ޚަބަރު

އަމާޒަކީ 16 ދަނޑެއް މިއަހަރު ނިންމުން - މަހުލޫފް


މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 37 ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަމާޒަކީ 16 ދަނޑެއްގެ މަސައްކަތް މިއަހަރު ނިންމުން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ރާއްޖޭގައި ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތަކީ ވަރަށްބޮޑު އިސްކަމެއްދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތެއްކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 37 ރަށެއްގައި ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތުގައި ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިމާވެފައިވާ ފައިސާގެ މައްސަލަކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރެވެމުންދާ ދަނޑުތަކުގެ ތެރެއިން 16 ދަނޑެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަކީ ވަރަށްބޮޑަށް އަމާޒުކުރައްވާ ކަމެއްކަމަށެވެ.

"37 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރުވެސް އެބަކުރިއަށްދޭ. 16 ދަނޑު މިއަހަރު ނިމޭނެކަމަށް އަޅުގަނޑުމެން އަމާޒު މިކަނޑައަޅަނީ. އެކަން އެގޮތަށްވުން އެއީ އަޅުގަނޑުމެން އުންމީދުކުރާ ގޮތަކީވެސް. މިހުރިހާ ކަމެއްގައިވެސް މިއަދު ކޯވިޑް-19 އާއި ގުޅިގެން ފައިސާގެ ދަތިކަން އެބައޮތް" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގިނަ ރަށްތަކުގައި ފުޓުބޯޅަ ދަނޑު އެޅުމުގެ އިތުރުން ކުޅިވަރުގެ އެކި ފެސިލިޓީސްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މިހާރުވެސް ފުޓްސަލް ދަނޑުތަކާއި، ޖިމްތަކާއި، ޔޫތު ސެންޓަރުތަކާއި، އެކި ކުޅިވަރު ކޯޓްތައް އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފުޓްސަލް ދަނޑު އެޅުމަކީ ސަރުކާރުން އެހާބޮޑު އިސްކަމެއް ނުދޭކަމެއްވިޔަސް، ވަޒީރުކަމާއި ހަވާލުވިއިރުވެސް 67 ފުޓްސަލް ދަނޑެއްގެ މަސައްކަތް ފަށައި ބައުންޑަރީ ވަކިކޮށް އަޅާނުލައި ދޫކޮށްލާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ހުރިހާ ޕްރެޝަރެއް ކުރިމަތިވެފައިވަނީ ވަޒީރާއި މިނިސްޓްރީއަށް ކަމަށްވާއިރު އެކަން ކުރެއްވުމަށް މެމްބަރުންނާއި ކައުންސިލްތަކުންވެސް ހުއްޓުމެއްނެތި އެދެމުންދާކަމަށެވެ. މިނިސްޓްރީން މަސައްކަތް ކުރައްވަމުންގެންދަވަނީ މިދަނޑުތައްވެސް ނިންމައި ބޭނުންކުރެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.