ޚަބަރު

އެޗްޕީއޭގެ މިންގަނޑާއި ޚިލާފުވި އިތުރު 50 ތަނެއް ބަންދުކޮށްފި


ޢާއްމު ޚިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ހުރި އިތުރު 50 ތަނެއް މިއަދު ބަންދުކޮށްފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލި މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތްދޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިއަދު 99 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތްދޭ 45 ތަނަކާއި 5 ސެލޫނާއި 49 ފިހާރައެވެ.

އެޗްއީއޯސީން ވިދާޅުވީ އޭގެތެރެއިން 50 ތަނެއް އެޗްޕީއޭގެ އުސޫލާއި ޚިލާފްވެފައިވާތީ މިހާރު ބަންދުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 4 ސެލޫނާއި 24 ފިހާރައަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ 22 ތަނެއް ކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ.

އެޗްޕީއޭގެ އުސޫލާ ޚިލާފްވި 27 އިއްޔެވެސް ބަންދުކޮށްފައިވެއެވެ. އަދި އޭގެތެރެއިން 26 ތަނެއް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިޞްލާޙުކޮށްފައިވާތީ އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

މި އިންސްޕެކްޝަނަކީ ކޯވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވަމުންދާތީ، ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން ޤަވާޢިދަށް ޢަމަލުކުރޭތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޕީއޭ ގުޅިގެން ފެށި އިންސްޕެކްޝަނެކެވެ. އެޗްޕީއޭއިން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މި އިންސްޕެކްޝަން ކުރިއަށް ގެންދާނެކަމަށެވެ.