ޚަބަރު

ޝާފިޢުގެ މައްޗަށް، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ


އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޢުމުރުން 15 އަހަރުގެ އަންހެންކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލާގައި ފ.ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޝާފިޢުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 12/2009 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުންނެވެ. އޭނާގެ މައްޗަށް މިކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝާފިޢު ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 3 ވަނަ ދުވަހު އުމުރުން 37 އަހަރުގެ ޝާފިޢު ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީއާއި، އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި، މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.