ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތުގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް 8488 މީހަކަށް 35.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު 5000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ގުޅޭ އުސޫލުގައި ވަނީ ޢާމްދަނީއަށް އަސަރުކުރިކަމަށް ބަލާނެ ޝަރުތުތައް ބަޔާންކޮށްފައެވެ.
ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ ގޮތުން ޢާންމުކޮށްފައިވާ އުސޫލުގެ މަޤްޞަދަކީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމެވެ.
ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި 1 މާރިޗު 2020 އާ ހަމައަށް ވަޒީފާއެއްގައި ހުރި މީހަކަށްވާން ޖެހޭކަމަށްވެސް އުސޫލުގައިވއެވެ.
މީގެއިތުރުން ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ މީހެއްކަމުގައި ވާންޖެހޭނެކަމަށާއި، ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ މީހަކަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ މީހަކަށް ވާންޖެހޭނެކަމަށްވެސް ސަރުކާރުގެ ފަރާތުން ޢިނާއަތް ދޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.