ޚަބަރު

އަޟުޙާ ޢީދު ފާހަގަކުރުން ކުރީ އަހަރުތަކުގެ ހަނދާންތަކާއި އެކު


މިއަދަކީ މުސްލިމުންގެ ބޮޑު ޢީދެވެ. ޙައްޖުގެ އަޅުކަމަށްފަހު މުސްލިމުންނަށް އަންނަ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން މިޢީދުވެސް މުސްލިމުނަށް ފާހަގަކުރަންޖެހިފައިމިވަނީ އެހެން ފަހަރުތަކާއި ޚިލާފަށް ރައްކާތެރިކަމަށް ޚާއްސަ އިސްކަންދީގެންނެވެ. ކުޅިވަރާއި އުފާތަކަށް ބަލާލަން ޖެހިފައިވަނީ ކުރީ އަހަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. އެ އުފާވެރި ހަނދާންތަކެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މުޅި މުސްލިމު އުއްމަތަށް އަންނަ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މުސްލިމުން ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. އިސްލާމީ އުއްމަތަށް އަންނަ އެންމެ ބޮޑު ދެ ޢީދަކީ މުސްލިމުންގެ އުޅުމާއި ގުޅުން ރަނގަޅުކޮށް އުފާޅުކުރުމަށް މާތްﷲގެ ރަޙުމަތުން ދެއްވާފައިވާ އެންމެ ބޮޑު ދެދުވަހެވެ. މީގެތެރެއިން އަޟުޙާ ޢީދަކީ ޙައްޖުގެ މަތިވެރި މަނާސިކުތަކަށް ފަހު ލިބިގެންދިޔަ ރަޙުމަތަށްޓަކާ އުފާކޮށް އެކަން ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ ފިތުރު ޢީދެކޭ އެއްފަދައިން އަޟްޙާ ޢީދުވެސް ފާހަގަކުރަން ޖެހިފައިވަނީ ތަފާތު ގޮތަކަށެވެ. ޒަމާނުއްސުރެ ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރާ ބޮޑު ޢީދުގެ ކުލަ ކޯވިޑް-19އާއި ގުޅިގެން މިފަހަރު މިވަނީ ފަނޑުވެފައެވެ.

ޢީދު ހެދުން ގަތުމާއި، ބޮޑެތި ކެއުންތަކާއި ޖާފަތްތައް ތައްޔާރުކޮށް ޢާއިލާއާއި ރަޙުމަތްތެރިން އެއްވެ ފާހަގަކުރާ މި ޢީދު މިވަނީ ގޭގައި ތިބެގެން އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން ފާހަގަކުރަންޖެހިފައެވެ. ކުލައާއި ފެން ޖެހުމާއި، ޢާއިލާއާއި ރައްޙުމަތްތެރިންނާއެކު ބާއްވާ ޢީދު ޕިކުނިކްތަކާއި، ޘަގާފީ އެކި ޙަރަކާތްތައްވެސް މިފަހަރުމިވަނީ ކެންސަލްކޮށްފައެވެ. އެގޮތުން ސަރުކާރާއި ޢާއްމު ފަރާތްތަކުންވެސް ފޯރީގައި ދުވަހާ ގުޅޭ އެކި ޙަރަކާތްތައް މީގެ ކުރިން ބޭއްވިނަމަވެސް މިއަހަރު ރައްކާތެރިކަމަށްޓަކައި މިވަނީ އެފަދަ އެއްވެސް ޙަރަކާތެއް ބޭއްވޭ ގޮތް ނުވެފައެވެ.

ކޯވިޑް-19 ފެތުރެމުންދާ މިދުވަސްވަރު މުސްލިމުންގެ ބޮޑު ޢީދު ބައްދަލުވި ނަމަވެސް ތިމާއާއި އެހެން މީހުންގެ ރައްކަލަކަށް ގޭގެއަށް ޒިޔާރަތްކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ. އަދި އެކަކު އަނެކަކަށް ހަދިޔާ އާއި އެނޫވެސް ތަކެތި މިދުވަސްވަރު ފޮނުވުމަކީ އެންމެ ރައްކާތެރި ގޮތް ނޫނެވެ. ރައްކާތެރިވުމުގެ ގޮތުން މީގެކުރިން އެންމެން އެއްވެގެން ފާހަގަކުރި ގޮތަށް ޢީދު ފާހަގަނުކުރެވުނުނަމަވެސް ޢީދުގެ އުފާ ފާހަގަކުރެވިދާނެއެވެ. ކޯވިޑް-19އާއި ގުޅިގެން ތަޢުލީމީ ދާއިރާއާއި މަސައްކަތުގެ މާޙައުލުގައިވެސް ޒަމާނީ ޓެކްނޮލިޖީއަށް ބަރޯސާވާން ފަށާފައިވާ މިދުވަސްވަރު އަޅުގަނޑުމެނަށް ޓެކްނޮލޮޖީގެ ޒަރީއްޔާއިން ޢީދުގެ ތަހުނިޔާ ފޮނުވާ އެކަކު އަނެކަކަށް ގުޅާލާ ޙާލުބަލާލެވި ދާނެއެވެ.

މިފަދަ ދުވަހެއްގައިވެސް ހަނދާނުގައި ބަހައްޓަންޖެހޭ މުހިއްމު ކަންކަން އެބަހުއްޓެވެ. އަޅުގަނޑުމެންގެ މުސްލިމު އުއްމަތަށް މިދުވަސް ފާހަގަނުކުރެވެނީ ދުވަހުގެ މަތިވެރިކަން ކުޑަވެގެން ނޫންކަމެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް-19ގެ ވައިރަހާ ގުޅިގެން ރައްކާތެރިކަމަށްޓަކައެވެ. އެހެންކަމުން އަމިއްލަ ނަފްސުގެ ރައްކާތެރިކަމާއި ޢާއިލާއާއި ރައްޙުމަތްތެރިންގެ ރައްކާތެރިމަށްޓަކާ މިއަދު ގައިދުރުކަން އިސްކުރަންޖެހެއެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ބޭރަށް ނިކުންނައިރު ކޮންމެހެންވެސް މާސްކު އެޅުމަކީ މުހިއްމުކަމެކެވެ. ގޭގައި ތިބި ޢުމުރުން ދުވަސްވީ މައިންބަފައިންނާ މެދު ވިސްނާލެއްވުމަށްފަހުވެސް މިކަންކަމަށް ސަމާލުކަން ދެއްވާށެވެ. ގައިދުރުކަން އިސްކުރައްވާށެވެ. ކޮންމެހެން ދާން ނުޖެހޭނަމަ ބޭރަށް ނުދާށެވެ. މާސްކު އަޅުއްވާށެވެ. ފަރުދީ ޒިންމާ އަދާކުރައްވާށެވެ. ވައިރަހުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ.