ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އެއަރލައިނުން ދަނީ ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ބާއްވަމުންނެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފްތާއަކު 7 ދަތުރުކުރުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ.
މި ދަތުރުތަކާއި ރާއްޖެއާއި ލަންޑަނާއި، ޕެރިސް، ފްރެންކްފާޓް އަދި މިލާންއާއި ރާއްޖެއާއި ގުޅާލަދޭނެއެވެ.
ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާއި ހަމައަށް، ސްރީލަންކަން އެއަރލައިންސްއިން ދިޔައީ ފަސިންޖަރުން ގޮވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 3 ދަތުރުކުރަމުންނެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު 3 ދަތުރު ބާއްވަމުންނެވެ.
ކޯވިޑް-19އާ ގުޅިގެން ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ސްރީލަންކަންއިން ދިޔައީ ކާގޯ ފްލައިޓުތައް ރާއްޖެއަށް ބާއްވަމުންނެވެ.
ރާއްޖޭގެ ބޯޑަރު މިމަހުގެ 15ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރާއްޖެއަށް ދަތުރުތައް ފެށުމަށް ބައިނަލްއަޤްވާމީ 11 އެއަރލައިނަކުން ވަނީ ޝެޑިއުލްކޮށްފައެވެ. އަދި މިއަަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.
ސްރީލަންކަންގެ އިތުރުން އެމިރޭޓްސް އެއަރލައިނުންވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައެވެ.
އެގޮތުން އެމިރޭޓްސްއިން މިހާރު ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ބާއްވަމުން އަންނަ އިރު، ރާއްޖެއަށް އޮތް ޑިމާންޑު ރަނގަޅުކަން ފާހަގަކޮށް، އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއަރލައިނުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 6 އަށް އިތުރުކުރުމަށް ނިންމާފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލާ ހިސާބުން ފެށިގެން އޯގަސްޓުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ބައެއް ހިދުމަތްތައް ހިލޭ ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދިނުން ހިމެނެއެވެ.