ޚަބަރު

ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭނޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާ - އެމްއެމްސީ


ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމަށް ކަމާއިބެހޭ ފަރާތްތަކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މީޑިޔާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުޞަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބިފައިވާކަން ޔަގީން ކުރުމަކީ މީޑިޔާ ކައުންސިލްގެ ޤާނޫނީ ޒިންމާއެކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް މި ބަޔާނުގައި ވިދާލުވެފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން މީޑިޔާކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްވުންތަކާއި، ހާދިސާތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ހުރަސްތައް ކުރިމަތި ނުވާނެގޮތަކަށް ކަންކަން އިންތިޒާމުކުރުމަށްވެސް މިބަޔާނުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންވެސް ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ އިމުގެ ތެރޭގައި މިފަދަ ކަންކަން ކަވަރުކުރުމުގެ މަސައްކަތް ކުރުމަށް މީޑިއާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމަށް ޙަރަކާތްތެރިވާއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ޚާއްސަ ފާސް އަޅައިގެން ޙަރަކާތްތެރިވުމަށްވެސް މީޑިޔާ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.