ޚަބަރު

އެނބުރި ޤައުމަށްދާން ބޭނުންވާ ބިދޭސީންނަށް އިމިގްރޭޝަނުން ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެނީ


ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު، ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީވެ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބައިނަލްޢަޤްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށެވެ.

މިފަދަ ފަރާތްތަކުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ. އަދި މިފަދަ ހާލަތުގައި ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ދެވޭނީ، IM07 ފޯމް ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއަރޕޯރޓް އިމިގްރޭޝަނަށް ހުށަހެޅުމުންނެވެ. މި ފޯމު އިމިގްރޭޝަންގެ ވެބްސައިޓް www.immigration.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.  

ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.