ރިޕޯޓް

އަންވަރު - ހުވަފެންތަކުގައި ކުލަ ޖެއްސީ ދަތުރުކޮށްގެން


ދިވެހިންގެ ތެރޭގައިވެސް މިހާރު ދަތުރުކުރުމާއި، ތަންތަނަށް ގޮސް ފޮޓޯނެގުމަކީ އައު ކަމެއްނޫނެވެ.

ސޯޝަލް މީޑިއާގެ އެކައުންޓްތައް ފަޅު ފިލުވާލުމަށް ދަތުރުގޮސް ފޮޓޯ ނެގުމަކީ މިހާރު އައުކަމެއް ނޫނެވެ. އެއްބަޔަކު ރާއްޖޭގެ ތަފާތު ރަށްރަށަށް ގޮސް މިފަދަ ފޮޓޯނަގާއިރު، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތައްވެސް މިހާރު މަދެއްނޫނެވެ. ވަކިން ޚާއްސަކޮށް ޗުއްޓީ ދަތުރުތަކުގައި ތަފާތު އެކި މަންޒިލްތައް އެކްސްޕްލޯރކޮށްލަން ދަތުރުދިއުމަކީ މިހާރު ދިވެހިންގެ ކަށީގައިވެސް ހިފާފައިވާކަމެކެވެ.

މި ރިޕޯޓު މި ޚާއްސަކޮށްލަނީ ދަތުރުކުރަން "މަރު ދޭ" ޒުވާނެއްގެ ދަތުރުނާމާ ހިއްސާކޮށްލުމަށެވެ. ރ. އިނގުރައިދޫއަށް އުފަން އުމުރުން 23 އަހަރުގެ ޙުސެއިން އަންވަރު އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައި އޭގައި ކުލަޖައްސަމުންދަނީ ދުނިޔޭގެ އެތައް މިތަނަށް ދަތުރުކޮށްގެންނެވެ. ރަށުން ސްކޫލް ނިންމުމަށްފަހު މިހާރު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގައި މަސައްކަތްކުރާ އަންވަރަކީ ބިޒްނަސް މެނޭޖްމަންޓާއި ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ހަދާ، އަދި ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ބެޗެލާސްވެސް ހަދާފައިވާ ޒުވާނެކެވެ.

ފޫހިފިލުވުމަށް އާއްމުކޮށް ކުރަނީ ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން ނުވަތަ ފިލްމެއް ބަލާލުމެވެ. ބިޒީ ދިރިއުޅުމެއް އުޅޭ އަންވަރު ބުނާގޮތުން އޭނާގެ ހިތް އޮތީ މުޅި ދުނިޔެއަށް ހުޅުވިފައެވެ. އައު ކަންކަން ތަޖުރިބާކޮށް އައު ތަންތަނަށް ޒިޔާރަތްކުރުމަކީ އޭނާގެ ޕެޝަނެވެ.

"ފޫހިވީމަ ބައެއް ފަހަރު މީހުން ލިޔެފައި ހުންނަ ޓްރެވަލް ބޮލްގްތައް ކިޔާހަދަން. ޔޫޓިއުބްވެސް ބަލަން މީހުން ޓްރެވަލް ކޮށްފައި ހުންނަ ތަންތަން. އަދި އިންސްޕިރޭޝަނަލް ސްޓޯރީޒްތައްވެސް ކިޔާ ހަދަން" އަންވަރު ބުންޏެވެ.

އަންވަރު ބުނިގޮތުގައި އޭނާ ކިޔަވަން އުޅުނުއިރު އެންމެ ބޮޑަށް ބޭނުންވީ ކެބިން ކްރޫއަކަށްވުމަށެވެ. ނަމަވެސް ސްކޫލް ނިންމާ، މަތީ ތަޢުލީމަށް ކިޔަވަން ފެށި ހިސާބުން ޚިޔާލު ބަދަލުވެ، ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމަށް ހިތްޖެހުނީއެވެ.

"އަސްލު ބޮޑަށް ބޭނުންވީ ޓްރެވަލިންއަކީ ޕެޝަނެއްގެގޮތުގައި ކުރަން. ވަޒީފާއެއްގެގޮތުގައި ޓްރެވަލްކުރުމަކީ އެހާ މަޖާކަމަކަށްނުވާނެތީ. ކެބިން ކްރޫއަކަށްވެހުރެ ޓްރެވަލް ކުރަންޏާ ލީވްގެ ކަންކަމާ އެއްޗެހި ވަރަށް އުނދަގޫވާނެކަމަށް ފެންނާތީ ޚިޔާލު ބަދަލުވީ" އަންވަރު ބުންޏެވެ.

ދަތުރުކުރުމަށް ހިތްޖެހިފައި ހުރި އަންވަރަކީ ދަރުމައަށް މަސައްކަތް ކުރުމަށްވެސް ލޯބިކުރާ، އެކަމުގައި ޢަމަލީގޮތުންވެސް ބައިވެރިވަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާ އަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޔޫތު ލީޑާރސް ނެޓްވޯރކުގެ މުހިއްމު ބައިވެރިއެކެވެ. އެކި ދާއިރާތަކުން ޒުވާނުން ހޭލުންތެރިކުރުވާ ބިނާކުރުމަށް ރަށްރަށަށްގޮސް ތަފާތު ފޯރަމްތައް ބޭއްވުމުގައި އަންވަރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިއަހަރަށްވެސް އެފަދަ ގިނަ ދަތުރުތަކެއް ޕްލޭންކޮށްފައިވެއެވެ. ނަމަވެސް ކޯވިޑް-19އާއެކު އެކަންކަން މިވަގުތުއޮތީ މަޑުޖެހިފައެވެ.

ދަތުރުކުރަން ފެށީ 17 އަހަރުގައި – ދުނިޔޭގެ 50 އަށްވުރެ ގިނަ މަންޒިލަށް މިހާރު ދަތުރުކޮށްފި


ދަތުރުކުރުމަށް ހިތްޖެހި އެކަމުގެ ތެރެއަށް މީހާއަށް ވަދެވުނު ގޮތް ކިޔައިދެމުން އަންވަރު ބުނީ، ސްކޫލް ދައުރުގައިވެސް ތަންތަނަށް ދަތުރުގޮސް ކަންކަން ތަޖުރިބާކުރުމަކީ އޭނާ ވަރަށް ކުރާ ހިތްވާކަމެއްކަމަށެވެ. އަދި ރަށުގައި ކިޔަވަން އުޅުނު ދުވަސްވަރުވެސް ކައިރި ރަށްރަށަށް އަތޮޅު ފެރީގައި ދަތުރުކުރާކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު މި ދަތުރުކުރާހެން ޕާސްޕޯޓާއެކު ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ދަތުރުކުރެވިދާނެއޭ އެއީ އޭނާ އެއްވެސް އިރެއްގައި އުއްމީދުކުރިކަމެއް ނޫނެވެ.

އަންވަރު ރާއްޖޭން ބޭރަށް ފުރަތަމަ ފަހަރަށް ދަތުރެއްކޮށްފައިވަނީ އޭނާގެ އުމުރުން 17 އަހަރުގައި މާލޭގައި ކިޔަވަން ހުރި ދުވަސްވަރެވެ. ރައްޓެއްސަކާއެކު ލަންކާއަށް ކުރި އެ ދަތުރަކީ ގާދޫކޮލުން ބޭރުވެ، ހަޤީޤީ ދުނިޔެއަށް ލޯ ހުޅުވައިދިން ދަތުރެކެވެ. އަންވަރު ބުނާގޮތުން އޭނާ އެ ދަތުރުގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

"އެންމެ ފުރަތަމަ ބޭރަށް ދިޔައިރު ސިމް ކާޑެއް ނަގަން ހަދާނެގޮތެއްވެސް ނޭނގޭ. އެއަރޕޯޓުގައިވެސް އުޅޭކަށް ނޭނގޭ. އަނގަމައްޗަށް ނަގައިގެން ބޮޑެތި އުސް އިމާރާތްތަކަށްވެސް ބަލަން ހުންނަނީ. ނަސީބު ފުރަތަމަ ދަތުރުގައި ރައްޓެއްސަކާއެކު ދެވުނުކަން. ލަންކާއަށް ދިއުމަކީ އަހަރެންގެ އައިޑިއާއެއް. އެކަމު އެކުގައި ދިޔަ ކުއްޖާ ވަރަށް އެހީވި ދަތުރު ޕްލޭންކޮށް ހުރިހާކަމެއް ކުރަން. އެއީ ހަނދާން ނައްތާ ނުލެވޭނެ ދަތުރެއް" އަންވަރު ބުންޏެވެ.

ދަތުރުކުރުމަށް ހުރި ޝަޢުގެއްގެ ބޮޑުކަމުން އޭނާ ފުރަތަމަ ލަންކާއަށް ދިޔައީވެސް ޢާއިލާއަށް ނޭންގިއެވެ. ނަމަވެސް މިހާރު ޢާއިލާއިން އޭނާގެ އެ މަސައްކަތަށް ވަރަށް ހިތްވަރުދޭކަމަށް އަންވަރު ބުންޏެވެ. އޭނާ ޤަބޫލުކުރާގޮތުގައި ފައިސާއަކީ މީހުން ޚަރަދުކުރަން ހޯދާ އެއްޗަކަށްވެފައި، ތިމާ ޝަޢުގު ހުންނަކަމަކަށް ފައިސާ ޚަރަދުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.

ދަތުރުކުރަން ފުރަތަމަ ފެށި ދުވަސްކޮޅު މާލީ ޙާލަތު ހުރިގޮތުންނާއި، ވަޒީފާގެ ކަންކަން ހުރިގޮތުން މާ ގިނަ މަންޒިލްތަކަކަށް އަންވަރަށް ދަތުރުކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް އުމުރުން 25 އަހަރު ވާންވާއިރަށް ދުނިޔޭގެ 50 ޤައުމަކަށް ދަތުރުކުރުމަކީ އޭނާގެ ހުވަފެނެކެވެ. އަންވަރު ބުނީ އެއް ޤައުމަކަށް ކިތަންމެ ފަހަރަކު ދަތުރުކުރެވިފައި ހުއްޓަސް އޭނާ އަބަދުވެސް ބަލަނީ އެޤައުމަކުން އޭނާ ކުރިން ދިޔަ މަންޒިލެއްގެ ބަދަލުގައި ތަފާތު މަންޒިލަކަށް ދިއުމަށް ކަމަށެވެ.

"މެލޭޝިއާއަށްވެސް 15 ވަރަކަށް ފަހަރު ދެވިއްޖެ. ތައިލެންޑަށް 10 ވަރަކަށް ފަހަރު ދެވިއްޖެ. އިންޑޮނޭޝިއާއަށްވެސް 7 ވަރަކަށް ފަހަރު ދެވިއްޖެ. ޤައުމުތަކަށް ދާއިރު އަބަދުވެސް ބަލަނީ ތަފާތު ތަންތަން އެކްސްޕްލޯރކުރަން. އެކި ސިޓީތަކާއި ތަފާތު ސައިޓުތައް. ޤައުމުތައް ގުނާނަމަ 13 ޤައުމަކަށް ދަތުރުކުރެވިއްޖެ. ގިނަ ޤައުމުތަކަށް ދެވިފައި ހުންނާނީ ފާއިތުވި 2 އަހަރުތެރޭ. އެގޮތަށް މަލްޓިޕްލް ދަތުރުތައް ގުނާނަމަ 50 އަށްވުރެ ގިނަ ވާނެ ދެވުނު މަންޒިލްތައް. މިތަންތަނަށް ދިއުމުގެ ހުރިހާވެސް ބޭނުމަކީ ކްރިއޭޓިން ގުޑް މެމޮރީޒް" މިހާތަނަށް ދަތުރުކުރެވުނު ތަންތަނާގުޅޭގޮތުން ވާހަކަދައްކަމުން އަންވަރު ބުންޏެވެ.

އެންމެ މުހިންމީ ބަޖެޓް ޕްލޭންކޮށް، ދަތުރުކުރާ ތަނެއްގެ މަޢުލޫމާތު ރަނގަޅަށް ހޯދުން


އަންވަރު ބުނިގޮތުގައި އޭނާ ދަތުރުކުރާއިރު އަބަދުވެސް ބަލަނީ ދިވެހީންގެ މެދުގައިވެސް އެހާ މަޤުބޫލުނޫން މަންޒިލްތައް ޚިޔާރުކުރުމަށެވެ. އިންޓަރނެޓުންވެސް މަދުން ނޫނީ ނުފެންނަ "ޔުނީކް" ތަންތަން އެކްސްޕްލޯރ ކުރާށެވެ. ދަތުރުކުރާނެ ތަނެއް އޭނާ ކަނޑައަޅަނީ ޓްރެވަލް ބްލޮގަރުން ލިޔެފައި ހުންނަ ލިޔުންތައް ބަލާ، ޔޫޓިއުބް ވީޑިއޯތަކާއި ގޫގްލްއިން ބަލައިގެންނެވެ. އަދި ދަތުރުކުރާ މަންޒިލް ފައިނަލް ކުރަނީ އެހުރިހާ އެއްޗަކުން އެއްކުރެވޭ މަޢުލޫމާތުތަކަށް ބަލާފައެވެ.

ބައެއް ފަހަރު ދާން ބޭނުންވާ ޤައުމަކަށްގޮސްފައިވެސް އެ ޤައުމެއްގެ ހުރި ޚާއްސަ ތަންތަނާގުޅޭ މަޢުލޫމާތު އާއްމުންގެ ފަރާތުން އޭނާ ހޯދާކަމަށްވެސް އަންވަރު ބުންޏެވެ.

"ބައެއްފަހަރު ޔުނީކް ސްޕޮޓްތައް ހޯދަން އެތަނަށްގޮސް އެތަންތަނުގައި އުޅޭ މީހުން ކައިރީ އަހައިގެންވެސް. އެތަނެއްގައި އުޅޭބަޔަކަށްދޯ އެތަނެއްގެ ހުރި ޚާއްސަކަންވެސް ކިޔައިދޭން ބޮޑަށް އެނގޭނީ. ބައެއްފަހަރު ހުންނާނެ އެތަންތަނުގެ ރައްޔިތުންނާއެކުވެސް ދަތުރުކޮށްފައި. އަދި އެކަނި ދަތުރުކުރާއިރު ކޯޗްސަރފިންގ ކިޔާ އެޕެއް ބޭނުންކޮށްގެން އެހެން ޓްރެވަލް ކުރާ މީހުންނާއި ދިމާވެ، އެމީހުންނާއެކުވެސް އެކްސްޕްލޯރކުރަން" އަންވަރު ބުންޏެވެ.

އަންވަރު އަންނަނީ އޭނާގެ ދުނިޔޭގެ އެތަން މިތަނަށް ކުރާ ދަތުރުތަކުގެ ފޮޓޯއާއި ވީޑިއޯ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޚިއްސާކުރަމުންނެވެ. "މޯލްޑިވޯޓްރެވެލާރ" މިނަމުގައި އޭނާ ހިންގާ އިންސްޓަގްރާމް އެކައުންޓަކީ އަންވަރުގެ ދަތުރުނާމާއޭ ބުނުމަކުންވެސް ގޯހެއްނުވާނެއެވެ. 13 ހާހެއްހާ މީހުން ފޮލޯރކުރާ އެ އެކައުންޓުގެ ހުރިހާ ޕޯސްޓުތަކެއްހެން ބަލާލަން ހިތްގައިމެވެ. ގިނައީ ދިވެހިންވެސް މިއިން ޒަމާނަކު އަޑުނާހާ ތަންތަނަށްގޮސް އޭނާ ނަގާފައި ހުރި ފޮޓޯތަކެވެ.

ފޮޓޯތަކަށް ބަލާލުމުން "މިއީ ހާދަ އަގު ބޮޑު ދަތުރުތަކެކޭ" މިހެން ފަހަރުގައި ބައެއް މީހުންގެ ހިތަށް އަރާފާނެއެވެ. އެހެންކަމުން އޭނާގެ ދަތުރުތައް ޕްލޭން ކުރާގޮތާއި، ބަޖެޓް ހަމަޖައްސާގޮތް އަޅުގަނޑުވެސް އޮޅުން ފިލުވާލީމެވެ.

އަންވަރު ދެކޭގޮތުގައި ދުނިޔޭގެ ވަރަށް ހިތްގައިމު ރީތި މަންޒިލްތަކަށް މާބޮޑު ޚަރަދަކާނުލާވެސް ދެވިދާނެއެވެ. ހުރިހާވެސް އެއްޗަކީ މީހާގެ ވިސްނުމެވެ. އަގުބޮޑު އެއަރލައިންތަކާއި، އަގުބޮޑު ހޮޓެލްތަކުން ބުކިންތައް ހެދުމުގެ ބަދަލުގައި، ރިސަރޗްކޮށްގެން ދަތުރު ޕްލޭން ކުރުމަކީ މުހިއްމުކަމެކެވެ. އެންމެ ސޯސްއަކަށް ޑިޕެންޑްވުމުގެ ބަދަލުގައި އެކި ގޮތްގޮތުން މަޢުލޫމާތު ހޯދާ، ޓްރެވަލް ވެބްސައިޓްތަކާއި ބްލޮގްތަކުގައި ހުންނަ އަގުތައް އަޅާކިޔަންވާނެކަމަށް އަންވަރު ބުންޏެވެ.

"އަގުތައް ބަލާއިރުވެސް އެތަނަކީ ދާން ބޭނުންވާ މަންޒިލަކާއި ކައިރީގައި ހުރި ތަނެއްތޯ ބަލަންވާނެ. މެދު ލެވެލްއެއްގެ ރަނގަޅު އެކަމު އަގުހެޔޮ ތަނެއް ޗޫސްކުރުން މުހިއްމީ. އެއަރލައިން ޗޫސްކުރާއިރުވެސް މުހިއްމީ އެކި އެޕްލިކޭޝަން ބަލައި އަގުތައް ބަލައި އެންމެ ޗީޕް އެއަރލައިނެއް ޗޫސްކުރުން" އަންވަރު ބުންޏެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކޮށް އަގުބޮޑު ހޮޓެލްތަކުގައި ޗެކިންވުމަކީ އަންވަރު ބޭނުންވާ ގޮތެއްނޫނެވެ. އޭނާ ބުނިގޮތުގައި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައިވެސް އޭނާ ބޮޑަށް ބަލަނީ އެއަރބީއެންބީ މެދުވެރިކޮށް ސްޓޫޑިއޯ ރޫމެއް ބުކްކުރާށެވެ. އެތަންތަނުގެ އަގުތައް އާއްމުކޮށް ހޮޓެލްތަކަށްވުރެ ކުޑައެވެ. ހިތްފަސޭހަ، ރައްކާތެރި އަދި ދާން ބޭނުންވާ ތަނާއިވެސް ކައިރީގައި ހުރި ތަނެއް ބުކް ކުރެވުމުން އަންވަރަށް ފުދެއެވެ.

"އެންމެ އަގުބޮޑު ފްލައިޓުން ޓިކެޓުނަގާއި، އަގުބޮޑެތި ހޮޓާތަކުން ރޫމް ނަގަންޏާ ނުވާނެ އަގުހެވެއް. ރިސަރޗްކޮށްގެން އަގުހެޔޮ ތަންތަން ބަލައިގެން ނެގީމަ އަގުހެޔޮވާނީ. އަންވަރު ގިނަ ފަހަރަކަށް ޓުއަރއިންނެއްވެސް ނުނަގަން. އެއީވެސް އަތުންދާ އިތުރު ޚަރަދެއް. އެމީހުންނާއެކީ އުޅެންވީމަ ތަންތަން އެކްސްޕްލޯރކުރާނެ ވަގުތެއް ނުލިބޭނެ. އަބަދުވެސް އުޅޭނީ ލަސްވާތީ. ހަމަޖެހިލައިގެން ފޮޓޯއެއް ނަގާނުލެވޭނެ" އަންވަރު ބުންޏެވެ.

އަންވަރު ބުނިގޮތުގައި ދަތުރުކުރަން ބޭނުންނަމަ އަބަދުވެސް އަމިއްލަ ޝެޑިއުލެއްގައި ދަތުރުކުރެވޭނެފަދަ ގޮތަކަށް ޕްލޭން ކުރުމަކީވެސް ވަގުތާއި ފައިސާ ސަލާމަތް ކުރެވޭނެގޮތެކެވެ. ދަތުރުކުރާއިރުވެސް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމަކީވެސް ޚަރަދު ކުޑަވާނެގޮތެކެވެ.

"ދިވެހިން ގިނަ ފަހަރު މާ ބޮޑު ބެލުމެއްނެތި އެންމެ ތަނެއް ބަލާލާފައި ހުރިހާ ކަމެއް ނިންމާލާނީ. އޭގެ ނަތީޖާއަކަށްވަނީ 50 ރުފިޔާ ޚަރަދުކުރަންޖެހޭ ތާކަށް 150 ރުފިޔާ ޖީބުން ޚަރަދުވުން" އަންވަރު ބުންޏެވެ.

އަގުހެޔޮކޮށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އަންވަރު ވަނީ ކުޑަވަރެއްގެ ޓިޕެއް ހިއްސާކޮށްފައެވެ. އަންވަރު ބުނިގޮތުގައި އޭނާ އާއްމުކޮށް ދަތުރުކުރާއިރު އަގުހެޔޮކޮށް ޓިކެޓް ބުކްކުރަން ބޭނުންކުރަނީ ސްކިޕްލޭގްޑް، ކިވި ޑޮޓްކޮމް، އެއަރ އޭޝިއާ، ސްކައި ސްކޭނަރ އަދި ޓްރިޕް ޑޮޓްކޮމްއެވެ. ހޮޓެލްތައް ބުކްރުރަން ބޭނުންކުރަނީ އަގޯޑާ، ބުކިންގ ޑޮޓްކޮމް، އެއަރބީއެންބީ އަދި ޒެން ރޫމްސްއެވެ. ދަތުރުކުރާއިރު ޚަރަދުކުރާނެ ފިކްސްޑް ބަޖެޓަކާއެކު، ކަމެއް ދިމާވެދާނެ ކަމަށްބަލާ ބެކަޕްއެއްގެ ގޮތުގައިވެސް ބޭނުންކުރާނެ ފައިސާ ހަމަޖެއްސުން މުހިއްމުކަމަށް އަންވަރު ބުންޏެވެ.

ދަތުރުކުރަނީ ގްރޫޕް ހަދައިގެންނަމަ ޚަރަދުތައް އެންމެންނަށް އެއްވަރަކަށް ބަހާލުމަކީވެސް ޖީބަށް ލުއިވާނެގޮތެއްކަމަށް އަންވަރު ބުންޏެވެ.

ޑްރީމް ޑެސްޓިނޭޝަނަކީ ސެންޓޮރީނީ، ދާން ބޭނުންވަނީ ކައިޒީނާއެކު


އަންވަރު ބުނިގޮތުގައި އޭނާ އެންމެ ދަތުރުކުރާ ހިތްވަނީ ކުރީގެ މީހުންގެ ދިރިއުޅުން ދައްކުވައިދޭ އާސާރީ ބިނާތަކާއި، އެ ޤައުމެއްގެ ސަޤާފަތާއި ތާރީޚާއި އާދަކާދަ ބުނެދޭ ތަންތަނަށެވެ. އަދި ހައިކިންގއަށް ދިއުމަކީ އޭނާ ވަރަށް ކުރާ ހިތްވާކަމެކެވެ. ހަނަފަސް ސަހަރާތަކާއި ޖަންގަލިތަކާއި، އުސް ފަރުބަދަތަކަށް ދިއުމަކީވެސް އޭނާގެ ޝަޢުގުހުރި ކަންކަމެވެ.

އަންވަރު ބުނިގޮތުގައި އޭނާ ދަތުރުކުރި ކޮންމެ ތަނަކީވެސް އޭގެ ޒާތުގައި ތަފާތު ތަޖުރިބާތަކެއް ގެނުވި، ތަފާތު ކަންކަން ދަސްވި ދަތުރުތަކެކެވެ. ނަމަވެސް މިހާތަނަށް ދެވުނު އެންމެ މެމޯރަބަލް ދަތުރަކީ އިންޑިއާގެ ލަކާޑާއި، ތުރުކީގެ ކެޕަޑޯކިއާއެވެ.

"އިންޑިއާގެ ލަކާޑާއަށްދިޔައިރު 15- އާއި -35 އާދެމެދު ފިނިހޫނުމިން ހުންނާނީ. ފިނިވެގެންގޮސް ބޮޑެތި ކޯރުތައްވެސް ހުންނާނީ ގަނޑުވެފައި. އެތަނުގެ ލޭންޑްސްކޭޕަކީވެސް ވަރަށް ތަފާތު ލޭންޑްސްކޭޕެއް. އެތަނުގެ ދެވަނައަށް އެންމެ އުސްތަނަށްވެސް އެރިން. އެއީ ގާތްގަނޑަކަށް 17 ހާސް ފޫޓަށްވުރެ މަތި. ނޭވާލާންވެސް އުނދަގޫވާނެ. އެކަމު އެހުރިހާ ކަމަކަށް ތައްޔާރުވެގެންދިޔައީ. ތުރުކީގެ ކެޕަޑޯކިއާއަކީވެސް ވަރަށް މުއްސަނދި ސަޤާފަތެއް އޮންނަތަނެއް. ހެނދުނު އޮންނާނީ ހުސް ހޮޓް އެއަރ ބެލޫންއިން އުޑުމަތި ފުރާލާފައި. ވަރަށް މެޖިކަލް މޫމަންޓެއް އެއީ. ވަރަށް ބަލާލަން ރީތި ހިތްހަމަޖެހޭ މަންޒަރެއް އެއީ" އަންވަރު ބުންޏެވެ.

އަންވަރު ބުނީ އޭނާ އެންމެ ދާ ހިތްވަނީ ގްރީސްގެ ފަރުބަދަމަތީ ރަށެއްކަމަށްވާ ސެންޓޮރީނީއަށްކަމަށެވެ. އަދި އެތަނަށް ދާން ބޭނުންވަނީ އެންމެ ދެތިން ދުވަހަށް ނޫންކަމަށާއި، އެތަނަށް ދަންޏާ ދާން ބޭނުންވަނީ ހަމަޖެހިލައިގެން އެތަން އެކްސްޕްލޯރކުރެވޭހާ ދުވަހަށްކަމަށް އަންވަރު ބުންޏެވެ. އަންވަރު ބުނީ އޭނާ ސެންޓޮރީނީއަށް ދާން އެންމެ ބޭނުންވާ ސަބަބަކީ އެތަނުގެ އާކިޓެކްޗަރއާއި އިންފްރާސްޓްރަކްޗަރތައް ބަލާލުމަށް އުފެދިފައިވާ ޝަޢުގެއްގެ ބޮޑުކަމުންނެވެ.

"ހުރިހާ އިމާރާތެއްހެން ހުނދުކުލައިން ވަރަށް އެއްކަހަލަ ގޮތަކަށް ހަދާފައި ހުންނާނީ. އެހެންވެ އެތަނުގެ އާކިޓެކްޗަރ ހަމަލޮލުން ވަރަށް ބަލާލަން ބޭނުން. އެތަނުގައިވެސް އާސާރީ ތަންތަންވެސް ހުރޭ. ހިތްގައިމު އެތައް ކަމެއް އެތަނުގައި އެބަހުރި. އިރުއަރާ މަންޒަރާއި އިރުއޮއްސޭ މަންޒަރަކީވެސް އެތަނުގައި ބަލާލަން ބޭނުން އެއްކަންތައް" ސެންޓޮރީނީ ގަޔާވާ ސަބަބުތައް ކިޔައިދެމުން އަންވަރު ބުންޏެވެ.

ސެލެބްރިޓީއަކާއެކު އޭނާއަށް ދަތުރުކުރަން ފުރުޞަތު ލިބިއްޖެނަމަ ޚިޔާރުކުރާނީ ކާކުތޯ އަހާލުމުން އަންވަރު ބުނީ ރާއްޖެއިންނަމަ އޭނާ ޚިޔާރުކުރާނީ ސެންޓޮރީނީއަށް ދާން މަޝްހޫރު މޮޑެލް ކައިޒީންކަމަށެވެ. އަދި ރާއްޖޭން ބޭރުންނަމަ ޚިޔާރުކުރާނީ އޭނާގެ ޓްރެވަލް އިންސްޕިރޭޝަންކަމަށްވާ މަރީއާއި ޖޭކްއެވެ.

"ކައިޒީންއަކީ މިހާރު އެންމެންވެސް ދަންނަ އިންޑަސްޓްރީއަށްވެސް ވެލް ނޯން ފޭސްއެއް. އެހެންވީމަ އޭނައާއެކު ތަންތަނަށް ދަތުރުކޮށްލުމަކީ މަޖާކަމަކަށްވާނެހެން ހީވަނީ. ގައިމުވެސް ކައިޒީންގެ ފޭނުންވެސް އޭނާ ދަތުރުކުރާ ތަންތަން ބަލާލަން ބޭނުންވާނެ. ފޭނުންވެސް އެހާ ގިނަ. މަރީއާއި ޖޭކް ޗޫސްކުރާނީ އެއީ ދެންހަމަ ފެށުނީންސުރެއް އަހަރެންގެ އެންމެ ބޮޑު ޓްރެވަލް އިންސްޕިރޭޝަނަށް ވާތީ" އަންވަރު ބުންޏެވެ.

ދަތުރުކުރުމަށް ލޯބިކުރާ މީހުންނަކީ އެމީހުން ކުރާ ދަތުރުތަކުގެ ހަނދާން އައުވާނެފަދަ ތަފާތު ކަންކަން ކުރާ ބައެއްކެވެ. ފޮޓޯއާއި ވީޑިއޯ ކުރުމާއި، ޑައިރީއާއި ބްލޮގް ލިއުމާއި މިހެންގޮސް އެކި މީހުން އެކި ކަންކަން "ޓްރިޕް މެމޮރީސް"ގެ ގޮތުގައި ކޮށް އުޅެއެވެ. އަންވަރު ބުނިގޮތުގައި އޭނާ ކުރާ ދަތުރުތަކާގުޅޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާއިން ފެނުނެއްކަމަކު، އޭނާވެސް ޓްރެވަލް މެމޮރީސްގެ ސޯޝަލް މީޑިއާއިން ބޭރުގައި ރައްކާ ކުރެއެވެ.

އެގޮތުން ދަތުރުކޮށްފައި ފުރޭ ޕާސްޕޯޓުތައް އޭނާ ބަހައްޓައެވެ. އަދި ދާ ކޮންމެ ޤައުމެއްގެވެސް ކަރުދާސް ލާރިއާއި ވަކިލާރި އޭނާ އެއްކޮށްފައި ބަހައްޓައެވެ. ބައެއް ޤައުމުތަކަށްގޮސް ފޮޓޯނެގުމަށް ގަނެފައި ހުންނަ ސަޤާފީ ހެދުންތައްވެސް އޭނާ ރައްކާކުރެއެވެ. އަދި ކޮންމެ ޤައުމަކަށްގޮސްފައިވެސް ސުވެނިއާސްގަނެފައި ބަހައްޓައެވެ.

ރާއްޖޭން ބޭރަށްގޮސް އައު މީހުންނާއި ބައްދަލުކޮށް އައު ތަންތަނަށް ޒިޔާރަތްކުރުމަށް އަންވަރު މިހާރު އެއްވެސް ވަރަކަށް ޖެހިލުމެއްނުވެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޤައުމުތަކެއްގެ އެކި އެކި މަންޒިލްތަކަށް ކުރި ދަތުރުތަކުން އޭނާއަށް ވަނީ ތަފާތު ތަޖުރިބާތަކެއް ލިބިފައެވެ. އެކަންކަން ވެގެންދިޔައީ އޭނާއަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރުބޮޑުކޮށް، ދުނިޔެއަށް ލޯ ހުޅުވައިދިން ކަންކަމަށެވެ.

އަންވަރު ބުނިގޮތުގައި ގްރޫޕް ހަދާފައި ދަތުރުތައް ދިއުމަށްވުރެ އޭނާ ބޮޑަށް ބޭނުންވަނީ އަމިއްލައަށް ތަންތަނަށް ދަތުރު ދިއުމަށެވެ. އޭނާ ދެކޭގޮތުގައި އެކަނި ދަތުރުކުރުމަކީވެސް ވަރަށް "ޔުނީކް އެކްސްޕީރިއަންސް"އެކެވެ.

"ގްރޫޕް ހަދާފައި ދަތުރުކުރާއިރު ގަޑިއަށްކަންކަން ނުވުމާއި، މިޒާޖުގެ ގޮތުން އެކި މީހުން ތަފާތުވުމުން، ބައެއްފަހަރު މައްސަލަ ޖެހުންފަދަ ކަންކަން ކުރިމަތިވާކަމަށާއި، ނަމަވެސް އެކަނި ދަތުރުކުރާނަމަ މީހަކަށް މަޑުކުރަންނުޖެހި، އަމިއްލަ ގަޑީގައި ބޭނުންވާ ތާކަށް ދެވޭނެ" އަންވަރު ބުންޏެވެ.

އަންވަރު ކުރާ ދަތުރުތަކުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކެވެ. އަދި އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭ އެއްޗަކީވެސް އެއީއެވެ. "އެކަނި ދަތުރުކުރަން ލޯބިކުރާ މީހަކު މިހާ ހިތްގައިމު ފޮޓޯތަކެއް ނަގަނީ ކިހިނެއް" އަދި "ވަކިން ފޮޓޯގްރަފަރެއް ހަޔަރ ކުރަނީތޯ" މިއީވެސް ހަމަ ބައެއް ފަރާތްތަކުން އުފައްދަފާނެ ސުވާލެކެވެ. މި ސުވާލަށް ޖަވާބުދެމުން އަންވަރު ބުނީ އޭނާ ގްރޫޕް ހަދާފައި ދިޔަޔަސް ގިނަ ފަހަރު ދަނީ ފޮޓޯގްރަފަރުންނާއެކީ ނޫންކަމުން ފޮޓޯނަގަނީ އެކީގައި ދާމީހަކަށް ނަގައިދޭންވީ ޕަސްޕެކްޓިވްއާއި އެއްޗެހި ކިޔައިދީ ގޮސް ފްރޭމަށް ހުއްޓިގެންކަމަށެވެ. އަދި އެކަނި ދަތުރު ދާ ފަހަރުތަކުގައި ޓްރައިޕޮޑްގައި ކެމެރާ ހަރުކޮށް ޓައިމަރަށް ލާފައިގޮސް ފްރޭމަށް ހުއްޓިހުރެ ފޮޓޯނަގާކަމަށްވެސް އޭނާ ބުންޏެވެ.

"ބައެއް މީހުން ތިބޭނެ އުޅޭގޮތް ބަލާފައި ހޭންވެސް. ބައެއް މީހުން އައިސް ބުނާނެ ފޮޓޯއެއް ނަގައިދޭންހޭވެސް. އެކަނި ޓްރެވަލް ކުރާއިރު ކޯޗްސަރފިންގ އިން ޓްރެވަލްކޮށް އެއްކޮށް އެކްސްޕްލޯރކުރާ ހިތްވާ މީހުންނާއި ދިމާވެ، އެމީހުންނާއެކީވެސް ތަންތަނަށް އެކްސްޕްލޯރކުރަން ދަން. އެމީހުންގެ ފޮޓޯތައް ނަގައިދެނީ އަންވަރު. ދެން އަންވަރުގެ ފޮޓޯތައް އެމީހުންވެސް ނަގައިދޭނެ" އަންވަރު ބުންޏެވެ.

ބޭނުންވަނީ މިއީވެސް ޢާމްދަނީ ލިބޭ މަސައްކަތަކަށް ހަދަން


އަންވަރު ބުނިގޮތުން ދަތުރުކުރުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާކަމެއްކަމުން، އޭނާގެ އާއިލާއިން މިކަމުގައި އޭނާއަށް ފުރިހަމަ އެއްބާރުލުން މިހާރު ލިބެއެވެ. އަދި މައިންބަފައިން ގޮވައިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިއުމުގެ ފުރުޞަތު ކައިރި މުސްތަޤުބަލެއްގައި ލިބިގެންދިއުމަކީ އަންވަރުގެ ވަރަށް ދެކެން ބޭނުންވާ އަދި އޭނާ އެހާމެ އުއްމީދުވެސް ކުރާކަމެކެވެ.

އުމުރުން އެންމެ 17 އަހަރުގައި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ފެށި އަންވަރު ބޭނުންވަނީ މިކަމުގެ ތެރެއަށް ޒުވާނުންގެ ލޯ ހުޅުވައިދީ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެހީތެރިވާށެވެ. އެކަމަށް މަގުކޮށުމަށް އޭނާ މިހާރު އަންނަނީ "މޯލްޑިވޯޓްރެވަލަރ"ގެ ނަމުގައި ޚާއްސަ ވެބްސައިޓެއް ލޯންޗުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ވެބްސައިޓް މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ތަފާތު މަޢުލޫމާތާއި، ޓްރެވަލް ބްލޮގާއި ދަތުކުރި މަންޒިލްތަކުގެ ފޮޓޯތައް ފެންނަން ހުންނާނެކަމަށް އޭނާ ބުންޏެވެ.

މި ދާއިރާއިން އޭނާ މިހާރު އެންމެ ދެކެން ބޭނުންވަނީ މިއީވެސް އާމްދަނީ ލިބޭ މަސައްކަތަކަށް ހެދުމެވެ. އަމިއްލަ އަތުން ދަތުރުތަކަށް ކުރާ ޚަރަދު، އެ ދަތުރެއްގެ ތެރެއިން ފޫބެއްދުމެވެ. މިހާރުވެސް އެކަން ކޮންމެވެސް ވަރަކަށް ހަޤީޤަތަކަށް ވާންފަށާފައިވާކަމަށް އަންވަރު ބުންޏެވެ.

"ބައެއް ހޮޓެލްތަކުން ފްރީ ސްޓޭ އެބަލިބޭ. އޭގެ ބަދަލުގައި އަންވަރުގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އެކްސްޕީރިއަންސް ލިޔެލާ، ބައެއް ޕޯސްޓްތަކުގައި ހޮޓެލްސްގެ ރިވިއުޒް ލިޔެލާ، ފޮޓޯ އެމީހުންނަށް ދެނީ. އޭރުންވެސް ހަމަ ވަރަށް ބޮޑު އެކްސްޕެންސަކުން އެ ސަލާމަތްވީ. ބައެއް ޕްރޮޑަކްޓްތައްވެސް ޕްރޮމޯޓްކުރަންލިބޭ މިހެން އުޅޭއިރު. ރަނގަޅު ކޮންޓެންޓެއް އުފެއްދި، ރަނގަޅު އޯޑިއަންސްއެއް އޮތިއްޔާ މިއީވެސް ޢާމްދަނީ ލިބޭނެކަމެއް" އަންވަރު ކިޔައިދިނެވެ.

މިހާތަނަށް އައިއިރު ބޮޑަށް ދަތުރުކުރެވިފައި ހުރީ ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ކަމަށްވިޔަސް ރާއްޖޭގެ ހިތްގައިމު ދޮންވެލި ތުނޑިތަކާއި، ވިލުނޫކުލައިގެ މޫދާއި، ޖަޒީރާވަންތަ ދިރިއުޅުން މަތިން އަންވަރު އެއްވެސް ވަރަކަށް ހަނދާނެއް ނުނެތެއެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަކީވެސް އަންވަރު ކުރަން ބޭނުންވާ ކަމެކެވެ.

"ރާއްޖޭން ބޭރުގައިވެސް ގިނައިން ޕްރޮމޯޓް މިކުރެވެނީ ލަގްޒަރީ ރިސޯޓްތައް. ގިނަ މީހުންނަކަށް ނޭންގެ ރާއްޖެއަށްވެސް ބަޖެޓް ޓްރެވަލިންގ ކުރެވޭކަމެއް. އެހެންވެ އަންވަރު ބޭނުން ރާއްޖޭގެ އެކި ރަށްރަށަށްގޮސް އެ ރަށްރަށުގެ ހިތްގައިމުކަން ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯއިން ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފީޑު ފުރާލަން. އަދި ރާއްޖެ އަންނަ ބޭނުންވާ ފަތުރުވެރިންނަށްވެސް އަންގަން ބޭނުންވޭ ރިސޯޓުތަކުގެ އިތުރަށްވެސް ރާއްޖޭގައި އެމީހުން ޝަޢުގުވެރިވާނެ އެތައް މަންޒަރަކާއި ވާހަކައެއް ހުރިކަން" އަންވަރު ބުންޏެވެ.

އުއްމީދެއް އޮތީވިއްޔާ އެއްވެސްކަމަކީ ނުވާނެކަމެއް ނޫންކަން ހަމަގައިމުވެސް އަންވަރު މިވަނީ ސާބިތުކޮށްދީފައެވެ. ދަތުރުކުރުމަކީ ގިނަ މީހުންނަށް ވަރަށް ޚަރަދު ބޮޑުކަމެއްގެ ގޮތުގައި ހީވެފައިއޮތް ނަމަވެސް އަންވަރު ބޭނުންވަނީ މީހުންގެ އެ ވިސްނުން ބަދަލުކުރާށެވެ. ރިސަރޗްކޮށް ރަނގަޅު މަޢުލޫމާތު ހޯދާ، ރަނގަޅަށް ބަޖެޓާއި ދަތުރު ޕްލޭން ކުރެވިއްޖެނަމަ، ތިމާ ދާން ބޭނުންވާ "ޑްރީމް ޑެސްޓިނޭޝަން"އަށް ކުޑަ ޚަރަދެއްކޮށްގެން ނުދެވޭންވީ ސަބަބެއްނެތްކަމަށް އަންވަރު ބުނެއެވެ.