ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސަރުކާރު ކޯލިޝަނާއެކު އެއެވެސް މައްސަލައެއް އޮވެގެން ނޫންކަމަށް އެކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް އެމް.ޑީ.އޭ އިން ބުނެފިއެވެ.ބައެއް މީޑިއާތަކުން ހަގީގަތް އޮޅޭ ގޮތަށް ޚަބަރު ފަތުރާކަމަށްބުނެ އެމް.ޑީ.އޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ނައިބް ލީޑަރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިޚާބަށް ޕީ.ޕީ.އެމް އާއެކު ހެދި ކޯލިޝަންގައި އެމް.ޑީ.އޭ ނުތަނަވަސްވާފަދަ އެއްވެސް މައްސަލައެއް އަދި މިހާތަނަށް ކުރިމަތިވެފައިނުވާކަމަށާއި، ބޭނުންވަނީ، ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޔާމީނާއެކު ކުރިޔަށް ދިއުމަށްކަމަށެވެ.މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވީ، އެޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެޕާޓީންވެސް ކުރަންޖެހޭ ކަންކަން ކުރުމުގެ މަގުސަދުގައި ކަމަށާއި، ނަމަވެސް އެހަރަކާތްތަށްވެސް ކުރިއަށްގެންދަނީ ސަރުކާރު ކޯލިޝަންގެ ރޫހާ އެއްގޮތަށްކަމަށެވެ.މިކަމާގުޅޭ ގޮތުން ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހަދައިގެން އުޅޭ ބަޔަކު އެޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ޕާޓީއަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށާއި، ހެދިފައިވާ ކޯލިޝަނަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އަދި އެމް.ޑީ.އޭ އާއި ޕީ.ޕީ.އެމް އާ ދެމެދު އެއްވެސް މައްސަލައެއް ނޫޅޭކަމުގެ ޔަގީންކަން އަބްދުރަހީމް ވެސް ވަނީ ދެއްވާފައެވެ.