ރިޕޯޓް

ދިވެހިންގެ ފަޚުރުކަމުގައިވާ ޤައުމީ ދިދަ - ތާރީޚުގެ ތެރެއިން


ޤައުމީ ދިދައަކީ ކޮންމެ ޤައުމެއްގެވެސް ރަމްޒެވެ. ޤައުމަކީ ކޮން ޤައުމެއްކަން އަންގައިދޭ އެއްޗަކީ އެޤައުމެއްގެ ދިދައެވެ.

އެންމެ ފަސޭހައިން ޤައުމުތައް ވަކިކޮށްދޭން އެނގެނީވެސް ޤައުމީ ދިދައިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިދައަކީ ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ޝަރަފާއި ފަޚުރު ރަމްޒުކޮށްދޭ އެއްޗެކެވެ. ދުނިޔޭގައި ދިދައިގެ ތާރީޚް ފެށިފައި ވަނީ އިންސާނީ ތާރީޚް ފެށުނު ހިސާބުންކަމަށް ބުނެވެއެވެ. އެންމެ ފުރަތަމަ ޤަބީލާތަކުގައި މީހުން އުޅުނުއިރުވެސް އެމީހުންނަކީ ކޮންބައެއްކަން ދައްކުވައިދޭން ހަނގުރާމަތަކުގައިވެސް ދިދަ ބޭނުންކުރިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރިގެންދާއިރު، ދިވެހިންގެ ރަމްޒުކަމުގައިވާ ޤައުމީ ދިދައިގެ ތާރީޚަށް ބަލާލުމަކީވެސް މުހިއްމުކަމެކެވެ. ދިވެހި ޤައުމީ ދިދަ ގެންގުޅެން ފެށުނު ސީދާ ތާރީޚެއް އެނގޭކަށް ނެތެވެ. ނަމަވެސް ޤައުމީ ދިދައެއް ބޭނުންކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ބޭނުންކޮށް އުޅުނީ ރަދުންނާއި ރަނީންގެ ޝާހީ އާއިލާތަކަށް ޚާއްސަ ދިދަތަކެކެވެ. މިގޮތަށްވެސް ގިނައިން ބޭނުންކޮށް އުޅުނީ ރަތް ކުލައެވެ. ބުނެވޭގޮތުގައި މިކުލަ އޭރު ބޭނުންކޮށްފައި ވަނީ ރާއްޖެއަކީ ބިމުގެ ސަރަޙައްދަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވުމުން، ކަނޑުމަތިން ސާފުކޮށް ދުރަށް ފެންނަން ހުންނާނެ ކުލައަކީ ރަތް ކުލައަށްވާތީއެވެ.

ޤައުމީ ދިދައިގެ ގޮތުގައި ފުރަތަމަ ބޭނުންކުރީ ހުސް ރަތް ކުލަ ހުރި، ދިގު އަކަ ބައްޓަމުގެ ދިދައެކެވެ. މި ދިދަ ބޭނުންކުރީ 1796 އިން 1903 އާ ހަމައަށެވެ. ރަތް ކުލައަކީ ދުރަށް ސާފުކޮށް ފެންނަ ހުންނަ ކުލައަކަށްވާތީ މި ދިދާގައި ވެސް އެ ކުލަ ބޭނުންކުރިއެވެ. ރާއްޖޭގައި ބޭނުންކުރި ޤައުމީ ދިދަތަކުގެ ތެރޭގައި އެންމެ ދިގުމުއްދަތަކަށް ބޭނުންކޮށްފައިވަނީވެސް މި ދިދައެވެ.

107 އަހަރު ވަންދެން ހުސް ރަތް ކުލަ ހުރި، ދިގު އަކަ ބައްޓަމުގެ ދިދަ ބޭނުންކުރުމަށްފަހު 1903 ވަނަ އަހަރު ވަނީ ހުސް ރަތް ކުލައިގެ މި ދިދައިގެ އެއް ފަރާތަށް މަތިން ތިރިއަށް ވާގޮތަށް ކަޅާއި ހުދުގެ ރޮނގުތަކެއް އިތުރުކޮށްފައެވެ. ކަޅާއި ހުދުގެ ރޮނގުތަކުން ރަމްޒުކޮށްދެނީ ރަދުންނާއި ރަނިންގެ ދިދަތަކުގައި ބޭނުންކުރި ދިދަ ދަނޑިތަކެވެ. އޭރު ދިދަ ދަނޑިތަކުގައި ކުލަ ޖައްސާފައި ހުންނަނީ މިގޮތަށެވެ. މި ދިދަ 1926 ވަނަ އަހަރާއި ހަމައަށް ބޭނުންކޮށްފައިވެއެވެ.

1926 ވަނަ އަހަރު އަލް އަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލޭގެފާނުގެ ބޮޑުވަޒީރު ކަމުގައި އަނެއްކާވެސް ރާއްޖޭގެ ޤައުމީ ދިދައަށް ވަނީ ބަދަލު ގެނެސްފައެވެ. މިފަހަރު ހަމަ ކުރީގެ ދިދަ އިން ގޮތަށް، ދިދަ އަށް އިތުރުކުރީ ހަނދުފަޅިއެކެވެ. މި ހަނދުފަޅި އިންނަނީ ވާތް ފަރާތަށް ވާގޮތަށެވެ. ދައުލަތުގެ އޮފީސްތަކުގައި ޤައުމީ ދިދަ ނަގަން ފަށާފައި ވަނީ 1945 ވަނައަހަރުއެވެ. 1953 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރީ މި ދިދައެވެ.

ޤައުމީ ދިދައަށް ހަމަ އެ އަހަރު އަނެއްކާވެސް ބޮޑު ބަދަލެއް ގެނައެވެ. ޤައުމީ ދިދައިގެ ބަދަލުގައި ކިޔަން ފެށީ ދައުލަތުގެ ދިދައެވެ. ދިދައިގެ ރަތް ކުލައިގެ ދިގު އަކައިގެ ތެރެއަށް ފެހި ކުލައިގެ ކުޑަ ދިގު އަކައެއް އިތުރުކުރިއެވެ. އަދި ފެހިކުލައިގެ އެ ބައިގެ ތެރެއަށް ހަނދުފަޅިއެއްވެސް ވަނީ އިތުރުކޮށްފައެވެ. ހުސް ރަތްކުލަ ހިމެނޭ ދިދައަށް ފެހި ކުލަ އިތުރުކުރީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްކަން އަންގައިދޭށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް އައިސް ފުރަތަމަ ޖުމްހޫރިއްޔާ ފެށެންދެން އެ ދިދަ ބޭނުންކުރި އެވެ. އެއާއެކު އަނެއްކާވެސް ދައުލަތުގެ ދިދައިގެ ބަދަލުގައި ޤައުމީ ދިދައެއް ބޭނުންކުރަން ފެށިއެވެ.

މިފަހަރު ގެނައި ބަދަލަކީ ހަމައެކަނި ދިދައިގެ މެދުގައި އިންނަ ހަނދުފަޅި ވާތުން، ކަނާތް ފަރާތަށް އަނބުރާލުމެވެ. ކުޑަ ދުވަސްކޮޅަކަށް ދެމިގެންދިޔަ ފުރަތަމަ ޖުމްހޫރިއްޔާ ނިމުމާއެކު އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެ، އިނގިރޭސިންގެ ހިމާޔާތުގެ ދަށަށް ދިޔައެވެ. އެކަމަކު ޤައުމީ ދިދައަކަށް ބަދަލެއް ނުގެނެއެވެ. ނަމަވެސް އޭރު ރަސްކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ފަރީދު ދީދީ، އެމަނިކުފާނަށް ޚާއްސަ އަމިއްލަ ދިދައެއް ހެއްދެވި އެވެ. ޤައުމީ ދިދަ އިން ގޮތަށް ބައިންދާފައި ހަނދުފަޅި ކައިރިއަށް ތަރިއެއް އިތުރުކުރިއެވެ. މި ދިދަ އަށް ބަދަލުތަކެއް ގެނެސް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ދިދައިގެ ގޮތުގައި ބޭނުންކުރެއެވެ. ތަފާތަކީ އެއް ފަރާތުގައި އިންނަ ކަޅާއި ހުދުގެ ރޮނގުތައް ނެތުމެވެ.

1965 ގައި އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންކަން ރާއްޖެއަށް ލިބުމާއެކު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައިގެން ދިދާގެ ދަނޑިއާވީ ފަޅީގައި ހުރި ކަޅާއި ހުދުގެ ފަށް ނައްތާލެއްވިއެވެ. ރާއްޖޭގައި މިހާރު ބޭނުންކުރާ ދިދަ ބޭނުންކުރަން ފަށާފައިވަނީ 1968 ވަނަ އަހަރެވެ. އެ އަހަރުގެ މާރިޗު 15 ގައި ރާއްޖޭގައި އަނެއްކާވެސް ޖުމްހޫރިއްޔާއެއް ޤާއިމުކުރުމަށް ރައްޔިތުންގެ 81.23 ޕަސެންޓް މީހުންގެ އަޤުލަބިއްޔަތުން ނިންމުމާއެކު 2 ވަނަ ޖުމްހޫރިއްޔާއެއް އުފެދުނެވެ. އެއީ 11 ނޮވެމްބަރު 1968 ގައެވެ.

މިހާރު ބޭނުންކުރާ ޤައުމީ ދިދަ އެކުލެވިގެން ވަނީ ފެހިކުލައިގެ ދިގު އަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި، ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.

ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 2/3 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގެ 1/4 އެވެ. ހަނދުފަޅީގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 1/3 އެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅަކުން 9/16 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމައެކޮޅުން ރޮނގުގެ 5/8 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރަހައިފައެވެ. މި ދެބުރުފަޅި ގުޅޭއިރު ހުންނާނީ ހަނދުފަޅިއެއްގެ ސިފައިގައެވެ. ދިދަ ހަރުކުރެވިފައި ހުންނަނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑިއާވީ ފަރާތަށެވެ.

1992 ވަނަ އަހަރުގެ އޭޕްރީލްމަހު ދިވެހި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ވަކި ބިނާއެއް ހަދައި ބޮޑު ދިދައެއް ނެގުނެވެ. ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގެ މަލަމަތިން ފެންނަން ހުރި އެންމެ މުހިއްމު ރަމްޒަކީ މި ބޮޑު ދިދައެވެ، މިކަން ނަމޫނާއަކަށް ބަލައިގެން އައްޑޫ ސިޓީގައިވެސް ބޮޑު ދިދައެއް ވަނީ ނަގާފައެވެ.