ޚަބަރު

ކޯވިޑް-19 : ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް މާލެއަށް އަރާފޭބުން މަނާކޮށްފި


މާލެސަރަހައްދުގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މާލެއަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އަރާފޭބުން މަނާކޮށްފިއެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އަތޮޅުތަކަށް ބަލި ފަތުރޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. އަތޮޅުތެރެއަށް ބަލި ދިއުން ކޮންޓްރޯކުރުމަށާއި، މާލޭގައި ދިރިއުޅޭ މީހުންގެ ރައްކަލަށްޓަކައި އަޅާ މިފިޔަވަޅާއެކީ މިއަދުންފެށިގެން މާލެއަށް ޚާއްސަ ހުއްދައެއް ނެތި އެރުންވަނީ މަނާކޮށްފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި އިތުރު ހުއްދައެއް ނުނަގައި ރަށްރަށުން މާލެއަށް އައުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް މާލެއިން ރަށްރަށަށް ދާމީހުން ދިއުމުގައި ނަގަންޖެހޭ ހުއްދަ ނަގައި ދާންބޭނުންވާ ރަށަކަށް ދިއުމަށްފަހު 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

މިއަދު މިގެނައި ބަދަލާއިއެކު އަނެއްކާވެސް ފުރަބަންދުގެ ހާލަތުގައި އޮތް ގޮތަށް މާލެސަރަހައްދަށް އަރާފޭބުން މިވަނީ ހަރުކަށި ކޮށްފައެވެ. މާލެއިން ރަށްރަށަށް ދިއުމުގައިވެސް އަދި ރަށްރަށުން މާލެއަށް އަންނަން ބޭނުންވާ ފަރާތްތަކަށްވެސް ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ނޫނީ އަރައި ފޭބުން މިހާރު މަނާވާނެއެވެ. މި ފިޔަވަޅުތަކާ އެކުވެސް ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާ އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގެންދިއުމުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެފުރުސަތު ކުރިއެކޭވެސް އެއްގޮތަށް އޮންނާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުގެ ރައްކާތެރިކަމަށް، ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރާއިރުވެސް ރައްކާތެރިކަމުގެ ގޮތުން ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށްފަހު ދަތުރުކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ބޭނުންވަނީ ބަލި ފެނުނު ރަށްތަކުން އެހެން ރަށްތަކަށް ބަލި ދިއުން ހުއްޓުވުން. ކައުންސިލުންތަކާއި ގުޅިގެން މަސައްކަތް ފަށާފައިވަނީ ކައުންސިލަށް އަންގާފައި ރަށްތަކަށް ދެވޭނެ ނިޒާމަކުން ޢަމަލުކުރުމަށް. ބަލި ނެތް ރަށްތަކުގައި މެދުގައި ދަތުރުކުރުން އެއްކޮށް ހުއްޓާލެވޭކަށް އަދި ނެތް". ނަޒްލާ ވިދާޅުވިއެވެ.

ރިސޯޓް ހިމެނޭގޮތަށް އަތޮޅުތެރޭގެ 12 ރަށަކުން ކޯވިޑް-19ގެ ކޭސްތައް ވަނީ ފެނިފައެވެ. މީގެ ތެރޭގައި 2 ރިސޯޓާއި، މީހުން ދިރިއުޅޭ 10 ރަށެއް ހިމެނެއެވެ.