ޚަބަރު

އިލާ މޯލްޑިވްސްއިން އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކުރުމަށް 3،000 ޕީޕީއީ ހަދިޔާކޮށްފި


ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރާ އިލާ މޯލްޑިވްސްއިން އެމްއޭސީއެލްގެ މުއައްޒިފުން ބޭނުންކުރުމަށް 3،000 ޕާސަނަލް ޕްރޮޓެކްޓިވް އެކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފިއެވެ.

އިލާ މޯލްޑިވްސްއިން ހަދިޔާކުރި ތަކެއްޗަކީ ކޯވިޑް-19ގެ ނުރައްކާ އޮތް ހާލަތުގައި އެއަރޕޯޓްގައި އެންމެ ކުރީސަފުގައި މަސައްކަތްކުރާ އެމްއޭސީއެލްގެ މުއައްޒިފުން ބޭނުންކުރުމަށް ހަދިޔާކުރިތަކެތިކަމަށް އެ ކުންފުނިން ހާމަކުރައްވައެވެ. މިތަކެތީގެ ތެރޭގައި 3،000 އަންގިއާއި، 3،000 މާސްކް އަދި 24 ސެނިޓައިޒަރ ފުޅި ވަނީ ހަދިޔާކޮށްފައެވެ.

އިލާ މޯލްޑިވްސްގެ ޓުވީޓް

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވާއިރު، އެމްއޭސީއެލްގެ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ހުސައިން ވިދާޅުވީ ކުންފުނީގެ މުވައްޒަފުން މަސައްކަތަށް ނެރެނީ ސިއްޙީ ޙާލަތު ދެނެގަތުމަށް އޮންލައިން ފޯމެއް ފުރުމަށްފަހުކަމަށެވެ. އަދި ޢުމުރުން 55އަހަރުން މަތީގެ އެއްވެސް މީހަކު މަސައްކަތަށް ނުނެރޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން 3،000 މުވައްޒަފުން ޖުމްލަ ކުންފުނީގައި މަސައްކަތްކުރިނަމަވެސް މިހާރުގެ މި ޙާލަތުން ދުވާލަކު %30 މީހުން ނެރެގެން ޚިދުމަތްތައް ދެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި މުއައްޒަފުން ނެރެނީ 2 ޝިފްޓަށް ބަހާލައިގެން 900 އެއްހައި މުވައްޒަފުންކަމަށް އޭނާ ވިދާޅުވިއެވެ،

އެމްއޭސީއެލްގެ ޓުވީޓް

އެއަރޕޯޓްގައި ރައްކާތެރިކަން އިތުރުކުރުމަށް ޚާއްސަ ކްލިނިކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި ރާއްޖެ އެތެރެވާ ކޮންމެ ފަރާތަކުންވެސް ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ޖެހޭނެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވީނަމަވެސް ޚާއްސަ ޚާލަތްތަކުގައި އެކި ޤައުމުތަކަށް 5000އަށްވުރެ ގިނަ މީހުން މިދިޔަ ދެމަހު ވަނީ ފުރުވާލާފައެވެ. އަދި ރާއްޖެއިން ބޭރުގައިތިބި 2000އަށްވުރެ ގިނަ ދިވެހިން ވަނީ ޤައުމަށް ގެނެސްފައެވެ. މި އޮަޕަރޭޝަންތަކުގައިވެސް އެމްއޭސީއެލްގެ މުއައްޒަފުން މަސައްކަތައް ނިކުމެ ވަނީ ޤައުމީ ޚިދުމަތުގައި ހަރަކާތްތެރިވެފައެވެ.