ޚަބަރު

ހުއްދަނެތި ރޭގަނޑު ދިހައެއްގެ ފަހުން ބޭރަށް ނިކުތުން މަނާ


މާލެ ސަރަހައްދުގައި ރޭގަނޑު ދިހަޔަކުން ފެށިގެން ފަތިހު ފަހެއް ޖެހުމާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.

މާލޭ ސަރަހައްދުގައި އޮތް ފުރަބަންދަށް ދިން ލުއިތަކާއެކު ކޯވިޑް-19ގެ ބަލިޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ނުރައްކާވަނީ ބޮޑުވެފައެވެ. އެހެންކަމުން ދީފައިވާ ބައެއް ލުއިތަކަށް ސަރުކާރުން މިވަނީ ބަދަލުތައް ގެންނަން ފަށާފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ މާލޭގައި ޢާއްމުކޮށް ބޭރަށް ނުކުމެ އުޅުމަށް ދީފައިވާ ލުއިތަކަށް ބަދަލުގެނެސް މިރެއިން ފެށިގެން ރޭގަނޑު 22:00 އާއި ފަތިހު 5:00އާ ދެމެދު ބޭރުގައި އުޅުމަކީ މަނާކަމެއްކަމަށް އަންގަވާފައެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެސެންޓަރުން ވިދާޅުވިއެވެ.

މިފިޔަވަޅުތައް ހާމަކުރައްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް ޢާއިޝަތު ސާމިޔާ ވިދާޅުވީ މާލެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރަށް ބަލައި ރަށްރަށަށް ބަލި ދިއުން ކޮންޓްރޯލްކުރުމަށް ރިޢާޔަތްކޮށް ޓެކްނިކަލް ޓީމްތަކާއި ސިޔާސަތު ކަނޑައަޅާ ބޭފުޅުންގެ ލަފަޔާއެކު ފިޔަވަޅުތައް އެޅުމުގައި އެކަކުއަނެކާ ބައްދަލުވާ މިންވަރު މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށެވެ. އެގޮތުން ރޭގަނޑު ދިހައަކާއި ފަތިހު ފަހަކާ ދެމެދުގެ ވަގުތަކީ މީހުން ބޭރުގައި ގިނައިން އުޅޭ ވަގުތަކަށްވާތީ ވީހާވެސް ބޮޑަށް ބޭރަށް ނިކުތުން މަދުކުރަންކަމަށް ސާމިޔާ ވިދާޅުވިއެވެ.

"އެއް ކަމަކަށް ވަރަށް މުހިއްމުކަމެއް މޫވްމަންޓްސް ނުވަތަ އެކަކު އަނެކަކަށް ދިމާވާން މިލިބޭ ފުރުސަތުތައް މަދުކުރުން. އެހެންވީމަ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު10އިން ފެށިގެން ފަތިހު ފަހަކާދެމެދު އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މާނާ މިކުރަނީ މިއާއެކުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު10އިން ފެށިގެން ފަތިހު ފަހަކަށް ޓޭކްއަވޭއާ ޑެލިވަރީގެ ޚިދުމަތް ދިނުންވެސް ހުއްޓާލާނެ" ޢާއިޝަތު ސާމިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްވެސް ވަގުތެއްގައި އެއްފަހާރާ 5 މީހުންނަށްވުރެ ގިނައިން އެއްވެއުޅުން ހުއްޓާލުމަށް އެޗްއީއޯސީން މިވަނީ އަންގަވާފައެވެ.

މިދިޔަ މާޗްމަހުގެ ކުރީކޮޅު ރާއްޖެއިން ކޯވިޑް-19 ފެނި އޭޕްރިލްމަހުގެ 15ވަނަ ދުވަހު ކޯވިޑް-19ގެ ކޭސްއެއް މާލެއިން ފެނުމާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި މަހަކަށްވުރެ ގިނަ ދުވަސްވަންދެން ބޭރަށް ނުކުމެއުޅުން މަނާކުރިއެވެ.

އެއަށްފަހު ފުރަބަންދަށް ލުއިދީފައިވަނީ ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ. މާލެ ސަރަހައްދުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ވަނީ އެދުވަހުން ފެށިގެން ލުއިދީފައެވެ. އެގޮތުން ޢާންމުކޮށް މީހުންނަށް ބޭރަށް ނިކުމެ އުޅެވޭގޮތަށް ހުޅުވާލުމާއި، އަތޮޅުތެރެއަށް ޚާއްސަ ހުއްދައަކާއެކު ދަތުރުފަތުރު ކުރުންފަދަ ލުއިތަކެއް ވަނީ ދީފައެވެ.