ސިޔާސީ

ޑިއުޓީގައި ހުއްޓައި ނިޔާވި ފުލުހުންގެ އަގު ހާއްސަ ގޮތެއްގައި ވަޒަންކުރާނެ: ސީޕީ ޙަމީދު


ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި ދެކޮޅުވެރި ޙަމަލާތަކުގައި ނިޔާވި ފުލުހުންގެ ޚިދުމަތުގެ އަގު އަބަދުވެސް ހާއްސަ ގޮތެއްގައި ވަޒަންކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ޕޮލިސް މެމޯރިއަލް ދުވަހާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ. ސީޕީ ޙަމީދުގެ ޓުވީޓުގައި ވަނީ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި ދެކޮޅުވެރި ޙަމަލާތަކުގައި ނިޔާވި 5 ފުލުހެއްގެ ނަން ފާހަގަކުރައްވާފައެވެ. އަދި އެ ފަރާތްތަކުން ދެއްކި ހިތްވަރު ފާހަގަކުރައްވާ، ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ވެވަޑައިގެންނެވި ޤުރުބާނީއާއި ޚިދުމުގެ އަގު އަބަދުވެސް ވަޒަންކުރައްވާނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

ޕޮލިސް މެމޯރިއަލް ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިއްބަވަނިކޮށް ދިމާވި އެކިއެކި ޙާދިސާތަކާއި، ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަކުރާ ދުވަހެކެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

ޕޮލިސް މެމޯރިއަލް ޑޭގެ މުނާސަބަތުގައި ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާނުގައި، ފުލުހުންގެ މަރުކަޒުތަކުގައި ދިދަ 24 ގަޑިއިރަށް ބައި ދަނޑިއަށް ތިރިއަށް ވަނީ ތިރިކޮށްފައެވެ. އަދި މި ދުވަހާގުޅުވައިގެން ފުލުހުންގެ ސޯޝަލް މީޑިއާ އެކަންޓުތަކުގެ ޕްރޮފައިލް ފޮޓޯވަނީ ކަޅާއި ހުދުގެ ފޮޓޯތަކަށް ބަދަލުކޮށްފައެވެ.

ޕޮލިސް މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ހަމަޖެއްސި ދުވަހަކީ ފުލުހަކު ރަސްމީ ޑިއުޓީގައި ޤާނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ދެކޮޅުވެރިއެއްގެ ނުރައްކާތެރި ޙަމަލާއެއްގެ ސަބަބުން ޝަހީދުވެގެންދިޔަ ދުވަހެކެވެ. އެއީ ކ. ކާށިދޫ ކެތި، ޕޮލިސް ސާޖަންޓް އާދަމް ޙަލީމެވެ. އާދަމް ޙަލީމް ޝަހީދުކޮށްލާފައި ވަނީ އޭނާގެ އުފަން ރަށް ކަމުގައިވާ ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހުގެރޭ ރަސްމީ ޑިއުޓީގައި ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ހުއްޓައި ދެކޮޅުވެރިއަކު ތޫނު ހަތިޔާރުން ޙަމަލާ ދީގެންނެވެ.

ފުލުހުންގެ ޤައުމީ އަދި ޤާނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކުގައި މިހާތަނަށް 5 ފުލުހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އެއީ ކ. ކާށިދޫ، ކެތި ޕޮލިސް ސަރޖެންޓް ޢާދަމް ޙަލީމާއި، ބ. ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާޙް ޢަބްދުﷲ އާއި، ވ. ރަކީދޫ، ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް ޔޫސުފު ޒަމީރާއި، ލ. ފޮނަދޫ، ޗާނދަނީމާގެ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޡިމްގެ އިތުރުން ޕޮލިސް ކޯޕްރަލް އަޙްމަދު ވިފާޤެވެ.