަކަށްވެ، ވަރަށް ހާލުގައި ހުރީ، ދަނޑެއްގެ ބޮތްކެއް އަދައިގެންވެސް 2 މަސްވަންދެން މިނިސްޓްރީން ލައިޓް ނުދެންޏާ އެކަންވެސް ކައުންސިލްތަކަށް ނުކުރެވޭ. ކައުންސިލްތަކުގެ އަންނަ އަހަރުގެ ބަޖެޓްގައި އެބައި ހިމެނުމަށް ވާނީ އެލްޖީއޭގައި އެދިފަ." މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ކުޅިވަރު ބިންތަކާއި ކުޅިވަރު މަރުކަޒުތަކުގައި ހުރި ބިންތައް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ އިޚްތިޔާރުވެސް އޮތްކަމަށެވެ. އެގޮތުން، ޖިމްތަކާއި، އެނޫންވެސް ތަންތަނުން ކޮންމެވެސް ވަރެއްގެ ފީއެއް ނަގައިގެން ހިންގެވުމުގެ އިޚްތިޔާރުވެސް މިއަދު ކައުންސިލްތަކަށް އޮތްކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކީ ރަށްރަށުގެ އެންމެހާ ކަންކަން ކުރުމުގެ ޒިންމާވަނީ ކައުންސިލްތަކާއި ހަވާލުވެފައެވެ. މިގޮތުން ކުޅިވަރު ބިންތަކާއި، ކުޅިވަރު މަރުކަޒުތައްވެސް ބެލެހެއްޓުމުގެ ޒިންމާ އޮތީ ކައުންސިލްތަކާއި މަތިވެފައެވެ.