ޚަބަރު

ތެލުގެ ވަގުވިޔަފާރީގެ 66 ފޮށީގެ ލިޔެކިޔުން - މައްސަލަ ފައިލްކުރުމާމެދު ގިނަ ސުވާލުތަކެއް


އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގަ އެޓަރނީ ޖެނެރަލް އޮފީހުން 66 ފޮށީގެ ލިޔެކިޔުން ލިބިފައިވާއިރު، މައްސަލައިގަ އެކަށީގެންވާ ލިޔުންނެތްކަމަށް ބުނެ މައްސަލަ ފައިލްކުރި ސަބަބާއިމެދު ސުވާލު އުފެދޭކަމުގައި އޭސީސީން ވިދާޅުވެއްޖެއެވެ. އޭސީސީން ދަނީ މިހާ ގިނަ އަދަދެއްގެ ލިޔުން ހުއްޓާ މައްސަލަ މަޑުޖައްސާލަންޖެހުނު ސަބަބު ސާފުކުރުމުންނެވެ.

އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ގްރާންޓް ތޯޓަންއާ ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓުގެ ލިޔުންތަކުގެ ތެރެއިން 66 ފޮށީގެ ލިޔުން އޭޖީ އޮފީހުން އޭސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި އޭސީސީންވަނީ އެމައްސަލަ އަލުން ދިރާސާކޮށް ބަލަން ފަށާފައެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ލިޔުން ލިބިފައިވާ މައްސަލައެއްގައި ލިޔެކިޔުން ނެތްކަމަށް ބުނެ މައްސަލަ ފައިލް ކުރުމަކީ ސުވާލު އުފެދޭކަމެއްކަމަށެވެ.

މިހާރު އޭސީސީން ކުރަމުންދަނީ މައްސަލަ އަލުން ރިވިއުކޮށް، ހުރި ލިޔުންތަކަށް ބަލައި މައްސަލަ އަލުން ހުޅުވާލާނީތޯ ބެލުމުގެ މަސައްކަތެވެ. އޭސީސީން އެ މައްސަލަ އަލުން ބެލުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

"މިމައްސަލަ މުޅިއަކުން ހުޅުވައިގެން ބަލާކަށް އަދި އަޅުގަނޑުމެން ނުނިންމަން. އެހެންނަމަވެސް 66 ފޮށީގެ ޑޮކިއުމަންޓްގެ ވާހަކަ މިދެކެވެނީ. އެހެންވީމަ އެހުރިހާ ޑޮކިއުމަންޓެއް އަދި ރިވިއުކޮށްފަ އަޅުގަނޑުމެން އަދި ފަހުގެ ތާރީޚެއްގައި މިކަމުގައި އެއްޗެއް ދަންނަވާނަން. އެހެނަމަވެސް މިވަގުތު އެމަސައްކަތް ކުރެވެމުންދަނީ. އަޅުގަނޑުމެން އަދި ނުނިންމަން އެމައްސަލަ އަލުން އޯޕަން ކުރާނީތޯ ނުވަތަ ނޫންތޯ؟" ޝިއުނާ ވިދާޅުވިއެވެ.

މިހާބޮޑު މައްސަލައެއްގައި ގިނަ އަދަދެއްގެ ލިޔުންތަކެއް ލިބިފައިވާއިރު، މައްސަލަ ފައިލްކޮށްފައި އޮތުމުން ކޮމިޝަނާއި ހަވާލުވުމަށްފަހުވެސް އެކަމުގައި ސުވާލުތަކެއް އުފެދުނުކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި މިހާރު މިމައްސަލަ މަޖިލީހުންވެސް ބަލަން ބޭނުންވުމާއި، މައްސަލަ ގެންގޮސްފައިވާ ގޮތަށް ބަލާއިރު އަލުން މިމައްސަލަ ބެލުމާމެދު ލިބިފައިވާ ލިޔުންތަކަށް ބެލުމަށްފަހު ގޮތްތަކެއް ނިމިގެންދާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ އޭރުގެ ތަހުގީގު ރިޕޯޓްގައި ނިންމާފައިވަނީ މައްސަލަ ކުރިއަށް ގެންދެވޭވަރަށް މައުލޫމާތު ލިބިފަ ނެތުމާއެކު މައްސަލަ ފައިލްކުރެވިފައިވަނީ. އިނީޝިއަލް އެ ރިޕޯޓް ބަލާފަވެސް އަޅުގަނޑަށް ހަމަ ސުވާލު އުފެދުނު 66 ފޮށިގެ ޑޮކިއުމަންޓް އަޅުގަނޑުމެންނަށް ލިބިފައި ހުރިއިރު އެހާ ކުރު، އާދައިގެ ވަރަށް ސިމްޕަލްކޮށް ތަހުގީގް ރިޕޯޓް ނިންމާފައޮތީމަ" އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެކޮމިޝަނާއި ޙަވާލުކޮށްފައިވާކަމަށެވެ.

މި މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ 2011 ވަނަ އަހަރުގައި މޭމަހުގެ 11 ވަނދުވަހުއެވެ. އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވޭވަރަށް މަޢުލޫމާތެއް ނެތްކަމަށް ނިންމާ އޭސީސީން މައްސަލަ ފައިލްކުރީ 2018 ވަނަ އަހަރުގެ މޭ 28 ގައެވެ.


މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގިކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. އެޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.