ސިއްހަތު

ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީއަކަށް ސާމިޔާ ހަމަޖައްސަވައިފި


ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީގެ މަޤާމަށް އައިޝަތު ސާމިޔާ ހަމަޖައްސަވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީއަކަށް ސާމިޔާ ހަމަޖެއްސެވުމުގެ ކުރިން އޭނާ ފުރުއްވަމުން ގެންދެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ.

އައިޝަތު ސާމިޔާ ވަނީ ކެނެޑާގެ ޑަލްހައުސީ ޔުނިވަރސިޓީ އިން ހެލްތު ސަރވިސަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޙާޞިލުކުރައްވާފައެވެ. އަދި އޭނާ ވަނީ އޮސްޓްރޭލިޔާގެ ކާރޓިން ޔުނިވަރސިޓީން ބެޗެލަރ އޮފް ހެލްތު އިންފޮރމޭޝަން މެނޭޖްމަންޓުގެ ދާއިރާއިންވެސް ތަޢުލީމު ޙާޞިލުކުރައްވާފައެވެ.

ޞިއްޙީ ދާއިރާގެ ކަންކަމުގައި ސާމިޔާ މަސްޢޫލުވެއުޅުއްވާތާ 21 އަހަރު ވެފައިވާއިރު، މި ދާއިރާއިން އެންމެ ފުރަތަމަ އަދާ ކުރެއްވީ 1998 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަޤާމެވެ. އޭގެފަހުން ސާމިޔާވަނީ އައި.ޖީ.އެމް.އެޗާއި ހެލްތު މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ އެސިސްޓެންޓް ޑިރެކްޓަރކަމާއި، ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮރމޭޝަން ޑިވިޜަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ސާމިޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ނެޝެނަލް ހެލްތު ރިސަރޗް ކޮމިޓީ އާއި ނެޝެނަލް ހެލްތު ކައުންސިލުގެ މެންބަރެއްވެސްމެއެވެ.

މި ވަޒީފާތަކުގެ އިތުރުން ސާމިޔާއަކީ ޕްރޮފެޝަނަލް ޔޯގާ އިންސްޓްރަކްޓަރެކެވެ. އަދި ވިލާކޮލެޖުގެ މާސްޓަރސް އޮފް ޕަބްލިކް ހެލްތުގެ ދަަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންދަވާ ޕާރޓް-ޓައިމް ލެކްޗަރާއެކެވެ.