މުނިފޫހިފިލުވުން

އޯ ވަޒަން - މިފަހަރު ދުނިޔޭގެ 20 އަށްވުރެ ގިނަ ޤައުމުގެ 44 މިއުޒީޝަނުންނާއެކު


އާބާދީ މަދަސް ދިވެހީންނަކީވެސް މުއްސަނދި ތާރީޚަކާއި ސަޤާފަތެއް ލިބިފައި ބައެކެވެ.

ދިވެހިންގެ އާދަކާދައާއި ޤައުމިއްޔަތު ދިވެހި އަދަބިއްޔާތާއި މިއުޒިކްގެ ތެރެއިން ކިތަންމެހާވެސް ބޮޑަކަށް ފެނިގެންދެއެވެ. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ދިވެހީންގެ އުޅުންތަކާއި ގުޅުންތައް ކިޔައިދޭ އެތައް ޅެމަކާއި ލަވައެއް އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ލަވަތަކަކީ ދިވެހީންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާ، ބިންވަޅުނެގިފައިވާ ލަވަތަކެކެވެ.

އެފަދަ އެއް ލަވައަކީ "އޯ ވަޒަން" މި ލަވައެވެ. މިއީ ޤައުމީ ކޮންމެ މުނާސަބަތަކަށްވެސް ހެޔޮވަރު ލަވައެކެވެ. ޤައުމީ ރޫހާއި ޖޯޝުން ފުރިގެންވާ ލަވައެކެވެ. ހުއްބުލް ވަޠަންދެކެ އިންތިހާއަށް ލޯބި އިތުރުކޮށްދޭ ޤައުމީ ލަވައެކެވެ.

ނުވަދިހައިގެ ފަހުކޮޅު މަޝްޙޫރު ލަވަކިޔުންތެރިޔާ ޢަބްދު ﷲ ޙަސަން، މަޝްޙޫރު ނަމުންނަމަ ހޮޅުދޫ ޢަބްދު ﷲ ގެ ރަން އަޑުން ކިޔާފާއިވާ މި ލަވައަކީ އޭރުވެސް އަދި މިހާރުވެސް ދިވެހީންގެ ހިތްތަކަށް ފިނިކަންގެނުވާ އަޑުއަހާލަން ފަސޭހަ ލަވައެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ލަވައިގެ ތަފާތު ކަވަރ ވާޝަންތައް ވަނީ އިވިފައެވެ. ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު ފްރެންޗައިޒް ޝޯވ މޯލްޑިވިއަން އައިޑަލްގެ ދެ ސީޒަނަކުންވެސް މި ލަވައިގެ ދެ ވާޝަނެއް އިވިފައިވެއެވެ. އެއީ ސީޒަން އެކެއްގައި ޒަލީފް ޢަބްދު ﷲ އަދި ސީޒަން ތިނެއްގައި މަރިޔަމް މައީޝާގެ ހިތްގައިމު އަޑުންނެވެ.

ދުވަސްކޮޅަކަށްފަހު އަނެއްކާވެސް "އޯވަޒަން" އާއެކު ދިވެހީންގެ ހިތްތަކަށް މިވަނީ ފިނިކަން ގެނުވާފައެވެ. މިފަހަރު މިއޮތީ މި ލަވައިގެ އޮކެސްޓްރަލް ރެންޑިޝަނެކެވެ. މިއީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އާއްމުކުރި ވާޝަނެކެވެ. ނަމަވެސް ކުރިން އިވުނު ކަވަރ ވާޝަންތަކާ މިފަހަރުގެ ވާޝަން ތަފާތުވެފައި ޚާއްސައެވެ. މިފަހަރުގެ "އޯވަޒަން" ކަވަރއަކީ ދުނިޔޭގެ 20 އަށްވުރެ ގިނަ ޤައުމުގެ 44 މިއުޒީޝަނަކުވެގެން ތައްޔާރުކޮށްފައިވާ ވާޝަނެކެވެ. "އޮކެސްޓްރާ" ވައިބެއް ގެނެސްދޭ މި ލަވަ ޔޫޓިއުބަށާއި ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނީ ދިވެހިންނަށްދޭ ޓްރިބިއުޓެއްގެ ގޮތުގައެވެ.

3 މިނެޓް 43 ސިކުންތުގެ މި ރެންޑިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮކެސްޓްރާ ގްރޫޕެއްކަމަށްވާ "ވަންއޮކެސްޓްރާ" އާއި އެމެރިކާގެ ސިޓީއެއްކަމަަށްވާ ޕެންސިލްވޭނިއާގައި ހުންނަ "މޯހޯކް ހައި ސްކޫލް ކޮޔަރ" ގްރޫޕް ގުޅިގެންނެވެ.

މިއުޒިިކް ހަދާފައިވަނީ އޮކެސްޓްރާއަކުން ފެނިގެންދާނެ ގިނަ އިންސްޓްރޫމަންޓްތަކެއް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ވަޔޮލިން، ސެލޯ، ޕިއާނޯ، ހާރްޕު، ކްލަރިނެޓްސް، ގިޓާ، ފްލޫޓް އަދި ޑަބަލް ބޭސްފަދަ އިންސްޓްރޫމަންޓްތައް ބޭނުންކޮށްފައިވެއެވެ. ބޭރުބަޔަކު ކުޅެފައިވާ މިއުޒިކެއްނަމަވެސް މި ވާޝަން އަޑުއަހާލުމުން އެކަމެއް މާބޮޑަކަށް އިޙްސާސެއްނުވެއެވެ. ހިތާހިތުން އެ ލަވަ ކިޔާލެވޭ ކަހަލައެވެ.

މި ވާޝަންގެ އެންމެ ހިތްގައިމު އަދި އެންމެ އަޅައިގެންކަމަކީ ފަހުބައިގައި ކޮޔަރ ގްރޫޕުން "އޯ ވަޒަން" މިހެން ކިޔާބައެވެ. މި ވާޝަން "ވިޒިޓް މޯލްޑިވްސް"އިން ވަނީ ސްޕޮންސަރވެސް ކޮށްފައެވެ.

މީގެ ކުރިންވެސް ދިވެހި ބައެއް ލަވަތަކުގެ ކަވަރ ވާޝަންތައް ބޭރުގެ އާޓިސްޓުން ކުޅެފައި އެބަހުއްޓެވެ. ނަމަވެސް މިހާ ގިނަ އަދަދެއްގެ މިއުޒީޝަނުންތަކެއް އެއްވެގެން ދިވެހި ލަވައެއްގެ ކަވަރ ވާޝަނެއް ތައްޔާރުކުރި މިއީ ފުރަތަމަ ފަހަރެވެ. މި ކަވަރ ވާޝަނަށް މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ވަންއޮކެސްޓްރާއާއި މޯހޯކް ހައިސްކޫލް ކޮޔަރ ގްރޫޕް ގުޅިގެން ތައްޔާރުކުރި "އޯ ވަޒަން"ގެ އޮކެސްޓްރަލް ރެންޑިޝަން--

"އޯ ވަޒަން" ނުވަތަ "ގަސް ރުކުން" މިއީ ދިވެހިންގެ ތެރޭ އަބަދަށްފެހި ލަވައެކޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.

ރާއްޖޭގެ ވެށީގެ ހިތްގައިމުކަމާއި، ގުދުރަތީ މުއްސަނދިކަމާއި، ޤައުމިއްޔަތުގެ ވާހަކަތަކެއް ގެނެސްދޭ މި ލަވައަކީ ކޮންމެ ދިވެއްސެއްގެވެސް ހިތަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެނުވާނެ ލަވައެކެވެ. އެތައް މަދަހައާއި ޤައުމީ ލަވަތަކެއް ކިޔާދީފައިވާ ހޮޅުދޫ ޢަބްދު ﷲ ގެ އެންމެ ފާހަގަކޮށްލެވޭ އަދި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ލަވައަކީ "އޯ ވަޒަން" އެވެ. ލަވައިގެ ޅެންވެރިކަމަށް ބެލިޔަސް ބަސްތައް އަމުނާލާފައިވަނީ ސާދާގޮތަކަށެވެ.

ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ހޮޅުދޫ ޢަބްދު ﷲ ގެ އަނބިކަނބަލުން މއ. މާގަސްދޮށުގޭ އައިޝަތު އަނީސެވެ. ރާއްޖޭގެ ހިތްގައިމުކަމާއި ގުދުރަތީ މުއްސަނދިކަން މި ލަވައިގައި ސިފަކޮށްދީފައިވާލެއް އެހާމެ ފުރިހަމައެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރުވެފައިވާ މި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ބޭނުންކުރާ "ދަ ސަނީ ސައިޑް އޮފް ލައިފް" މިލަވައިން ކިތަންމެ ފުރިހަމައަކަށްވެސް ބުނެދެއެވެ. ރަށްތަކުގެ ފެހިކަމާއި، ކަނޑުތަކުގެ ނޫކަމާއި، ދޮންވެލި ހުދު ތުނޑިތަކާއި، ދޫނިތަކުން ރާއްޖޭގެ ހިތްގައިމުކަން ބުނެދެއެވެ. މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމުގެ ވާހަކަވެސް ލަވައިގައި ގެނެސްދީފައިވާލެއް ކުރުވެފައި ސާދާއެވެ.

މި ލަވަ ކިޔުމަށްފަހު ހޮޅުދޫ ޢަބްދު ﷲ ވަނީ އޭރު އޭނާ ވަޒީފާ އަދާކުރަމުންދިޔަ ދިވެހިރާއްޖޭގެ އަޑަށް މި ލަވަ ހަދިޔާކޮށްފައެވެ. ލަވައިގެ ވީޑިއޯ ހަދާ ޓީވީއެމުން ދައްކަން ފެށުމާއެކު ލަވައިގެ މަޤުބޫލުކަން އިންތިހާއަށް ބޮޑުވެގެންދިޔައެވެ.

ވަޒަންތީ

މިއީ ހިންދީ ރާގެއްދޯ

ޢަސްލު އޯވަޒަން

ކާކު މިއޮށް ރީތި ލަވަ ޚަރާބު ކޮއްލީ ؟ ލަދުން ބޯ ހަލާކު!